ޖޭއެސްސީއަށް ވަކީލުންގެ ފަރާތުން އައްޔަންކޮށްފައިވާ އަލީ އަބްދުއްލަތީފަށް މަގާމުގެ ލިޔުން ހަވާލުކުރަނީ: އޭނާ މަގާމުން ވަކި ކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށާފައި
26 އެޕްރީލް 2025 - 17:07
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ގާނޫނީ ވަކީލުން ތަމްސީލްކުރާ މެންބަރު އަލީ އަބްދުއްލަތީފް ވަކިކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ވަކީލުން ފަށައިފި އެވެ.
ގާނޫނީ ވަކީލުން ތިއްބަވާ ޓެލެގްރާމް ގުރޫޕެއްގައި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފެއްޓެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ. އެނގިފައިވާ ގޮތުގައި އެ ޕެޓިޝަނުގައި މިހާރު ވެސް ގިނަ ވަކީލުންތަކެއް ވަނީ ސޮއިކުރައްވައިފަ އެވެ.
ވަކީލުންގެ ކަންބޮޑުވުމަކީ އިޖުރާއަތްތަކާ ހިލާފަށް، އަސާސީ ހައްގުތައް ކަށަވަރު ނުވާ ގޮތަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާއިރު، އެކަމުގައި އަލީ އަބްދުއްލަތީފް ބައިވެރިވެފައިވުމެވެ. އެ މައްސަލަ ބަލާ ކޮމިޓީގެ ތިން މެންބަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.
އަލީ އަބްދުއްލަތީފް ވަކިކުރުމަށް ގޮވާލައި، ސޮއިކުރަމުންދާ ޕެޓިޝަން ހުށަހަޅަން ނިންމާފައިވަނީ ބާ ކައުންސިލަށެވެ.
ގާނޫނުއަސާސީގެ 165 ވަނަ މާއްދާގައި ބުނާ ގޮތުން ޖޭއެސްސީއަށް އައްޔަންކުރެވޭ މީހުން އެ މަގާމުން ވަކިކުރާނީ އެ މީހަކު އެ ކޮމިޝަނަށް އައްޔަންކުރި ފަރާތަކުންނެވެ. ވަކީލުންގެ ފަރާތުން ކޮމިޝަނުގައި އިންނަވާ މެންބަރަކު ކަނޑައަޅަނީ ވަކީލުންގެ މެދުގައި ބާއްވާ އިންތިހާބަކުން ބާ ކައުންސިލުންނެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ވަކީލުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުން ސޮއިކޮށް ޖޭއެސްސީގައި އިންނަވާ މެންބަރު ވަކި ކުރަން ހުށަހަޅައިފި ނަމަ، 14 ދުވަސް ތެރޭގައި ބާ ކައުންސިލުން، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލައި، އެ މައްސަލައާ ގުޅިގެން އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް، މިހާތަނަށް ޖޭއެސްސީން ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނުނިންމަ ނުވެ އެވެ.
އެ މައްސަލަ ކޮމިޓީން ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ހައްގުތައް ވެސް ކަށަވަރު ނުވާ ގޮތަށް ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލާގައި ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، މައްސަލަތައް އަނބުރާ ގެންދަން ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާ ކައުންސިލް
28 April 2025
ތިޔަ ޕެޓިޝަނުގަ އެކަކުވެސް ސޮއި ނުކުރުމަށް އެދެން. ސޫދު މެނަށް ބާރު އޮތް އިރު ޖުޑިޝިއަރީ އިސްލާހުކުރަން ކުރި އެއްކަމެއްވެސް ނެތް. ކުރިހާވެސް ކަމަކީ އަމިއްލަ ޖީބު ބޮޑުކުރުން. ގާތް މީހުންނަ ވަޒީފާ ދިނުން. މިހާރު އެ އުޅޭނީ ގެއްލުނު އެތި ބޮޑުވެގެން. ތިޔަ ގުއި ރޯނުގަ ވަކީލުން ނުޖެހޭތި
ސޫޑު
27 April 2025
ބެދޭމަޅި ގިނަވާނެތީ އަމިއްލައަށް އިސްތިއުފާ ދެއްވި ބޭފުޅާ މިހާރު ސިޔާސީ ސްޓަންޓް ޖައްސަންވެގެން ކުޅޭ ޑްރާމާތީ. ލީގަލް ކޮމިއުނިޓީއަށް ތީ ކިހިނެތްވާ ކަމެއްކަން އެނގޭ. ތީގައި ސޮއި އަޅާނެ މަދުބަޔަކު ވެދާނެ.
ސޫތު
27 April 2025
ޢަލީ އަކީ ހަމަ އެންމެ ނަފްސެއް. އޭނާ ވަޒީފާގެ މަސްއޫލިޔައްތު އަދާކުރުން ނޫންކަމެއް ނުކުރޭ. އަލީ ބަދަލު ކުރިޔަސް ވަކި ނުކުންނާނެ ނަތީޖާއެއް ނެތް. އެހެން ވީމަ ތިއުޅެނީ ޒާތީ ކަމެއް. އަމިއްލައަށް އިސްތިއުފާދީފަ މިހާރު ތިއުޅެނީ އެކަމާ ދެރަވެގެން.
މުދާމު
27 April 2025
ތިޔައީ ކުރަން ލަސްވެއްޖެ ކަމެއް. ވަރަށް ފުއްޕާފަ އުޅޭ ސޮރެއް
ރިމާޒު ސަލީމް
27 April 2025
ދަންނަ ނުދަަންނަ ސަޅިބެ ވަކި ކުރުމަކީ ހަމަ ސަޅި ކަމެއް
ސަރުކާނު
27 April 2025
ބައެއްމީހުން މޮޔަވާނެ އެހާގިނަދުވަހު ބޮޑުމުސާރަލިބިލިބި ހުރެފަ ނުލިބެންފެށީމަ
އަޅި އަލީ
26 April 2025
ސުއޫތު ތިޔަ މަގާމު ބޭނުން ވެގެން އެއުޅެނީ!
ހުނިޔަ
26 April 2025
ވަކި ބަޔަކަށް ކަމު ނުދާންޏާ އެވީ ވަކި ކުރަން
އެހެނަސް
26 April 2025
ޕެޓިޝަން ތިޔަ ފެއްޓުނީ ދެން އޮންނާނީ ޕްޓިޝަން ހުސް