ސީރިއާ ދޫކޮށް ވަޑައިގަތީ ވެރިރަށް ދިމިޝްގު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިއުމުން ކަމަށާއި މިހާރު ގައުމު އޮތީ ޓެރަރިސްޓުންގެ އަތްދަށުގައި ކަމަށް ވިދާޅުވެ، އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ވާހަކަ ދައްކަވައިފި އެވެ.
ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިން ކުއްލިއަކަށް ހޯދި ކުރިއެރުންތަކާ އެކު ސީރިއާގެ ކޮންޓްރޯލް ސިފައިންނަށް ގެއްލި ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް މިއަދު ބަޔާނެއް ނެރުއްވައި ބައްޝާރު ވިދާޅުވީ ހަނގުރާމަވެރިން ދިމިޝްގަށް އަރަންދެން ވެސް ގައުމުގައި އޭނާ ހުންނެވި ކަމަށެވެ.
ސީރިއާގައި ޑިމޮކްރަސީ ގާއިމުކުރުމަށް ގޮވާލައި 2011 ވަނަ އަހަރު ކުރަން ފެށި މުޒާހަރާތަކާ އެކު ފެށުނު މި ގަރުނުގެ އެންމެ ނުރައްކާތެރި ދާހިލީ ހަނގުރާމަ ކުއްލިއަކަށް ބަދަލުވީ އެޗްޓީއެސްގެ އިސްނެގުމުގައި ކަމަށް ވާއިރު އެއީ އަލްގައިދާގެ ސީރިއާ ގޮތްޕާ ގުޅިފައިވާ ޖަމާއަތެކެވެ. އެޗްޓީއެސް އަކީ ހުޅަނގުގެ ގިނަ ގައުމުތަކުން ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައި ބަޔަކަށް ވިޔަސް އެ ޖަމާއަތުގެ ވިސްނުން މެދުމިނުގައި މިހާރު ގެންގުޅޭކަން ފާހަގަވެ އެވެ. އެ މީހުން ވަނީ ސީރިއާގެ ކޮންޓްރޯލް ލިބުނަސް ބައި މަދު ދީންތަކަށް އިހުތިރާމާ އެކު ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ސީރިއާގެ ކޮންޓްރޯލް ލިބުނީ ޓެރަރިސްޓުންނަށް ކަމަށް ބައްޝާރު ވިދާޅުވި އިރު އެ ޖަމާއަތް ވުޖޫދު ވުމުގެ ވެސް މާ ކުރިން، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ވެސް ބައްޝާރު ސިފަކުރަމުން އައީ ޓެރަރިސްޓުންގެ ގޮތުގަ އެވެ. އަދި މިހާ ހިސާބަށް ވެސް ވެރިކަމުގައި ހުންނެވީ އީރާނާއި ރަޝިޔާގެ މަދަދާ އެކުގަ އެވެ.
"އަޅުގަނޑު ސީރިއާ ދޫކޮށް ދިއުމަކީ ކުރިން ޕްލޭންކޮށްގެން ކުރި ކަމެއް ނޫނެވެ. އަދި އެއީ ހަނގުރާމައިގެ ފަހު ވަގުތު ކުރި ކަމެއް ވެސް ނޫނެވެ." ބައްޝާރުގެ ޓެލެގްރާމް ޗެނަލްގައި އިނގިރޭސި ބަހުން އާންމުކުރި ބަޔާނުގައިވެ އެވެ.
"އަޅުގަނޑު ވީ އެންމެ އަވަހަކަށް ދާން ރަޝިޔާއިން އެދުނީ ޑިސެމްބަރު 8 ވީ އާދީއްތަ ދުވަހުގެ ރޭ."
ބައްޝާރު ފުރަތަމަ ގެންދިޔައީ ސީރިއާގައި ރަޝިޔާގެ ނޭވަލް ބޭސް ގާއިމުކޮށްފައިވާ އަލް-ލާޒިގިއްޔާ [ލަޓާކިއާ] އަށް ކަމަށް ބަޔާނުގައިވެ އެވެ.
"ދައުލަތް ޓެރަރިޒަމްގެ އަތްދަށަށް ގޮސް، މާނަހުރި ކަމެއް ކޮށްދިނުމުގެ ގާބިލުކަން ގެއްލިއްޖެ ނަމަ، މަގާމެއްގެ ބޭނުމެއް ނޯންނާނެ،" ވެރިކަން ދޫކޮށް ވަޑައިގަތް ސަބަބުގެ ގޮތުގައި ބަޔާނުގައި ބުނެފައިވެ އެވެ.
ބައްޝާރަށް ވެރިކަން ދިފާއު ނުކުރެވޭނެކަން ޔަގީންވުމާ އެކު ބައްޝާރަށް ހިމާޔަތް ދީގެން ގެންގޮސްފައިވަނީ ރަޝިޔާއަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައްޝާރާއި އޭނާގެ އާއިލާއަށް ވެސް ސީރިއާ އިން ވަނީ ސިޔާސީ ހިމާޔަތް ދީފަ އެވެ.