އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި، ސެޓްލްމަންޓު އެގްރީމަންޓެއް ހަދައި، ގެއްލުމުގެ މާލީ ބަދަލު ދީފި އެވެ.
ސިިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލައިގައި އައިޖީއެމްއެޗުން ވަނީ ތަގްސީރީ މަސްއޫލިއްޔަތު އަދާނުކޮށް، އެ ފަރާތުގެ އިހުމާލުގެ އަމަލުތަކުގެ ސަބަބުން، ތުއްތު ދަރިފުޅު މަރުވި ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، ދެމަފިރިންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ މާލީ ބަދަލު ނަގައިދިނުމަށް އެދުނެވެ.
އެކަމަކު، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އައިޖީއެމްއެޗާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން މައްސަލައިގެ އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަފުސީލު ދެއްވަމުން ބަންޑާރަ ނާއިބުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އާއިލާއިން އެ މައްސަލާގައި ދައުވާކުރީ ދަރިފުޅު މަރުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. ކުއްޖަކު މަރުވެފައިވާތީ އާއި ވަގުތު ސަލާމަތް ކުރަން އެންމެ މަސްލަހަތު ގޮތަކަށް ދައުލަތަށް ފެނުނީ ކޯޓުން ބޭރުން ސެޓްލްމަންޓު އެގްރިމެންޓަކަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މާލީ ގެއްލުމުގެ ބަދަލުގައި ދީފައިވަނީ އާއިލާއިން އެދުނު އަދަދަށް ވުރެ ކުޑަ އެއްޗެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ އަދަދު ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށް ބުންޏަސް މާލީ ގެއްލުމުގެ އިތުރު ތަފްސީލެއް އޭޖީ އޮފީހުން ނުދެ އެވެ.
އެ އޮފީހުން ބުނީ އައިޖީއެމްއެޗާއި އާއިލާއާ ދެމެދު ހެދި އެއްބަސްވުމުގައި ވެސް މާލީ ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ސިއްރު ކުރުމާ ގުޅޭ މާއްދާއެއް އާއިލާއިން އެދޭތީ ހިމަނާފައި އޮންނާނެ ކަމަށެވެ. އެހެންވެ، އެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.