ރޯޝަނީ ބިލްޑިންގައި ހިންގާ އެމްއެފްޑީއޭ އޮފީހުގެ ނަން ބޯޑު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2025 - 10:34
ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ކުރިން ހުއްދަ ނަގަން ލާޒިމްކޮށް، އެއާ ހިލާފުވާ ފަރާތްތަކުން 10،000ރ. އިން ޖޫރިމަނާކުރަން ފަށައިފި އެވެ.
އެމްއެފްޑީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރެ، އެ ދުވަހު އަމަލުކުރަން ފެށި "ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގަވައިދު" ގައި ބުނީ އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށެވެ.
އެގޮތަށް ހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. ފާސްކުރި އިޝްތިހާރަށް ބަދަލެއް ގެނެސްފި ނަމަ އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަންޖެހެ އެވެ.
އެގޮތަށް ހުއްދަ ދިނަސް، ސިއްހަތާ ގުޅުން ހުރި ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނުވަތަ އިދާރާއަކުން އާއްމުކޮށް ބޭނުންކުރަން އެދިފައިވާ އެއްޗެއް ނޫންކަން ކަނޑައަޅާފައިވާ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކްސްއާ ކާބޮނޭޓެޑް ޑްރިންކްސް ނުވަތަ ފުޑް ސަޕްލިމެންޓާއި ނޫން ވެސް ކާބޯތަކެތި އިޝްތިހާރު ކުރެވޭނީ ހަމައެކަނި އޯޑިއޯ އާއި ވީޑިއޯއިންނެވެ.
އޯޑިއޯ/ވީޑިއޯ އިޝްތިހާރެއް ނަމަ 1،500ރ. އަދި އެނޫން އިޝްތިހާރެއް ނަމަ ހުއްދަ ނަގަން ޖެހޭނީ 1،000ރ. ގެ ފީއެއް ދެއްކުމަށް ފަހުގަ އެވެ.
ކާބޮނޭޓެޑް ޑްރިންކްސް/އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާ ނަމަ އެ ފީއަކީ 3،000ރ. އެވެ.
އެނާޖީ ޑްރިކްސް ނުވަތަ އެ ބާވަތެއްގެ އެއްޗެއްގެ އިޝްތިހާރުގައި އެއީ ކުޑަކުދިންނާއި މާބަނޑު މީހުންނަށް ނުރައްކާ ހުރި އެއްޗެއްކަން އެނގޭނެ ގޮތަށް ދިވެއްސާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަން ޖެހެ އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި ބުނީ ކާބޯއެއްޗެހީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރު ކުރުމަކީ މަނާކަމެއް ކަމަށެވެ. އެކަމަކު، ވަކި ނިއުޓްރިއެންޓެއްގެ ގޮތުން ހަށިގަނޑަށް ފައިދާހުރި ބައިތައް އެކުލެވޭ ކާނާއަކުން ސިއްހަތަށް ފައިދާކުރާނެ ވާހަކަ، ސާބިތުކުރެވޭ ނަމަ ޖުމްލަ ގޮތެއްގައި ބުނުމަކީ މައްސަލައެއް ނޫން ކަމަށް ގަވައިދުގައިވެ އެވެ.
އެކި ބާވަތުގެ ކިރު އިޝްތިހާރު ކުރާއިރު ތިން އަހަރުން ދަށުގެ ކުދިން އެއްވެސް ގޮތަކަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ. އަދި ކާބޯތަކެތި އިޝްތިހާރު ކުރާއިރު އެއީ "އެންމެ މޮޅު"، "ދެވަނައެއް ނެތް"، "މިވަރެއް ނެތް" ފަދަ އިބާރާތްތައް ބޭނުންކުރުން މަނަލެވެ.
އޭގެ އިތުރުން، އަޔޮޑިން އަޅާފައި ހުންނަ ލޮނު ނޫން އެހެން ލޮނެއް އިޝްތިހާރުކުރުމަކީ ވެސް މަނާ ކަމެކެވެ.
އާއްމުން އެއްވެ އުޅޭ ތަންތަނުގައި ބާއްވާ ޕްރޮމޯޝަނަލް އިވެންޓުތަކުގައި އެނާޖީ ޑްރިންކާއި ކާބޮނޭޓެޑް ޑްރިންކާއި ފުޑް ސަޕްލިމެންޓްސް އަދި އެ ނޫން ވެސް ތަކެތި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.
އެ އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކޮށްފި ނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
27 February 2025
ދެން ކަލޭމެން ހުއްދަ ނުހޯދާ ރެސްޓޯރަންޓާ ކެފޭތަކާ ހެދިކާތަކާ، އަންހެންވެރިން ގޭގަ ހަދާ ޕޭސްޓްރިތަކާ މިކަހަލަ އެއްޗިހި ހުއްދަ ނުހޯދާ ސޯޝަލް މީޑައާގަ އިޝްތިހާރު ނުކުރައްޗޭ އިގޭ! ހުއްދަ ލިބޭނީ އެޕްލިކޭޝަން ފުރިހަމަވެ ސާމްޕަލް ރަހަބަލާ ފާސް ކުރުމުން އޮންނަ އުސޫލުން ފީއެއް ދެއްކީމަ. ބީ ހެޕީ!
ހާމަ333
26 February 2025
ތިވީގޮތުން އަނެއްކާ މާފިޔާއިންތަކަށް މުޅިން ލަނޑުތާ މިލިބެނީ....މުއިއްޒުބޭބެ ދެން ހާދަ ގޯހޭ...ދެން އެކަމަކު އެވަރުކޮށްލާކަށް ނުވާނެނު
ބިގް ބީ
26 February 2025
އަހަރެމެންގެ ކެފޭގެ ކާ އެއްޗެއްވެސް ދެން ނުލެވޭނެތާ އެފް.ބީ އަށް ވެސް. މީ ބޮޑުވަރު.
އެކެޑަމީ
26 February 2025
ހުއްދަ ނުނަގާ ކާބޯތަކެތި އިޝްތިހާރުކުރުންތަ ނޫނީ ހުއްދަ ނުނަގާ ކާބޯތަކެތި އިޝްތިހާރުކުރުންތަ؟ އެނގެޔޭ، އެކަމަކު ދެގޮތަކަށްނު ތިޔަ ކީ.
ބޭކާރު ކޮމެންޓް ނުކުރޭ
26 February 2025
ތިހިރީ ހަމައިގަތަ؟
ބއބަަވ
26 February 2025
މިޔަށްވުރެ މާ ރަނގަޅުވާނެ އެތެރެކުރަައިރު އެއީ ކަމުދާއެއްޗެއްތޯ ނޫންތޯ ބެލުން. ހަމަ ޓިކު ޖަހާފައި މުދާ އެތެރިކޮށްލުވާފައި ދެންތިއުޅެނީ އާއްމުންނަށް އުނދަގޫކުރަން. ނިކަން ކަންކުރާގިތަށް ކޮށްބަލަ. ޖޫރިމަނާ އަޅުވަންވީ ގޮހޮރަށް ލާހިސާބަކުން ނޫން. ގައުމަށް އެތެރެކުރާހިސާބުން
އަހުމަދުބޭ
26 February 2025
މިއީ ދެން ބޮޑުވަރުދޯ، މިކަހަލަ ތާކުން ތާކުނުޖެހޭ ކަންކަކަމޭ މުޅިން މިކުރަނީ، ކިހިނެތްތޯ މިކަންކަން ބަލައި ފިޔަވަޅުއަޅާނީ؟ ރައްޔިތަކަށް މިހާރުނެތޭ ދެން ދޯ އަތުން ފައިން މަސައްކަތެއްކުރެވޭކަން، މިހިސާބަށް ކަންކަން ދިޔައިމައި ދެން ބުނާނެ އެއްޗެއްނެތް؟ ރެސްޓޯރެންޓްތަކުން ދެން މިޖެހެނީ ފުރަތަމަ މެނޫ އެޕްރޫވކުރަން މިނިސްޓްރީއަށް ފޮނުވަން މިވެރިންނަށް މިކަންވާނީކީ ނޫން، މިއުޅެނީ ހުއްދަދީފައިވާތަންތަން ހުރީ ރަނގަޅަށްތޯ ނުބެލިގެން
އުންމު އަފީފް
26 February 2025
ފައިސާ ފޮއްޗެއް ދަމާލެވެން އިން ދިމާލަކުން ދަމާލެވޭތޯ ބަލާތި. ދުނިޔޭގެ އެހެން ޤައުމުތަކުގަ ޤާނޫނުތަކާ ޤަވައިދުތައް ހަދަނީ ރައްތިތުންނަށް ފައިދާ ކުރުމަށާ އަމަން އަމާންކަން ދަމަހައްޓަން. ޤާނޫނާ ޚިލާފް ވީމަ ޤާނޫނީ ފިޔަވަޅު އަޅާ އަދަބު ދޭނީ. ކުއްކުރުމަކީ އާމްދަނީ ހޯދުމުގެ ވަސީލަތަކަށް ހެދުމަކީ ކުއްމަދު ކުރަން އެޅޭ ފިޔަވަޅެއް ނޫން.
އަޅި އަލީ
26 February 2025
ހުއްދަ ނުނަގާ ވައްކަން ކުރާނަމަ އެއްވެސް ފިޔަވަޅެއް އަޅުއްވަންތޯ!
ފަރިހި
26 February 2025
ޖޫރިމަނާ ޖޫރިމަނާ ޖޫރިމަނާ …
8695
26 February 2025
މި ޖޫރިމަނާ ސަރުކާރު ! މީހުން ކާއެއްޗެހި ވެސް ވިއްކާނެ!