22 ޖެނުއަރީ 2025 - 16:10
ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ގާނޫނުން މަނާ ނުވާތީ، ކަސްޓަމްސް އިން ކުރިން ހިފެހެއްޓި ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް ދޫކޮށްލައިފި އެވެ.
މި ޝިޕްމަންޓްތައް ކުރިން ހިފެހެއްޓީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެއް ކަމަށް ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އެންގުމުންނެވެ.
ނަމަވެސް، ކަސްޓަމްސްގެ އިސް އޮފިޝަލަކު މިއަދު "މިހާރު"އަށް ވިދާޅުވީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށެވެ. މަނާކޮށްފައި އޮތީ ދުންފަތުގެ ބާވަތެއް ރާއްޖޭގައި އުފެއްދުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ހިލާފް ކަމަކަށް ނުވާތީ، ކަސްޓަމްސް އިން ކުރިން ހިފަހައްޓާފައިވާ ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތީގެ ޝިޕްމަންޓުތައް މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމްސްއަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއް. ކަސްޓަމްސް އިން އަބަދުވެސް ބަލަނީ، ގާނޫނަކަށް ތައާރަޒުވޭތޯ ނުވަތަ ގާނޫނަކާ ހިލާފުވޭތޯ. އަޅުގަނޑުމެން ބެލިބެލުމުން އެއްވެސް ގާނޫނަކާ ތައާރަޒު ނުވާތީ، އެ ޝިޕްމަންޓު ދޫކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
"ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުމާ، ދެކަމެއް ދެއްތޯ މި އުޅެނީ. ރާއްޖެއަށް އެ ބާވަތުގެ އެއްވެސް އެއްޗެއް އެތެރެކުރުން ގާނޫނުގައި މަނަލެއް ނުކުރޭ. އެހެންވީމަ، ގާނޫނުގައި އެގޮތަށް ކަނޑައެޅިގެން މަނާ ނުކުރާތީވެ އަޅުގަނޑުމެން [ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް] ދޫކޮށްލަން ނިންމީ."
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް އެންގި ނަމަވެސް، އެ ބާވަތުގެ ތަކެތި ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އެ އިސްލާހުގައި ކަނޑައެޅިގެން ބުނެފައެއް ނެތެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ބޮޑެތި ޖޫރިމަނާތައް އަންނަ ގޮތަށް ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާ އެކު، އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 ޕަސެންޓް ބޮޑުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
25 January 2025
ތިހެން އަރިމަތިން ބޮޓޭކޯ އަށް ހުއްދަ ލިބޭނަމަ ވޭޕަށް އެތެރެ ވެވޭނެ މަގެއް ހާވާލާފަ ނުހޯދޭނެ ބާ؟
ކުރަކި
23 January 2025
ގާނޫނު ލިޔާ މީހުން ހަމަ އެހާވެސް ގަމާރީތަ؟؟
މހއމ
24 January 2025
ގަމާރީކީ ނޫން. ދެކޮޅުން ކެވޭ ގޮތަށް އެހުންނަނީ ގާނޫނު ދްރާފްޓް ކޮށްދީފަ.
ބުއްދިތަކުރު
23 January 2025
މަހިތަށް އަރަނީ ގާނޫނުން އެތެރެކުރުން މަނާ ނުކުރާ އެއްޗެއް ރާއްޖޭގައި ތައްޔާރުކުރުން ހަމަ އެގާނޫނުން މަނާކުރަންޖެހެނީ ކީއްވެބާއޭ، ގައިމުވެސް ދުންފަތް ރާއްޖޭގައި ހައްދައިގެން ބޭނުންކުރާނަމަ އެ ގެންނަންވެގެން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މިލިއަން ޑޮލަރ ސަލާމަތް ކުރެވޭނެ،
ބަޑިތަކުރު
23 January 2025
"ކަސްޓަމްސްއަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއް. ކަސްޓަމްސް އިން އަބަދުވެސް ބަލަނީ، ގާނޫނަކަށް ތައާރަޒުވޭތޯ ނުވަތަ ގާނޫނަކާ ހިލާފުވޭތޯ." މިވާހަކަ އެންމެންވެސް ގަބޫލުކުރާނެއެވެ. އެއީ ތިޔަތާނގައި އުޅެނީ ކުޑަތާ މަލާއިކަތުންވިއްޔާއެވެ.
ހުސޭނުގެހުސޭނު
23 January 2025
މުޒާހަރާއެއް ރާވާލާއިރަށް ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވަނީ
ތެފައާސާ.
23 January 2025
ގާނޫނުން މަނާ ނުވާތީ *ދޫކޮށްލި* ވާހަކަ އޮތީމާ ހިތަށްއެރީ ދޫކޮށްލެވޭނީ ހިފަހައްޓާފައި ހުރި އެއްޗެއް ނޫންބާވައޭ؟ އެހެންވީމާ ފުރަތަމަ ބުނެދޭންވީ ގާނޫނުން މަނާ ނޫން އެއްޗެއް ކަސްޓަމްސްއިން ހިފެހެއްޓީ ކޮން އުސޫލަކުންތޯއެއްނު؟؟
ޝެލަރީ
23 January 2025
ޤާނޫން ބަލާފާސްކުރަން ހާދަދުވަހެއް ރަށްޔިތުންގެ މުދާ ތިހެން ހިފޭއްޓޭތޯ ޤާނޫން ލިޔެފާސްކޮށްފަ ކަސްޓަމުސްއަށް ދިނީ މިދިޔަމަހު ދެއްތޯ؟
އަދުރޭގެ ފޮތް
23 January 2025
ފުންނާބު ތިރި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަކަށް ނޭގުނު “ދުންފަތް އުފެއްދުމާއި އުފައްދަން ބޭނުންކުރާތަކެތި”އެތެރެ ކުރުން މަނަލޭ ލިޔެލާކަށް!
ކެކެކެކެކެކެކެކެކެކެ
22 January 2025
މިވީ ކިހިނެއް! ދިރިއުޅުމަކީ މިއީބާ! ޕަކާސް!
ސާންޑޭ
22 January 2025
ރައްޔިތުންނަށް އުނދަގޫ ކުރުމަކީ މިސަރުކާރުގެ މޮޓޯއަކީތޯއެވެ؟ ދުނިޔޭގެ ޤައުމުތަކުގައި ދުންފަތާއި ދުރުކުރަނީ ވަރުގަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގަައި ރައްޔިތުންނަށް ބުނެދީގެންނެވެ. ނަމަވެސް ސަރުކާރުން ކަންތަށް ކުރީ ދުންފަތާއި ދުރުކުރުމުގެ ނަމުގައި ރައްޔިތުންނަށް ތުރާކުރާށެވެ.
އުދުހޭ
23 January 2025
ރަސްގެފާނު ނިންމީމާ ދެން ޖެހޭނީ ބޯލަނބަން ނޫންތޯ
ފަރަންޖީ
23 January 2025
"ރައްޔިތުން" ނޭ ކިޔައިގެން ވާހަކަ ނުދައްކާ. ސިގިރޭޓް ވިއްކާ މީހުންނާ ހެދި "ރައްޔިތުންގެ" އެތައް ބައެއް ދަނީ މަރުވަމުން. އެހެން މީޙުންގެ ސިއްހަތައް ގެއްލުންވާގޮތަށް ސިގިރޭޓް ބޯ މީހުންނާހެދި "ރައްޔޮތުންގެ" އެތައްބައެއް ދަނީ މަރުވަމުން. ހަމަ ހުއްޓުވަންވީ