ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ 32 ދަރިވަރަކަށް، ޗައިނާ އެމްބަސީގެ "ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުން އެހީފޯރުކޮށްދީފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ފޯރުކޮށްދީފައިވަނީ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށެވެ.

"ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުން އެހީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް ޖުމްލަ 10،000ރ. ވަނީ ދީފަ އެވެ.

އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވަން ލީޝިން ވިދާޅުވީ މި އެހީ އަކީ ދަރިވަރުންގެ ކިޔެވުމަށް ފަރުވާތެރިވެ، ހުނަރު އިތުރުކޮށް، އިތުރަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

ޗައިނާގެ އެމްބަސީގެ އެހީ ލިބުނު ދަރިވަރުންނަށް އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވާހަކަދައްކަވަނީ --
ޗައިނާގެ އެމްބަސީގެ އެހީ ލިބުނު ދަރިވަރުންނަށް އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވާހަކަދައްކަވަނީ --

އޭނާ ވިދާޅުވީ ޒުވާނުންނަކީ މުޖުތަމައުގެ އެންމެ ހަރަކާތްތެރި އަދި ދިރުންހުރި ބާރު ކަމަށާއި ގައުމުގެ މުސްތަގުބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލި އަޅުވާލައްވައި ސަފީރު ވަނީ ޗައިނާގެ ސްކޮލަޝިޕްގައި އެ ގައުމުން ކިޔެވުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ވެސް އެމްއެންޔޫގެ 10 ދަރިވަރަކަށް މި އެހީ ފޯރުކޮށްދީފައިވެ އެވެ.