ދިވެހި ސަރުކާރާއި ޕޭޕަލް ކުންފުނީގެ ބޭފުޅުން މިދިޔަ މަހުގެ 22 ގައި ބޭއްވި އޮންލައިން މަޝްވަރާ ބައްދަލުވުން.
01 ސެޕްޓެމްބަރ 2024 - 08:04
ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް މިދިޔަ ހަފުތާގައި އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ސަރުކާރުގެ "ފުލް ޕްރޮޕޯޒަލް" ޕޭޕަލް އަށް ފޮނުވީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.
"އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ޕޭޕަލް ކުންފުނީގެ ވެރިންނާ މިދިޔަ މަހުގެ 22 ގައި މަޝްވަރާ ކުރައްވަނީ.
ޕޭޕަލްގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓަރު ސައީދު މިދިޔަ މަހުގެ 22 ގައި ވަނީ އެ ކުންފުނީގެ އިސް ވެރިންނާ އޮންލައިންކޮށް މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު އެވެ.
ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް ގެނައުމަށްޓަކައި މި ސަރުކާރު އައި ފަހުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާ ގުޅޭ އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކޮށްފަ އެވެ.
ސައީދު ވެސް ރޭ ވިދާޅުވި ގޮތުގައި، ޕޭޕަލް ކުންފުނީގެ އިސްވެރިންނަށް ރާއްޖެ އަށް ތައާރަފު ކުރުމުގައި އެމެރިކާގެ ދައުރު ވަރަށް ބޮޑެވެ. މިނިސްޓަރު ވިދާޅުވީ، އޭނާ އެންމެ ފަހުން ވޮޝިންޓަނަށް ކުރެއްވި ދަތުރުގައި ވެސް ރާއްޖެ އާއި ޕޭޕަލް ގުޅުވައި ދިނުމަށް އެމެރިކާ ސަރުކާރުގެ އިސްވެރިންގެ އެހީތެރިކަން ލިބުނު ކަމަށެވެ.
ސަައީދު ވިދާޅުވީ، ޕޭޕަލްގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ މާކެޓާ ގުޅޭ ގޮތުން ކުރިން އޮޅުން ނުފިލާ ވަރަށް ގިނަ ކަންކަން އެ ބޭފުޅުންނަށް އޮޅުން ފިލި ކަމަށެވެ.
"ރާއްޖެ މިހާރު އައިސްފައި އޮތް ހިސާބާއި ހާއްސަކޮށް ޑިޖިޓަލް ސްޕޭސްގެ ތަރައްގީ އާއި މި ހުރިހާ އެއްޗަކަށް ބަލާއިރުގައި ވަރަށް ބޮޑު އެއްޗެއް އެ ބޭފުޅުންނަށް ވެސް ކުރިން އޮޅުން ނުފިލާ އެއްޗެހިތަކެއް އޮޅުން ފިލާ ދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން، ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ މާޗް މަހު ފަށައިފަ އެވެ.
ޕޭޕާލްގެ އިތުރުން ޕެޔޮނިޔާ، ސްކްރިލް، ސްޓްރައިޕް އަދި ނެޓެއްލާ ރާއްޖެއަށް ގެންނަން ރައީސްގެ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭޕޭލު
01 September 2024
ޕުރޮޕޯސަލް ކަޑައޭ. ތިއަށްވުރެ ތަންކޮޅެއް ރަނގަޅުކޮށްގެން މިކަން ވާނީ.
ލޮލްބެ
01 September 2024
އޯވ...އެހެންތަ؟ އަހަރުމެންގެ މުދާ ވިއްޔާ ބޭނުން އިރަކުން ދަމާ އެހެލައިގެން ގެންނަން.
ކިޔަވާގެ
01 September 2024
ޅަ ދަރިންގެ އަހުލާގަށް ވަރަށް ބޮޑު ނޭދެވޭ ބަދަލެއް އައުމުގެ ފުރުސަތު ބޮޑު.. މިކަމުން ދިވެހި ފާހަނާތަށް މޫނުބަލާ ލޯގަނޑަށް ބަދަލު ވުމުގެ ފުރުސަތު ބޮޑު.
ބެއްޔާގެ ދަރި
01 September 2024
ހަމަ މިހެން އެމެޒޯން ފަދަ ރާއްޖެ އަށް ނުލިބޭ ހިދުމަތްތައް ހޯދަން ވެސް ސަރުކާރުން މަސައްކަތް ކުރުން ރަނގަޅު
ހާސަރު
01 September 2024
ޕޭޕެއިލް ވެސް އަދި އެހެންވެސް މިކަހަލަ ޚިދުމަތެއް ލިބިގަތުމާގުޅިފާވަނީ ބޭރުފައިސާ . ރާއްޖޭގައި ބޭރުފައިސާ ބޭންކް ކުރެވުނު ދުވަހަކުން ހަގީގީ ފައިދާއެއް ލިބޭނީ.
ލާމިއު
01 September 2024
މިކަން ތައާރަފް ވާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ދެން ނުވާނެ މާ ގިނަ ދުވަހެއް. މީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ވެރިކަމެއް.
މިޝާލް ޖުނައިދް
01 September 2024
އެންމެ ބޮޑެތި ވައުދުތަކުން ފެށިގެން އެންމެ ކުޑަ ވައުދުތަކާ ހަމަޔަށްވެސް ފުއްދައިދިނުމުގެ މަގްސަދުގައި މި ސަރުކާރުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. މީ ރައްޔިތުންގެ ތައުރީފް ހައްގު ވެރިކަމެއް.
މާހިދު އަލީ
01 September 2024
ޒުވާން ވިޔަފާރި ވެރިންނާ ގިނަ ދިވެހީންގެ ވަރަށް ބޮޑު އެދުމެއް ޕޭޕަލް ވީހާވެސް އަވަހަކަށް ރާއްޖެ އަށް ތައާރަފް ވުމަކީ. ޝުކުރިއްޔާ މިނިސްޓާ
ޒިލްމާ
01 September 2024
ޕޭޕަލް ރާއްޖެއަށް އަންނަ ދުވަހަކީ އޮންލައިން ވިޔަފާރި ކުރާ މީހުންނަށް އަންނާނެ އުފާވެރި ދުވަހެއް. އެކަމުގެ މަލަމަތި ފެންނަން ފަށައިފި.
ޝަމާ އަލީ
01 September 2024
ރާއްޖެއަށް އައު ޑިމޮކްރަސީގެ ދަށުން އައި ހުރިހާ ވެރިންވެސް ވެރިކަމަށް އައުމަށްފަހު ވާ ވައުދުތަށް މަތިން ހަނދާންނައްތާލާ. އެކަމަކު ރައީސް މުއިއްޒު ނޫނީ ވައުދު ފުއްދުމަށް ރެޔާ ދުވާލު މަސައްކަތް ކުރާ އެހެން ވެރިޔެއް ނުދެކެން. އުންމީދަކީ މިކަންވެ ޒަމާންތަކަށް ދިވެހިން އުފުލަމުން ދިޔަ ތަކްލީފަށް ލުޔެއް ލިބިގެންދިޔުން. އިރާދަކުރެއްވިއްޔާ މިކަން އިސާހިތަކު ވާނެ.
އަނބިމީހާގެ ފިރިމީހާ
01 September 2024
އިލާން މަސްކު މިތަނަށް ގެނަސްބަލަ. މިތަނަށް އޭނާ ގެނަސް ސަރުކާރުގެ ފަންވަރު ދައްކާލަބަލަ.