ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ސަރުކާރާއި އެސްޓީއޯ އާއި އަބޫދާބީގެ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ އެކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، އެއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އާއި އިގުތިސާދީ މައި މަރުކަޒެއް ގާއިމް ކުރުމަށް މިދިޔަ ދިގު މުއްދަތުގައި ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބޭ ބާރެއް ކަމަށެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓްގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސްޓީއޯއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި އަބޫދާބީގެ ސާހް ގުރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.
"މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުން ހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގަ އެވެ،" އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވެ އެވެ.
އެ މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ތެރޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމް ކުރާނެ ކަމަށެވެ. އަދި ޓޫރިޒަމާއި އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީ ވެސް ކުރާނެ ކަމަށް ބުންޏެވެ.
"މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ، ވަރުގަދަ ވެގެންދާނެ އެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއުއަކީ އެ މިނިސްޓްރީން ބުނި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މަޝްރޫއު އެކެވެ. އަދި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި މަޝްރޫއުއެކެވެ. "ވިޝަން 2040" ދުރު ރާސްތާގެ އިގުތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް އަޅާ މުހިންމު ބިންގަލެއް ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
"...އިންޓަނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލް ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަހައްދު ކެޕިޓަލައިޒް ކުރުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް އެކިއެކި ސަރުކާރުތަކުން މިހާތަނަށް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް އަމަލީ ގޮތުން މާ ބޮޑު ކަމެއް ނުކުރެވެ އެވެ.
ނަމަވެސް މި ސަރުކާރުން ބުނީ، މިރޭ ސޮއިކުރި އެއްބަސްވުމަކީ ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
"ދިވެހި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވި، ދިވެހި އިގްތިސާދަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މި މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމެވެ. އަދި 2040 އަށް ހަމައަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމެވެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.