ކ. މާފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
މި ސެންޓަރު އިއްޔެ ހުޅުވައި ދެއްވީ އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އާއި މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު އެވެ.
މި ސެންޓަރު ހުޅުވައިދެއްވުމަށް ފަހު އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ މާފުށްޓަކީ އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ރަށަށް ވާއިރު، މި އޭޓީއެމްގެ ސަބަބުން ގިނަ ފަސޭހަތަކެއް ޓޫރިސްޓުންނާއި އާއްމުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ތަނުގައި ހުރި ދެ އޭޓީއެމްއިން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެމްއައިބީއިން ހުޅުވި އޭޓީއެމް ސެންޓަރުގައި ފައިސާ ޖަމާކޮށް ނެގޭނެ އެވެ. އެ ސެންޓަރުގައި ބަހައްޓާފައިވަނީ ޑޮލަރު އަދި ރުފިޔާ އޭޓީއެމްއެކެވެ.
މިއީ އެމްއައިބީގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބެހެއްޓި އޭޓީއެމް އެކެވެ. އެ ބެންކުން ދާދިފަހުން ވަނީ ގދ. މަޑަވެލީގައި ވެސް އޭޓީއެމްއެއް ބަހައްޓައިފަ އެވެ.
އެމްއައިބީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެ ބެންކުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް ދެމުންނެވެ.