ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ދީފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ލިބުމަކީ ތާރީހީ، މުހިއްމު ނިންމުމެއް ކަމަށެވެ.
މިނިސްޓަރު ސައީދުއާ އެ ލައިސަންސް ހަވާލު ކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
ޑިވެލޮޕްމަންޓު ބޭންކްގެ ހިދުމަތް ފެށުމުން، އިގްތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ތައާރަފުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެ ބޭންކްގެ ހިދުމަތް އަންނަ އަހަރުގެ އޮކްޓޫބަރު 12 އިގެ ނިޔަލަށް ފަށަން ޖެހޭނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވާއިރު، އޭގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމެވެ.
ބިޔަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިނޭންސިން ފަހިކޮށްދިނުމަށްޓަކައި ޑިވެލޮޕްމެންޓް ބޭންކެއްގެ ރާއްޖޭގައި ހުޅުވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
ޑިވަލޮޕްމެންޓް ބޭންކަށް ލައިސަންސް ލިބުނު އިރު، ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމް ކުރުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.