ކުއާލަ ލަމްޕޫރު (ފެބްރުއަރީ 27) - ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އިސްލާމް ދީނަށްޓަކައި ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ސައުދީ އަރަބިއާ އޮންނާނެ ކަމަށް އެ ގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.
"އިސްލާމްދީނަށްޓަކައި ކުރެވޭ ކޮންމެ ކަމެއްގެ ފަހަތުގައި ސައުދީ އަރަބިއާގެ ގާބިލްކަން ތަންދިން އެންމެ ފުޅާދާއިރާއެއްގައި ބައިވެރިވެ އެއްބާރުލުން ދެމުން ގެންދާނަން،" ސަލްމާން ރަސްގެފާނުގެ ޝަރަފުގައި މެލޭޝިއާގެ ރަސްގެފާން މުހައްމަދު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ރަސްގެފާނުގެ ވަފުދަށް މެލޭޝިއާ އިން ކީ ހޫނު މަރުހަބާ އަށް ސަލްމާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސަލްމާން ވިދާޅުވި އެވެ.
ރަސްގެފާން ސަލްމާން މެލޭޝިއާ އަށް ވަޑައިގެންނެވީތީ އެ ގައުމުގެ ރަސްގެފާން މުހައްމަދު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއީ ޖެނުއަރީ 2013 ގައި ރަސްކަން ލިބިވަޑައިގެންނެވި ފަހުން ސަލްމާން ރަސްގެފާން މެލޭޝިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސަލްމާންގެ އޭޝިއާ ދަތުރުފުޅުގައި އިންޑޮނީޝިއާ، ޗައިނާ، ޖަޕާން، ރާއްޖެ އަދި ޖޯޑަން އަށް ވެސް ވަޑައިގަންނަވާނެ އެވެ.