ތަކެތީގެ އަގުތައް ބަލަން ފަސޭހައަކަށް ސަރުކާރުން ގާއިމްކުރި "އަގުމަގު ޕޯޓަލް" ގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީ ކޮށްފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އަގުމަގު ޕޯޓަލްގައި 2،224 ވިޔަފާރިއަކުން ރަޖިސްޓްރީކޮށްފައި ވާއިރު ކޮންމެ ދުވަހަކު އެ ޕޯޓަލް ބޭނުންކުރާ މީހުންގެ އަދަދަކީ މިހާރު 2،724 އަށް އަރާ ކަމަށެވެ. މީހުން އެ ޕޯޓަލް ޑައުންލޯޑްކުރި އަދަދު މިހާރު 3،300 އަށް ވުރެ މަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިތުބާރު ހިފޭ، ބޭނުން ހިފޭ ޕްލެޓްފޯމެއްގެ ގޮތުގައި [އަގުމަގު ޕޯޓަލް] ބޭނުންކުރާ މިންވަރު މުޅި ރާއްޖޭގައި އަންނަނީ އިތުރުވަމުން،" ސައީދު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީމަހު ތައާރަފުކުރި އަގުމަގު ޕޯޓަލްގެ ބޭނުމަކީ އަސާސީ ބާވަތްތަކުގެ އަގު ފަސޭހައިން ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އެ ޕޯޓަލް ފުރަތަމަ ތައާރަފްކުރި އިރު އެއިން ފެންނަން ހުރީ ހަމަ އެކަނި މާލޭގެ ފިހާރަތަކުން ތަކެތި ލިބޭ އަގުތައް ކަމަށް ވިޔަސް، މޮބައިލް އެޕްލިކޭޝަނާ އެކު މިހާރު ވަނީ ހިދުމަތް ފުޅާކޮށްފަ އެވެ.