ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން އެ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމަވައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ ވިޔަފާރިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ ގޮތަށް ހަމަޖައްސަވަން ނިންމަވައިފަ އެވެ. އެއީ ސަރުކާރުން އެ މީހުންނަށް ދޭން އޮންނަ ފައިސާ އާއި އެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އަޅާ ކެނޑުންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ބޮޑު ލުޔެއް ކުދި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ.
"މާނައަކީ އެ ފަރާތުން ސަރުކާރުން އެ ފަރާތްތަކަށް ދޭން އޮންނަ ފައިސާ އާއި ސަރުކާރަށް އެ ފަރާތްތަކުން ޓެކްސް ދައްކަން އޮންނަ އަދަދާ އޮފް ސެޓްކޮށްފައި ހެދުން. މާނައަކީ މިސާލަކަށް ކުންފުންޏަކުން ދައްކަން އޮތް ޓެކްސް، ސަރުކާރުން އެ ފަރާތަށް ދޭން އޮތް އަދަދާ ބަލާއިރު ކުޑައިއްޔާ އެ މީހާ އެ ކުންފުނިން އެ ފަހަރު ޓެކްސް ދައްކާކަށް ނުޖެހޭނެއޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެ މީހާ އެ އަޅާ ކަނޑާފައި ބާކީ އޮންނަ ބައި އެ ފަރާތަށް ސަރުކާރުން ދޭނީ. ހަމަ އޭގެ އަނެއްކޮޅު، ސަރުކާރުން އެ ފަރާތަށް ދޭން އޮންނަވަރު ޓެކްސް ބޮޑިއްޔާ އެ ބައި ކަނޑާފައި ދެން ޓެކްސް ދައްކަން ޖެހޭނީ."
އެ ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ވަރަށް ބޮޑަށް ކުޑަވާނެ އެވެ.
ދެވަނަ ލުޔެއްގެ ގޮތުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވީ ޓެކްސް ދެއްކުމަށް ތްރެޝްހޯލްޑް އަދަދުގެ ގޮތުގައި މިހާރު އޮންނަ އެއް މިލިއަން ރުފިޔާގެ އަދަދު އަންނަ އަހަރުން ފެށިގެން 1.5 މިލިއަން ރުފިޔާއަށް ބަދަލު ކުރުމެވެ. އަދި އެކަމާ ގުޅިގެން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކެއް ޖެނުއަރީން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ތްރެޝްހޯލްޑް މަތިކުރެވިގެންދާނެ. މިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ކުދި ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓްކުރާ ރޯ މެޓީރިއަލްތަކަށް ލުއި ދިނުމުގެ ގޮތުން އެ އައިޓަމްތަކުގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމެނޭ ބާވަތްތަކަށް އެއްވެސް އިމްޕޯޓު ޑިއުޓީއެއް ނުނަގާ ގޮތަށް ވެސް ބަދަލުކުރައްވާނެކަން އިއުލާން ކުރައްވައިފަ އެެވެ. އެގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެ ބަދަލު ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ބޭރުން ފައިސާ ލިބުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި އެހެންވެ، އެ ހުރަސްތައް ނަައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ބީއެމްއެލް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީ ގުޅިގެން ފަހިކޮށްދޭ ފުރުސަތެއްގެ ދަށުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތެރިންނަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
"ޑޮލަރުން ލިބޭ މި ފައިސާ ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ އިރާދަކުރެއްވިއްޔާ. އަދި ވިޔަފާރިތަކުން ބޭނުންކުރާ ހިދުމަތަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓުތައް ދަތިނުވާނެހެން ދެއްކޭނެ އިންތިޒާމު ވެސް އެކެއް ނޮވެމްބަރުން ފެށިގެން ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެ ލުއިތަކާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށާއި އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލައި، ޖީބަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، އުއްމީދު ކުރައްވަނީ ގިނަ ބަޔަކު ކުދި ވިޔަފާރިތައް ފަށައި އަމިއްލަ ބާރުވެރިކަން ހޯދުން ކަމަށާއި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.