މާލޭގައި ކުލަ ފާޓާތަކެއް އަރުވައިގެން ދިޔަ ޕިކަޕަކުން ކުލަ ފާޓާތަކެއް މަގު މައްޗަށް ވެއްޓި، މަގުމައްޗަށް ކުލަ އެޅިއްޖެ އެވެ.
އެ ހާދިސާ ހިނގީ މާވެޔޮމަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުންނެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ އެ ސަރަހައްދުގައި ހުރި ކުލަ ވިއްކާ ތަނަކަށް ގެންދިޔަ އެ ކުލަފާޓާތައް ވެއްޓުނީ ޕިކަޕް ޕޭވްމަންޓް މަތީގައި ޕާކް ކުރުމަށްފަހު ކުލަ ފާޓާތައް ބާލަން އުޅުމުގެ ތެރޭގައި އަރިއަޅާލުމުން ކަމަށެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ކުލަ ފާޓާތައް އަރުވައިގެން ދިޔައީ ޕިކަޕަށް ވުރެ އުސްކޮށް މަތިމައްޗަށް އަތުރައިގެންނެވެ. އަދި ކުލަ ފާޓާތައް އަރި އަޅާލައިގެން މަގުމައްޗަށް ވެއްޓި ފަޅައިގެން ދިއުމުން މުޅި މަގުގައި "ކޯރެއްހެން" ކުލަތައް ވަނީ ފެތުރިފަ އެވެ.
އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ވެސް ވަނީ ކުލަ އެޅިފަ އެވެ.
ކުލަ ފާޓާތައް ނެގުމަށްފަހު މަގު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، މީގެ ކުރިން ވެސް ކޯރުކެނޑި ހިނގުމުގައި މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ.
މިދިޔަ މަހު ވެސް ކުލަ ފާޓާތަކެއް އަރުވައި ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ފާޓާތައް ވެއްޓި މަގުމައްޗަށް ކުލަ އެޅުނެވެ. އޭރު އެ ސަރަހައްދު ސާފުކުރީ އެމްއެމްޑީއެފުންނެވެ.