އެންސްޕާ އޮފީސް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 ޑިސެމްބަރ 2024 - 17:43
އެމްއެމް ޓީވީގެ ނަމުގައި މިދިޔަ ހަފުތާގައި ފެށި ޓީވީ ޗެނަލްގެ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ފްލޯތަކެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގަން އެވޯޑް ކުރުމުގެ ފަހަތުގައި ކޮރަޕްޝަން އަދި ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ބުނެ، އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމައިފި އެވެ.
އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނީ އެމްއެމްޓީވީގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ޓީވީ ޗެނަލްގެ ކުންފުނިން ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާ އިމާރާތެއްގެ ފްލޯތަކެއްގައި އެންސްޕާ ހިންގަން ކުއްޔަށް ހިފުމުންނެވެ. އެތަން އެންސްޕާ އިން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑަގެ އުސޫލުންނެވެ.
"މި މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި ބަދުނާމު ކުރުމަށް ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދައްކައި، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން އެ ކުންފުންޏަަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައި ވާތީ، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ،" އެންސްޕާގެ ބަޔާނުގައި ވެ އެވެ.
އެންސްޕާ އިން ބުނީ، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު، މޯލްޑިވްސް މީޑިއާ ހައުސްއާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެންސްޕާ އިން މިހާރު ނިންމާފައިވާ ކަމަށެވެ.
"އަދި މިކަމާ ގުޅިގެން އިތުރަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމާއި މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ،" އެންސްޕާގެ ބަޔާނުގައި ވެ އެވެ.
އެންސްޕާއިން ކުރިން ބުނެފައިވަނީ އެ އެޖެންސީ މިހާރު ހިންގަމުން އަންނަ އިމާރާތުގެ މުއްދަތު ހަމަވާތީ އެތަން ކުއްޔަށް ހިފީ ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެކަމަށް ދެ ފަހަރަށް އިއުލާން ކުރިއިރު، ދެވަނަ ފަހަރު ކުރިމަތިލާފައިވަނީ މޯލްޑިވްސް މީޑިއާ ހައުސްއިން އެކަނި ކަމަށާއި އަދި ޓެންޑާ ބޯޑު ފިޔަވައި އެހެން ފަރާތަކާ އެކު އެ ކުންފުނިން މުއާމަލާތް ކޮށްފައި ނުވާނެ ކަމަށް އެންސްޕާ އިން އޭރު ބުނެފައިވެ އެވެ.
އެންސްޕާއިން އެތަން ފަސް އަހަރަށް ކުއްޔަށް ހިފާފައިވަނީ 34 މިލިއަން ރުފިޔާއަށެވެ.
އެ މައްސަލަ ފެންމަތިވުމުން އެކަން ބަލައިދޭން އެދި އެންސްޕާއިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެދިފަ އެވެ.
އެންސްޕާ ހިންގުމަށްޓަކައި ތިން ފްލޯ ކުއްޔަށް ހިފީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ މއ. ސީރާޒީގެއިންނެވެ. އެއީ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ފްލޯތަކެކެވެ.
އެންސްޕާ މިހާރު ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު، އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ތަނުން ނުކުންނަން ޖެހޭ އެންސްޕާ އިން ކުރިން ބުނެފައި ވެ އެވެ. އެހެންވެ، ސަރުކާރުގެ އިމާރާތެއް ނުލިބުމުން ޓެންޑަ ބޯޑު މެދުވެރިކޮށް ތަނެއް ހޯދަން ޖެހުނީ ކަމަށް އެންސްޕާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންބެ
03 December 2024
ދެން އެހެންވީމާ އަނެއްކާވެސް އިދާރާއެއް އުފައްދަންމިޖެހެނީ. ދައުލަތަށް ބޭނުމްވާ ތަންތަން ކުއްޔަޔަށް ހިފަން ބޭނުންވެގެން ޢިއުލާނުކޮށްދޭނެ ތަނެއް. އޭރުން ބޭނުންވާވަރަށްވުރެ އިތުރަކަށް ތަންތަން ނަގަން ފަސޭހައެއް ނުވާ ެނޫންތަ. މިއިދާރާ ގެ މަސައްކަތް ކޮންމެ އިޢުލާނަކަށްވެސް އޭސީސީ އިން މުރާޖަޢާ ކޮށްފައި ނިންމާނީ.
ޑޯނިބެ
04 December 2024
އޭރަށް މިކަމުގަ ހިނގާ ކޮރަޕަޝަން އިތުރަށް ފުޅާވެ ވިޔަފާރި އުސޫލުން ރޭޓު ކަނޑައަޅާ ތިބުނާ ތަނެއްގަ ތިބޭ ބަޔަކު ގަވައިދުން ކަޓު ނަގާނެ. އެވަރަށް ފުޅާވެ އެއްބައެއްގެ ބާރުގެ ދަށަށް ދިޔައިމަ ސްޓްރީމްލައިންވެ އޭސީސީ ފަދަ ތަންތަން މަތަކޮށްލާނެ މާލީ ތަނަވަސްކަންވެސް އެބަޔަކަށް ލިބޭނެ. ތަނުގެ ހާލަތާ މީހުންގެ އަޙްލާގީ ފެންވަރާއި އިޙުލާސްތެރިކަން މިވަރަށް ދައްވެފައި އޮއްވާ ތިކަހަލަ ކަމެއް ކުރަން ހެޔޮ ނުވާނެ
ލުބްލާ2024
03 December 2024
އެއްބަސްވުން ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގައި ކިތައް ބިލިއަންބާ ދޭންޖެހޭނީ؟
ރަންދެލި
03 December 2024
ސަހަރޯ. ބާރަށް މިއޮށް ދަވަނީ ކުރުދޮށީގަ!
ކޮއްކޮބެ
03 December 2024
ކޮބާ މީގެންއެނގޭކަމަކީ ކޮރަޕްޝަން ހިންގައިފިކަން އެހަބަރުގަ ތެދުއެބަވާކަން
ބަދަލުދިނުން
03 December 2024
ދެން މިހާރުވަކި ކޮންތާކު މިޖެހުނީ. ތިއެއްޗެއްދޭން އުޅުނުބަޔަކައް ގެއްލުމުގެ ބަދަލުގެގޮތުގަ ބޮޑުއެއްޗެއްދޭނެ މިކަހަލަ ކަންތައްތައް މިގައުމުގަ ނިމޭގޮތުން އެބަދަލަކީ ކުއްޔައްހިފި މުޅިމުއްދަތުގެ ޖުމްލަ ކުލިކަމައްވުމަކީވެސް ހަމަ އެކަށީގެންވާކަމެއް.
އަމްޝާދު
03 December 2024
ދެފުއް ފެންނަ ގޮތަށް ބަޔެއްގެ އިގިލި ދިއްކުރުމުން ހެޔޮ ގޮތް މި ގެދީ. މީގެ ސަބަބުން އިތުބާރު ލިބުނީ
އިފާދުﷲ
03 December 2024
މި ސަރުކާރުން ވައްކަން ނުކުރާނެކަން މި ފެންނަނީ.
ށަވިޔަނި
05 December 2024
ކުރި ކަމެއް ނޫންތަ މި އެނގުނީ، އެކުންފުނީގައި ނެތް ތަނެއް ނާފައި ޑަބަލް އަގުގައި އެންސްޕާއަށް ދިނީ 34 މިލިޔަނަށް އެއީ ސަރުކާރުގެ ވެރިންގެ ކުންފުނި
މަހްމޫދު ނަސީރު
03 December 2024
ބަރާބަރު. ކަންބޮޑުވުންތަކަށް ހައްލު ލިބެން ވާނެ
ށަލީ
03 December 2024
އެހެންވީމަ އަމިއްލައަށް އެއްބަސްވީ ދޯ ތީ މައްސަލަ އެއްކަމަށް
އޭނަ
03 December 2024
މިކަމުގަ ބޮޑު ގޯހެއް އުޅޭކަން އަމިއްލަޔަށް ތި އިޢުތިރާފްވީ. އިތުރަށް އެއްވެސް ބަޔަކަށް އޮޅުންއަރާނެ ކަމެއް ނުވަތަ ސާފުނުވާ ކަމެއްނެތް. ދައުލަތުގެ ހުރހާދިމާލެއްގަ ފުޅާކޮށް ކަރަފްޝަން އޮތްކަން މިކަމުން އެގެނީ.