އެމްޑީޕީގެ މެންބަރުންނަށް އެކި މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ އެކި މެމްބަރުންނަށް ސުލޫކީ މައްސަލަތަކާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެ ހުށަހެޅުން ހުށަހެޅި އެއް ސަބަބަކީ އެމްޑީޕީ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮވެ ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މި ނިންމުން ނިންމުމާއެކު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އާއި ކުރިން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަލީ އާޒިމް އާ މެދު އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާނެ އެވެ.
މޫސަ 2014 ވަނަ އަހަރު އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގަ އެވެ. ނަމަވެސް 2023 ވަނަ އަހަރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
އެހެން ނަމަވެސް އެމްޑީޕީގެ މާލެ ސިޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން މޫސަ ހުށަހެޅުމުން އެ ޕާޓީން ވަނީ އެ ފުރުސަތު ނުދެވޭނެ ކަމަށް އަންގައިފަ އެވެ. އެއީ 2014 ވަނަ އަހަރު މޫސައާ މެދު އެޅި ފިޔަވަޅުގެ ދަށުން، އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ނަމަވެސް، ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ޕާޓީގެ މަގާމުތަކަށް ވާދަކުރުން މަނާ ކޮށްފައި އޮތުމުންނެވެ.
ޕާޓީގެ ވިޕާ ހިލާފުވި މައްސަލާގައި އާޒިމް ވެސް އެމްޑީޕީން ވަކިކޮށްފައިވާއިރު، ގައުމީ މަޖިލީހުން އެ ނިންމުން ނިންމި ފަހުން އޭނާ ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމައިފަ އެވެ. އަދި އެމްޑީޕީން ކުރިން ވަކިވެ ވަޑައިގެން، ޑިމޮކްރަޓްސް ޕާޓީ އުފެއްދި ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ.