މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކ. ތުލުސްދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

އެ ބޭންކުން އެ ރަށުގައި ބެހެއްޓި އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ޖަމާކޮށް، ނެގޭނެ އެވެ. މި އޭޓީއެމްތަކުން އެއްފަހަރާ ދެ ލައްކަ ރުފިޔާ ޖަމާކުރެވޭނެ އެވެ. ވިޔަފާރިތަކަށް ބިޒްނަސް ކާޑު ބޭނުން ކޮށްގެން އިތުރަށް ޖަމާކުރެވޭނެ އެވެ.

އެމްއައިބީ އިން ބުނީ، އެއީ އެންމެ ފަހުގެ އޭޓީއެމްތަކެއް ކަމަށާއި ކާޑު ބޭނުންނުކޮށް ވެސް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. ކާޑާއި ނުލައި ފައިސާ ޖަމާކުރެވޭނީ ފޯނު ނަމްބަރު ބޭނުން ކޮށްގެންނެވެ.

މި ގޮތަށް ފައިސާ ޖަމާކުރުމަށް ފޯނު ނަމްބަރު ޖެހުމުން އޯޓީޕީއެއް ލިބޭނެ އެވެ. އޯޓީޕީ ނަމްބަރު ޖަހައި ވެރިފައިކުރުމަށް ފަހު، ފައިސާ ޖަމާކުރަން ބޭނުންވާ އެކައުންޓު ނަމްބަރު ޖެހުމުން ފައިސާ ޖަމާކުރެވޭނެ އެވެ.

އެމްއައިބީއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިދުމަތް ފުޅާކުރުމުގެ އެކި ރަށް ރަށުގައި އޭޓީއެމް ބަހައްޓައި އާބާދީ ބޮޑެތި ރަށްރަށުގައި ސާވިސް ސެންޓަރުތައް ވެސް އަންނަނީ ހުޅުވަމުންނެވެ. އެމްއައިބީގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އެވެ.