ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ސަރުކާރުން ހައްލު ކުރާނީ މަޝްވަރާގެ އުސޫލުން ކަމަށާއި ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު ޑޮލަރުގެ ކަޅުބާޒާރަށް ނިމުމެއް އަންނާނީ ކޮން އިރަކުތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އެކަމަށް ސީދާ ތާރީހެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ކަޅުބާޒާރަކީ އިއްޔެއަކު މިއަދަކު އުފެދުނު އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މައްސަލަ ހައްލު ކުރަން ވަގުތު ނަގާނެ ކަމަށެެވެ.
"މިއަށް ސީދާ ތާރީހެއް ދިނުމަށް ވުރެ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މީގައި ދެންނެވޭނެ ވާހަކައަކީ އިރާދަކުރެއްވިއްޔާ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެއޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނޮވެމްބަރު 17، 2023 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިގްތިސާދު އޮތީ ބޮޑު އަނދަވަޅެއްގައި ކަމަށާއި ނަމަވެސް ދަރަނިތައް ދައްކަމުން، އިގްތިސާދުގެ ކަންކަން ރަނގަޅު ކުރަމުން ކުރިއަށް ވަޑައިގެންނެވީ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނީގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ވާނީ މި ސަރުކާރުން ދައްކައިފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން ރާއްޖެއިން ބޭރަށް ފައިސާ ގެންދިއުމާއި ރާއްޖޭގައި ބޭރު ފައިސާ ގެންގުޅުން ފަދަ ކަންކަމަކީ ވަކި ގޮތަކަށް ބައްޓަން ވެގެން ކުރަމުން އައި ކަންކަން ކަމަށެވެ.
އެހެންވެ، އެ ކަންކަން ރަނގަޅު ކުރުމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަކު އަޅަން ޖެހޭ ފިޔަވަޅުތައް ވަކި ތަރުތީބެއްގެ ދަށުން އަޅަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ އިތުރުން ވެސް މިދަނީ ވަރަށް ގިނަ ކަންކަން އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ކުރަމުން. ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން ރާއްޖެ އިން ބޭރަށް ބޭރު ފައިސާ ގެންދިއުމާއި ރާއްޖޭގެ ތެރޭގައި ބޭރު ފައިސާ ގެންގުޅުމާއި މިހެން ގޮސް އެތައް ކަމެއް މި ހުރީ ވަކި ގޮތަކަށް ބައްޓަން ވެފައި. އެކަންކަން ރަނގަޅު ކުރުމަށް ވަގުތު ވެސް ނަގާނެ،" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަރުތީބެއްގެ ތެރެއިން އަޅަމުންދާން ޖެހޭނީ. އެޅުމުގެ ސަބަބުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ދާނީ މި މައްސަލަ ހައްލުވަމުން. ދެން ހައްލުކުރުމުގައި މަޝްވަރާގެ އުސޫލުން ކުރިއަށް ގެންދާނީ އެންމެންގެ ވެސް ބައިވެރިވުމާ އެކު. މިއީ އެންމެންގެ ވެސް ގައުމު. އެހެންވީމަ އިރާދަކުރެއްވިއްޔާ ނަތީޖާ ރަނގަޅުވާނެ."
މި ހަފްތާގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ބޭރު ފައިސާ މާރުކުރާ ހަތް ތަނެއް ބެލިއިރު، މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގެ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރާ ތަންތަނަކީ ރާއްޖެ އަށް އެއްވެސް ގޮތަކަށް ޑޮލަރު އެތެރެކުރާ ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް ވެސް ދޭ ތަންތަން ނޫންކަން މިހާތަނަށް ބެލިބެލުމުން އެނގެ އެވެ. އެހެންވެ، އެ މީހުންނަށް ޑޮލަރު ދެނީ ކޮން ބައެއްތޯ ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ރިސޯޓުތަކުން ކަޅުބާޒާރަށް މާރުކޮށްފައި ހުރި އަދަދުތަކަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބޭރު ފައިސާ މާރުކުރަން ހަދާފައި އޮންނަ އުސޫލުގެ ދަށުން ބޭންކުތަކަށް މާރުކުރަން ޖެހޭ 20 ޕަސެންޓަށް ވުރެ ވެސް ބޮޑެތި އަދަދުތަކެއް ކަމަށެވެ.
އެހެންވެ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ވަނީ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފަ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކޮށްފައި މި ވަނީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫނެވެ.