މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި 4،400 ޕްރޮޑަކްޓެއް ބައިވެރިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ. 

"މޯލްޑިވްސް އެކްސްޕޯ 2026" ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ މައުރަޒަކީ ކުރިން ރާއްޖޭގައި ނުބޭއްވާހާ ބޮޑު އަދި ފުރިހަމަ މައުރަޒަކަށް ވާނެ ކަމަށެވެ. 

މާދަމާ ރަސްމީކޮށް ހުޅުވާ އެ މައުރަޒުގައި 600 ބައިވެރިންގެ 4،400 އުފެއްދުން ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވަނީ 240 މީހެއްގެ 2،467 ޕްރޮޑަކްޓެކެވެ. 

އެހެންވެ، މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. 

"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މި ޕްރޮޑަކްޓްތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. 240 މީހުން މިދިޔަ އަހަރު 2467 ޕްރޮޑަކްޓަށް ކޮންޓްރިބިއުޓް ކުރިއިރު މިއަދު އެ އަދަދު ވަނީ 600 ފަރާތަކަށް އިތުރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ ކުރިން ފަސް ޑިސްޓްރިކްޓަކަށް މައުރަޒު ކުރިއަށް ދިޔަ ނަމަވެސް މިފަހަރުގެ މައުރަޒަށް އިތުރު ދެ ޑިސްޓްރިކްޓް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ވިޒިޓާ އިކޮނޮމީ އާއި އިންޓަނޭޝަނަލް ޑިސްޓްރިކްޓެވެ.

ސައީދު ވިދާޅުވީ ވިޒިޓާ އިކޮނޮމީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކުން ފެށިގެން އެންމެ ކުދި އިންވެސްޓްމަންޓްތަކަށް ވެސް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް ޑިސްޓްރިކްޓްގެ ސަބަބުން ބޭރުގެ އެކި އާދަޔާ ހިލާފު އީޖާދުތައް ފެނި، އެ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް އާދަޔާ ހިލާފު ޓެކްނޮލޮޖީ މިފަހަރުގެ އެކްސްޕޯ އިން އިންޓަނޭޝަނަލް އެގްޒިބިޓަރުންގެ ފަރާތުން ފެނިގެންދާނެ. ރާއްޖޭގެ އިންޑަސްޓްރީތަކަށް ވެލިއު އެޑްކުރެވިދާނެ އީޖާދީ އުކުޅުތައް، ޓޫލްސްތައް ފެނިގެންދާނެ. އެހެންވީމަ އެ ފަރާތްތަކާ ވެސް ގުޅުވަދެމުން މިދަނީ." 

ސައީދު ވިދާޅުވީ 2040 ވަނަ އަހަރާ ހަމައަށަ ދާއިރު ރާއްޖެއިން ބޭރުން ލިބޭ ބިނާކުރަނިވި ފައިދާތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ މުސްތަގުބަލާއި ފުއްދުންތެރިކަމަށް އެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.