ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ޔާމީންގެ ޝަރީއަތަށް އާ ހެއްކި ބަލައިގަތުމާ ގުޅޭ މައްސަލަ ހުކުމާ ހަމައަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ޔާމީންގެ ޝަރީއަތަށް އާ ހެއްކި ބަލައިގަތުމާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއިން ފަހުން ލިބުނު ހެކިތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅި ކަންކަން ބަލައިނުގަނެ، އެއްފަރާތް ކުރަން ހައި ކޯޓުން އެންގި އެންގުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ކަންތައްތަކާ ގުޅޭ ގޮތުން އާ ހެކި ދައުލަތުން ހުށަހެޅި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ ހެކިތައް އޭރު ކްރިމިނަލް ކޯޓުން ބަލައިގަތެވެ. ނަމަވެސް، މައްސަލައިގެ އިސްތިއުނާފުގައި ހައި ކޯޓުން ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުން ފަހުން ހުށަހެޅި ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށެވެ.

ހައި ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް، އާ ހެކިތައް އެއް ފަރާތްކުރުމަށް ފަހު، އަލުން ޝަރީއަތް ހިންގަން އަމުރުކޮށްފަ އެވެ. އެހެންވެ، އާ ހެކި އެއްފަރާތް ކުރަން ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

މި މައްސަލާގައި ދައުލަތުން އާ ހެކި ހުށަހަޅަން ބޭނުންވީ، ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެއްކެއް ކަމަށްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދެއްވި ހެކި ބަހަކީ ކަނޑައެޅިގެން ދޮގެއް ކަން ސާބިތު ކުރުމަށް ކަމަށް ބުނެ އެވެ. އޭސީސީގެ ތަހުގީގަށް ލިބުނު ރައީސް އޮފީހުގެ ސިޓީތަކަކާއި އިކޮނޮމިކް ކައުންސިލްގެ ސޮއިކޮށްފައިވާ ޔައުމިއްޔާއަކާއި އެއާ ގުޅޭ ތަހުލީލެއް ވެސް ހުށަހަޅަން އެދުނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ހެކި ހާމަކުރަން ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮތް ކަމަށެވެ. އާ ހެކިތަކެއް ހުށަހަޅަން ޖެހުނު ސަަބަބަކީ ހެކިވެރިއެއް ސީދާ ކަނޑައެޅިގެން ދޮގު ހެދިކަން އެނގި ހުރެ، އެކަން ސާބިތު ކުރަން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

އެ ފުރުސަތު ނުދީފި ނަމަ އިންސާފުވެރިކަން ގެއްލިގެންދާނެ ކަމަށާއި އެއީ މިހާރު ވެސް ހާމަކޮށްފައި ހުރި ހެކިތަކެއް ކަމުން، އެ އަށް ރިއާޔަތް ކުރުމުގެ ފުރުސަތު ދަށު ކޯޓަށް ދޭން ޖެހޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، ޝަރީއަތުގައި ދިފާއުއެއްގެ ގޮތުގައި ޑޮލަރު މާރުކުރީ ކަމަށް ބުނުމަކީ ދިފާއުގައި ހުށަހެޅި ހެކިތަކާ މެދު ޝައްކު އުފެދޭ ކަމެކެވެ.

ދައުލަތުން އާ ހެކިތަކެއް ތައާރަފް ކުރަން ފުރުސަތު ލިބުނީ ވެސް އެހެންވެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ އެއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދަށު ކޯޓުން ފުރުސަތު ދީފައި ނެތުމުން ކަމަށާއި އެއީ އިޖުރާތް ފުރިހަމަ ނުވެ އޮތުން ކަމަށެވެ. އެހެންކަމުން، އެ އިޖުރާއަތް ފުރިހަމަ ކުރަން ދަށު ކޯޓަށް ފުރުސަތު ދެވެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގީ ވެސް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައި ނެތުމުން ކަމަށް ވާތީ، އެ އިޖުރާއަތް ރަނގަޅު ކުރަން ފުރުސަތު ދިން ގޮތަށް، އާ ހެއްކާ ގުޅޭ އިޖުރާއަތް ވެސް ރަނގަޅު ކުރެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެހެން ނޫން ނަމަ، އޮންނާނީ ވަރަށް ނާއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވަނީ ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުން އެދޭ ގޮތަށް އެ ކަން ފަހިކޮށް ނުދިނުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ވަގުތެއްގައި ވެސް ހެކި ހުށަހެޅިދާނެ ކަމަށް ގަބޫލު ކުރުމަކީ މި ޒަމާނުގައި ޝަރީއަތް ކުރުމުގެ ވިސްނުމެއް ނޫނެވެ. ޝަރީއަތް ކުރުމުގެ މަރުހަލާތަކަކީ ވަކި ގޮތަކަށް ބަހާލާފައިވާ ކަމެއް ކަމަށާއި ހެކި ހާމަކުރުން އޮތީ އިބްތިދާއީ މަރުހަލާގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ފަހުން ހެކި ހާމަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތް ނިމުމަށް ފަހު ވެސް ހެކި ހުށަހަޅަން ފުރުސަތު އޮތީ ވެސް ވަރަށް ހައްސާސީ ހާލަތެއްގައި އެކަންޏެވެ. އެއީ އިންސާފަށް ކޮންމެހެން ވާސިލްވާން މުހިންމު ހެއްކެއް ކަމަށްވާ ނަމަ ނުވަތަ ޑީއެންއޭ ފަދަ ހެއްކެއް ތައާރަފްވާ ހާލަތުގަ އެވެ. އެކަމަކު، މި މައްސަލާގައި ދައުލަތުން އާ ހެކިތަކެއް ހުށަހަޅާފައިވަނީ މައްސަލައިގެ ހަގީގަތެއް ސާބިތު ކުރަން ނޫން ކަމަށާއި އެއީ ހަމައެކަނި ހެއްކެއް ދެއްކި ވާހަކަތަކެއް ނަފީ ކުރަން ހުށަހެޅި ހެކިތަކެއް ކަން ހަމްޒާ ވެސް ފާހަގަކުރެއްވި އެވެ.

ހަމްޒާ ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ދިފާއުގައި ޑޮލަރު މާރުކުރީ ކަމަށް ވިދާޅުވީ ވެސް އިބްތިދާއީ މަރުހަލާގައި ކަމަށާއި އެއާ ގުޅިގެން ތަފްސީލު ހާމަކުރަން އެދުމުގެ ފުރުސަތު އިބްތިދާއީ މަރުހަލާގައި ވެސް ދައުލަތަށް އޮތް ކަމަށެވެ. ނަމަވެސް، އެކަން ނުކޮށް ދައުލަތުން ދޫކޮށްލުމަށް ފަހު، އާ ހެކި ހުށަހަޅަން ޖެހުނީ މާ ފަހުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ދައުލަތުން އެދޭ ގޮތަށް ހެކި ހުށަހަޅަން ކޮންމެ މަރުހަލާއެއްގައި ދެވޭ ގޮތަށް މާނަކޮށްފި ނަމަ، މިކަން ވާނީ ނިމުމެއް ނެތް ކަމެއް ކަމަށް ހަމްޒާ ވިދާޅުވި އެވެ. އެހެންވެ، މި މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި އޭނާ އެދިވަޑައިގަތެވެ.

ހަމްޒާ ވިދާޅުވީ ދައުލަތުން ލޫޕް ހޯލެއްގެ ތެރޭގައި މައްސަލަ ކުރިއަށް ގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ރޯލާކޯސްޓާގެ ތެރޭގައި އޭނާގެ މުވައްކިލް ޔާމީން މިހާރު ވަރުބަލިވެފައިވާ ކަމަށެވެ. މިގޮތަށް މީހުން ވަރުބަލިކޮށްލައި، ދައުލަތުން ކުރާ ދައުވާތަކަށް އިއުތިރާފު ކޮށްގެން ޝަރީއަތް ކުރި ޒާމާން ގޮސްފި ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

ޝަރީއަތުން ބައެއް ކަންކަން ސާފުކުރުމަށް ފަހު، މިއަދުގެ އަޑުއެހުން ނިންމައިލި އެވެ. ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ އަޑުއެހުން ކަން އިއުލާން ކުރި އެވެ.

އާރަށުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ވަނީ ފަށައިފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އާ ހެކިތަކުގެ މައްސަަލަ ނުނިމި އޮއްވައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވަނީ ވިިދާޅުވުމުން، އެކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ނިންމައިފަ އެވެ.

ޔާމީންގެ ފަރާތްޕުޅުން ވަނީ ދައުވާތައް ރިވިއުކޮށް ދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި އިއްވި ޖަލު ހުކުމް ހައި ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.

6 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

20 January 2025

ކޮބާތަ ރައީސް ޔާމިން ޖަލަށް ލައިގެން ރޯ ހޭރުނި ކަބަލުން. މިއަދު ދެމަފިރިންނަށް ވަޒީފާ ލިބުނީމަ ތޯ ހަނު މިތިބީ ހަހަހަ

The name is already taken The name is available. Register?

އަންދަލޫސިޔާ

20 January 2025

50 ރަށް ރިޒޯޓް ހެދުމަށް ކުއްޔަށްދީ، ކޮންމެ ރަށެއްގެ ޑީލުން އަމިއްލަ އެކައުންޓަށް 15.42 މިލިޔަން ދިވެހި ރުފިޔާގެ ކަޓެއް. 50 ރަށުން 771 މިލިޔަން ރުފިޔާގެ ޚިޔާނާތް. މިއަދުގެ ޑޮލަރުގެ ރޭޓުން އެއީ 965 މިލިޔަން ރުފިޔާ. މިކަން ހިނގީ 10 އަހަރުކުރިން (2015 ވަނަ އަހަރު)! 10 އަހަރުގެ ފައިދާ ލުމުން މިއީ 2 ބިލިޔަން ރުފިޔާގެ ގެއްލުން. މި ވައްކަން ނުކުރިނަމަ ދައުލަތުގެ ދަރަނި 100% އިން މައްޗަކަށް ނުދާނެ. ހުންނާނީ 60% އިން ދަށުގަ!

The name is already taken The name is available. Register?

އަސް

20 January 2025

ވައްކަން ކޮށްފަ އޮތީމާތާ އެޑޮލަރު އެވަނީ އެކައުންޓަށް، ދެން ކޮންހާ ވާހަކަ އެއް.

The name is already taken The name is available. Register?

ގަބުޅި ކަތީބު

20 January 2025

ތިމައްސަލަ ނިމޭނީ ޔާމީނުގެ ކޮޅަށްކަން އެއީ ސާފުކޮށް އެނގޭކަމެއް. މިހެނީ ދަށު ކޯޓަކުން ބަލާ ނިންމާފައިވާ މައްސަލައެއްގައި ހުށަނާޅާ ހެއްކެތް ނުވަތަ ނުދައްކާ ވާހަކައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްގެން ނުދެއްކޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޟިއްޔާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮތީމަ.. އެހެނެއްނޫން ދަށު ކޯޓުން މައްސަލަ ނިންމިއިރު ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ނުކޮަށް މައްސަލަ ނިންމާފައިވާ ނަމަ މައްސަލަ ރިވިއުކުރަން އެންގިދާނެ..

The name is already taken The name is available. Register?

އާންމު

20 January 2025

ތިމައްސަލަ ހައިކޯޓުގަވެސް ހިންގާ ނިންމުމުގަ ޔާމީން ބޭނުންވިހާ އަވަސްމިނުގަ ނުނިމުނަސް އެކޯޓުގަ ހުރި އެހެން މައްސަލަތަކާ ބަލާއިރު ހިންގީ ނިކަން ބާރަށެވެ. އިންސާފުގެ ކުރިމަތީ އެންމެން ހަމަހަމަކަމަށް ގާނޫނުގަ އޮތަސް ކަން ހިނގަނީ ތަފާތުކޮށެވެ. ސިޔާސީންނަށް ކޯޓުތައް މަރުހަބާ ކިޔައެވެ. އަވަހަށް ގޮތް ނިންމައިދެއެވެ. ނިކަމެތިންނަށް ލަސްކަމެވެ. އާދޭހުގެ ސިޓީތަކާއި ފޯނު ކޯލުތަކާއި ކައުންޓަރުގައި ރުއިމެވެ. އަޑުއެހުން ނިމި ހުކުމެއްވެސް ނުލިބެއެވެ.

The name is already taken The name is available. Register?

ހުސަ

20 January 2025

އިންސާފުގެ މަގުން ކަންކަން ހިންގަން އެކި ތަންތަނުގެ ބާރުގަދަ ގޮނޑި ތަކުގައި ތިބި ފަރާތްތަކުން ، އެމީހުން ބޭނުންވާ ގޮތަށް އިންސާފު އަތައްލައިގެން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާ ފަރާތްތަށް ޖަވާބުދާރީ ކުރުވޭނެ ދުވަހެއް އަންނާނެ! މަރުވާނެ! ވަޅުލެވޭނެ! އާޚިރަށްދުވަހަކީ ހަމަ ޔަގީނުންވެސް އަންނާނެ ދުވަހެއް! ކޮންމެ މީހަކު ތިބާ ކުޅަކަމެއްގެ މައްޗަށް އެދުވަހު (އާޚިރަތުގައި) ސާފުސީދާ ބަހުން ޖަވާބުދާރީ ކުރުވޭނެ! ސަލާމަތްނުވެވޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454