ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި ތައާރަފްކުރާ ކަންތައްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށާއި ވިޔަފާރިތައް ކުރިއަރުވަން އަޅާ ހާއްސަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެ އަހަރު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަަށެވެ.
"މިގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، އެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން އާއްމުކުރަމުން ގެންދާނެ އެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް މުޅި ސަރުކާރުން ހާއްސަ ލުއިތަކެއް ލިބޭ ދެ އަހަރަަށް ވާނެ ކަމަށެވެ.
" މިއީ، ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރީގެ ދާއިރާ އަށް ވަންނަ ފަރާތްތަކަށް ވެސް ބޮޑު ފަސޭހައެއް އަދި ހިތްހަމަޖެހުމެއް. މިގޮތުން ލުއި ދިނުމާއި ކަންކަން ފަހިކޮށްދިނުމަށް ގެންނަ ބަދަލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރަން ލިބޭ ވަގުތު ކުޑަވެ، އެ އަށް ވުރެ އިތުރަށް ހިނގާ ވަގުތުތަކަށް، ޑެމަރޭޖްގެ ގޮތުގައި އެމްއޭސީއެލް އަށް ދައްކަން ޖެހޭ ފައިސާ ގިނަ ވުމެވެ.
އެކަމަށް ހައްލެއް ހޯއްދަވައި ދޭން، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ނިންމެވިކަން ރައީސް ހަމަ އެ ޖަލްސާގައި އިއުލާނުކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރި އަނެއް ކަމަކީ ހަތަރުފުރޮޅުލީ ވެހިކަލްތައް މާލެއަށް ރަޖިސްޓަރީ ކުރުން ހުއްޓާލާފައި އޮތުމެވެ.
ސޯސަން ފިހާރަ ހިންގާ އެކްސްޕޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ވަހީދު ވިދާޅުވީ ބާވެފައި ހުރި ވެހިކަލްތައް ނައްތާލާފައި ނަަމަވެސް އާ ވެހިކަލް ރަޖިސްޓަރީ ކުރަން އެދޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ މާލޭ ވިޔަފާރިބަނދަރުން މުދާ ނެރެން ހޭދަވާ ވަގުތު ގިނަވެ، އެކަމަށް ހިނގާ ހަރަދު ބޮޑުވުމެވެ. އެކަމަށް ހައްލެއްގެ ގޮތުގައި ހުށަހެޅުއްވީ މުދާ ގެންނަ ކުންފުނިތަކުގެ ވެހިކަލްތައް ބަނދަރަށް ވެއްދޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
އެހެން ވިޔަފާރިވެރިއަކު ކަންބޮޑުވުން ފާޅުކުރީ ހަމަ އެކަނި ދިވެހިންނަށް ހިދުމަތްދޭން ހިންގާ ގެސްޓް ހައުސްތަކުން ވެސް ޓީޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް އުސޫލު އޮތުމެވެ. އެގޮތަށް ހިންގާ ގެސްޓް ހައުސްތައް ރެގިއުލޭޓް ކުރާނެ ވަކި އިދާރާއެއް ކަނޑައަޅާފައި ނެތުމަކީ ވެސް ކަންބޮޑުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަތިވާ ގިނަ ކަންތައްތަކެއް އެ ބައްދަލުވުމުގައި އެކި ވިޔަފާރިވެރިން ރައީސަށް ދެންނެވި އެވެ.