އައްޑޫއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޒޯނަކަށް ބަދަލުކުރަން ނިންމައި އައްޑޫގައި ތިބެގެން އެކަން ކުރާނަމަ، ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީގައި ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ޒޯނުތައް ކަނޑައަޅައި، އެ ޒޯނުތަކުގައި ވަކި މުއްދަތަކަށް އެސްއެމްއީ ސެކްޓާގައި ލުއިތަކެއް ދިނުމަކީ އެމަނިކުފާނުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.
އެ ޕްރޮގްރާމު އަންނަ ޖެނުއަރީގައި ފަށަން ނިންމާފައިވާއިރު ރައީސް ވިދާޅުވީ ފުރަތަމަ ޒޯނަކީ އައްޑޫ ސިޓީ ކަމަށެވެ. އަދި ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން ބޮޑެތި ލުއިތަކެއް ލިބެނީ އައްޑޫގައި ތިބެގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަށާނަމަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެގޮތަށް އަޅުގަނޑުމެން ފުރަތަމަ ޒޯނެއްގެ ގޮތުގައި ކަނޑަައަޅާނީ އައްޑޫ ސިޓީ. އައްޑޫ ސިޓީން ކަނޑައެޅިގެން މި ދަނީ 1 ޖެނުއަރީ އިން ފެށިގެން 3 އަހަރު ދުވަހަށް ވަރަށް ގިނަ ލުއިތައް ދެވިގެން އެސްއެމްއީ ސެކްޓާގައި. އައްޑޫ ސިޓީގައި ފިޒިކަލީ ގާއިމުވެގެން ތިބެގެން ވިޔަފާރިކުރުމަށްޓަކައި،"
ރައީސް ވިދާޅުވީ ވިޔަފާރި ހިންގަނީ ދައުލަތުގެ ބިމެއްގައިނަމަ، އެ ބިމުގެ ކުލި މާފުވެގެންދާނެ އެވެ. އަދި އިންކަމް ޓެކްސް ދައްކަން ނުޖެހުމާއި 20-30 ކޯޓާ އިން އަހަރީ ފީ ލުއިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމީހުންގެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ ވެހިކަލްތަކަށް ފީ ދައްކަން ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިކަހަލަ ލުއިތައް ލިބިގެންދާނެ އައްޑޫ ސިޓީގައި ގާއިމުވެގެން ތިބެގެން އެސްއެމްއީ ވިޔަފާރިކުރާ ފަރާތްތަކަށް،"
ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބޭނުމަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއެކު އައްޑޫގެ އިގްތިސާދު ހަރުދަނާކުރުން ކަމަށެވެ.
އައްޑޫގައި ފުރަތަމަ އެ ޕްރޮގްރާމު ފެށި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެހެން ޒޯނުތައް ކަނޑައަޅައި، އެތަންތަނުގައި ވެސް އެ ޕްރޮޖެކްޓް ހިންގާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަ ކުރައްވައި، ރައީސް ވަނީ އެއީ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.
އެ ލުއިތަކުގެ އިތުރުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ އެހެން ލުއިތައް ވެސް އެ ވިޔަފާރިތަކަށް ލިބޭނެކަން ރައީސް މިރޭ އިއުލާން ކުރެއްވި އެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ ގޮތަށް ހަމަޖައްސުމާއި ޖީއެސްޓީ ރަޖިސްޓަރީ ކުރަން އޮންނަ ތްރެޝްހޯލްޑް އަދަދު 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުމުގެ އިތުރުން ކުދި ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓްކުރާ ރޯ މެޓީރިއަލްތަކުގެ ލިސްޓެއް ހަދައި، އެއަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ވަކި ބާވަތްތަކުގެ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލައި ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ހޯދައިދިނުން ކަމަށެވެ.