ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން ދީފި އެވެ.
ނަސްރުﷲ އަވަހާރަކޮށްލީ ހިޒްބުﷲގެ މަރުކަޒަކަށް އަމާޒުކޮށް އިޒްރޭލުން އިއްޔެ ރޭ ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ.
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ޚާމަނާއީ ވިދާޅުވީ، ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމަށެވެ. ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ޚާމަނާއީ ވަނީ އިރާނުގައި ކުރިއަށް އޮތް ފަސް ދުވަހަށް ހިތާމަފާޅުކުރަން ނިންމަވައިފަ އެވެ.
ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަކޮށްލައިފަ އެވެ.
އެކަމުގެ ބަދަލު ވެސް ހިފާނެ ކަމަށް އިރާނުން ބުންޏަސް، އިޒްރޭލާ ދެކޮޅަށް އިރާނުން އަސްކަރީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެއީ މި ހަނގުރާމައިގެ ތެރެއަށް އިރާނުން ސީދާ ވަންނަން ބޭނުން ނުވާތީ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެކަމަކު ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން، އިރާނަށް ވެސް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ، ސަރަހައްދީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވުުމުގެ ބިރު ބޮޑުކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ވިދާޅުވެފަ އެވެ.
ހިޒްބުﷲ އިން ބުނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.