ރައީސް ވިދާޅުވީ ފުލުހުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅަށް ދެފުށް ފެންނަ ގޮތެއްގައި އެނގެން ޖެހޭ ކަމަށް.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
25 އެޕްރީލް 2025 - 10:59
ފުލުހުންގެ އިދާރާ އިން ކޮންމެ މައްސަލައެއް ބަލަން ފެށިޔަސް އެ މައްސަލައެއް ބަލަން ފަށާ ހިސާބުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅަށް ދެފުށް ފެންނަ ގޮތެއްގައި އެނގެން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ފުލުހުންގެ ތެރޭގައި މިހާރު ކުރި އެކިއެކި އުސޫލުތަކަށް ބަދަލު ގެންނަން ޖެހެ އެވެ.
އެ މަނިކުފާނު ވިދާޅުވީ މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާ އަށް ބޮޑު ކަމަށާއި އެ މުއައްސަސާ އަށް ރައްޔިތުންގެ ތެރޭގައި އޮންނަން ޖެހޭ އިތުބާރު ދެމެހެއްޓުމުގައި ވެސް މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ފުލުހުންގެ އިދާރާ އަށް ވެސް އޭގެ ސަބަބުން ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
"ތިބޭފުޅުންނަށް ވެސް ހިދުމަތް ދިނުމުގައި ހިތަށް ލިބެން ޖެހޭ ހިތްހަމަޖެހުމާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެން މިވަނީ ރައްޔިތުންނާ ގާތްވި ވަރަކަށް،" ރައީސް ވިދާޅުވި އެވެ.
އެހެންވެ ކޮންމެ ކަހަލަ މައްސަލައެއް ކަމަށް ވިޔަސް، އެ މައްސަލައެއް ބަލަން ފަށަމުން، ރައްޔިތުންނަށް އެ ވަގުތަކަށް ދެވެން އޮތް މިންވަރަކުން މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް އުސޫލަށް ބަަދަލު ގެނައުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
"އެހެންވީމަ އަޅުގަނޑު އެދެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި އެއީ ވެދާނެ ކޮންމެ ފަދަ މައްސަލައެއް ކަމަށް ވެސް. އެ ވެދާނެ މާރާމާރީއަކަށް ވެސް. ނޫނިއްޔާ އެހެން ފަދަ ކަމަކަށްވެސް. ކޮންމެ ފަދަ ކަމެއް ދިމާވެގެން ވެސް ތިބޭފުޅުން އެކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާ ގޮތަށް ޕްރޮސީޖާ ބަދަލުކުރަން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.
"މިވެނި ކަމަކާ ގުޅިގެން ތިމަންނަމެން މައްސަލައެއް ބަލަން ފަށައިފީމޭ. ތި މައްސަލައާ ގުޅިގެން މައުލޫމާތު ލިބެމުންދާ ވަރަކަށް ރައްޔިތުންނާ ހިއްސާކުރަމުންދާނެ ކަމަށް ފުރަތަމަ ވެސް ބަޔާންކޮށްދޭންވީ."
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެފަދަ ގޮތަކަށް އުސޫލުތަކަށް ބަދަލު ގެނައުމުން، ފުލުހުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އިތުރު ކްރެޑިބިލިޓީއެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ޓްރާންސްޕޭރެންސީ އެގޮތުގައި ގެނައުމުން ރައްޔިތުންނަށް ވެސް ހިތްހަމަޖެހުން. ތިބޭފުޅުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ. ތިކުރައްވާ ޒިންމާދާރު ބުރަ މަސައްކަތްތަކަށް އިތުރު ކްރެޑިބިލިޓީއެއް ލިބިގެންދާނެ. ތި ކުރައްވާ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ"
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވީއެންމެ އަވަހަކަށް އެ އިދާރާއިން މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ސަބަބަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ބައެއް ފަރާތްތަކުން ދޮގު ހަދައި ފިތުނަ އުފައްދާތީ އެވެ. އެހެންވެ، އެހެންވެ، އެ ބަދަލަކީ އެ ފަރާތްތަކަށް އެޅޭނެ ހުރަހެއް ކަމަށް ވިދާޅުވި އެވެ.
"ތިބޭފުޅުން [ފުލުހުން] ކުރައްވާ މަސައްކަތުގެ އަގު ވައްޓާލައި ރައްޔިތުންގެ ކުރީމަތީގައި އަގު ވައްޓަލަން ކުރާ މަސައްކަތުގައި ހުރަހަކަށް ވާނެ. މައުލޫމާތު ފޯރުކޮށްދިނުން އަވަސް ކުރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ ފުލުހުންގެ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅޭ ވަރަށް މައްސަލަތަކުގެ މައުލޫމާތު ހާމަކުރެއްވުމަށެވެ. މައްސަލަތަކުގައި ހިމެނޭ މީހުންނާއި އެ މީހުންނަށް ހެކިތައް ނައްތާނުލެވޭނެ މިންވަރަށް މައުލޫމާތު ދެއްވަން ރައީސް އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާދަރޭ
26 April 2025
ބާރުދައްކަން އުޅޭމީހުންގެ ފަރާތުން މިނިވަނެއް ނުވެވޭ ފުލުސް އޮފީހަކަށް. ކޮންމެސް މީހެއްގެ މީހެއް މި އިންނަނީ ޓޮޕުގަ. އޭނާ އެބަ ޖެހޭ ބޯ ތިރިކުރަން. ސީޕީ ކަމާ އޭސީޕީކަން ވެސް ހަރުދަނާ އުސޫލަކުން ލިބެންޖެހޭނީ. ސޭޓުން ގެ ޖީބުގަ މިތިބެނީ ތާށިވެފަ. އަބަދު އެ ތިބެނީ ގުޅާލަ ގުޅާލަ.
ނުފޫޒު
25 April 2025
ފުލުހުންނަށް މިނިވަންކަމާއެކު ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ނުކުރެވެނީ ސިޔާސީ ނުފޫޒާހުރެ. ފުލުހުންނަކީ ސިޔާސީވުން މަނާ ބައެއް. އެކަމަކު ރައީސްގެ މުޅި ވާހަކަ އޮތީ ސިޔާސީވެފަ އިދިކޮޅު މީހުންނަށް ހަމަލާ ދިނުމުގައި. ހީވީ ޕީއެންސީ ހަރުގެ ޖަލްސާއެއް ހެން. މީ ދެން ބޮޑުވަރެއް.
ޕލސް
25 April 2025
ރައީސް ގެ ވާހަކަ އަޑު އިވުނީމަ ހީކުރެވުނީ ޕީއެންސީ ހަރުގެ ޖަލްސާއެއް ކަމަށް.
މުހަންމާ
26 April 2025
ހީވާނެ. ތިތިބެނީ ޝައްކުބަލި ޖެހިފަ. ދެން ކީއްކުރާނީ ދީ
އިލްޔަސައު
25 April 2025
ކުރިންވެސް މިކަން އޮންނަންވާނީ މިހެން. މުއިއްޒް މިކަމަށް އިސްނެގީތީ ޝުކުރިއްޔާ. އިހްލާސްތެރިކަން އެބަފެނޭ
އަކްމަލް ސައީދު
25 April 2025
މީ ވަރަށް މުހިއްމު ނިންމުމެއް. ހަމަ ގައިމުވެސް އޭރަށް އެއްމެން ކަން އިގޭ މީހުންނަށް ވެގެން ނޫޅޭނެ
ސިބާހް
25 April 2025
މިހެންވެ މަ ބުނަނީ މުއިއްޒް އަސްލު ވަރަށް ކަންކަން ހާމަ ކުރަން އުޅެޔޭ. އެކަން ހަމަ މިފެންނަނީ
ރިފާއު އައްބާސް
25 April 2025
މިހެން މިކަން ކޮށްފިނަމަ ހަމަ ޔަގީނުންވެސް މީހުންގެ ޝައްކުތައް ކުޑަވާނެ
އަހްލަމް ރަށީދު
25 April 2025
ވަރަށް ރަނގަޅު ނިންމުމެއް. ހާމަކަން ބޮޑު ވާނެ.
ނުއުމާން
25 April 2025
އިބޫމެންހެން ރޯޔަލް މީހުން ފޮރުވައިގެން މައްސަލަ ނުބަލާ ދޫކޮށްލާކަށް އެއްވެސް ހާލެއްގަ މުއިއްޒު އެއް ނޫޅޭ.. އެމްޑީޕީ މީހުން ގައުމު ހަލަބޮލި ކުރަން އުޅުނަސް އެކަމެއްނުވާނެ
އިލްހާމް މޫސާ
25 April 2025
ރައްޔިތުން ކަންބޮޑުވާފަދަ ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން މިހާރުވެސް މި ލިބިގެންދިޔައީ