ވެސްޓް ޕާކް ހިންގުމުގެ މުއްދަތު ޔޮޓް ޓުއާސް އަށް އިތުރުކޮށް ދޭން އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން ވެސްޓްޕާކް ހިންގަމުން ދަނިކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސެޕްޓެމްބަރު، 2012 ގައި އޭރުގެ މާލޭ ސިޓީ ކައުންސިލުން ވަނީ އެތަން ހިންގުން މެރީ ބްރައުންގެ އެއް ހިއްސާދާރު އާމިރު މަންސޫރާ ހަވާލުކޮށްފަ އެވެ.

އެެތަނުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި ޔޮޓް ޓުއާސް އިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމާފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އަމުރުކޮށްދެވެން ނެތް ކަމަށެވެ. މި މައްސަލަ ޔޮޓް ޓުއާސް އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުން ނަމަ، އެކަމުގެ މަޝްވަރާތައް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަ މަސް ކުރިން ފަށަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނާއިރު، އެކަން ކޮށްފައިނުވާ ކަމަށެވެ. އަދި އެތަން އެހެން ފަރާތަކާ ހަވާލުކުރަން މަސައްކަތް ކުރަމުން ދިޔައިރު އެކަން ހުއްޓުވަން ނުވަތަ އެކަމާ ދެކޮޅަށް ޔޮޓް ޓުއާސް އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެ ހުކުމުގައި ވެ އެވެ.