ގޭގެ ކަނެކްޓިވިޓީ މިހާރަށް ވުރެ ފުރިހަމަކޮށް، އެންމެ ރަނގަޅު ފެންވަރަށް އިންޓަނެޓުގެ ހިދުމަތް ހޯދުމަށް އެންމެ ރަނގަޅު އެއް ޑިވައިސްއަކީ ދިރާގު އޮރެންޖް ބޮކްސް މެޝް ޑިވައިސް އެވެ.
ދިރާގުން ބުނިގޮތުގައި އެ ޑިވައިސްއަކީ ގޭގެ އިންޓަނެޓް ކަވަރޭޖް އަދި ސިގްނަލް ވަރުގަދަކޮށް، އެކި ކޮޓަރިތަކާއި ފަންގިފިލާތަކަށް ހަލުވި ސްޕީޑްގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ.
ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖަރު ބްރޯޑްބޭންޑް އެންޑް ޑިވައިސަސް، އަހުމަދު އިޝާން ވިދާޅުވީ ދިރާގު އޮރެންޖް ބޮކްސް މެޝް ވައިފައިއާ އެކު، ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހަރުދަނާ އަދި ވަރުގަދަ އިންޓަނެޓް ކަނެކްޓިވިޓީ ލިބިގެންދާނެ ކަމަށެވެ.
" އެންމެ ބަލާ ހިތްވާ ޝޯތައް ސްޓްރީމްކޮށްލަން، އޮންލައިންކޮށް ގޭމް ކުޅެލަން ނުވަތަ ގޭގެ ސްމާޓް ޑިވައިސްތައް މެނޭޖްކޮށްލަން ވިޔަސް، މި ޑިވައިސްއާ އެކު ގޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު އިންޓަނެޓާ ގުޅާލެވޭނެ." އިޝާން ވިދާޅުވި އެވެ.
ދިރާގުން ބުނީ އިންސްޓޯލްމަންޓް ޕްލޭންތަކާ އެކު މަހަކު އެންމެ 70 ރުފިޔާއަށް ދިރާގު އޮރެންޖް ބޮކްސް މެދުވެރިކޮށް ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ގޭގައި އިންޓަނެޓް ކަނެކްޓިވިޓީ ތަޖުރިބާކޮށް ލެވޭނެ ކަމަށެވެ.
ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތް މިހާރު ބޭނުން ކުރަމުންދާ ހުރިހާ ކަސްޓަމަރުންނަށް ދިރާގުގެ މައިއެކައުންޓް މެދުވެރިކޮށް އޮރެންޖް ބޮކްސް މެޝް ޑިވައިސް ހޯދަން އެޕްލައި ކުރެވޭނެ އެވެ. އަދި އެ ކަސްޓަމަރުންނާ އެންމެ ކައިރީގައި ހުންނަ ކަސްޓަމާ ސާވިސް ސެންޓަރުން އެ ޑިވައިސް ލިބޭނެ އެވެ.