އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކައިން އަޅަން ނިންމާފައިވާ އާ އިންޖީނުގެއަށް އިތުރަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު އެ ކުންފުނިން މަޝްވަރާތައް ފަށައިފި އެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާއި ކުންފުނީގެ އިސްވެރިން، އައްޑޫ ސިޓީ ކައުންސިލުގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ.
މާލޭގައި ހުންނަ ފެނަކައިގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގަތެވެ.
"މި ބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ހިންގާ ޕްރޮޖެކްޓުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައި،" ފެނަކައިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، ޕަވާޕްލާންޓެއް ނުވަތަ އިތުރު އިންޖީނުގެއެއް އަޅާނެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަމުން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ވަރަށް ބޮޑެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ އާންމުކޮށް ކުރިމަތިވަނީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު މަގުތަކުގެ އަޑީގައި ވަޅުލާފައި ހުންނަ ބައެއް ކޭބަލްތަކަށް ގެއްލުން ލިބިގެންނެވެ.
އައްޑުއަށް ކަރަންޓާއި ފެނުގެ ހިދުމަތް ދެނީ ފެނަކައިންނެވެ.