ޖާހު ފްލެޓްތައް: ބިން ހަވާލުކުރުން ހުއްޓުވަން ޖާހު އެދުނު އަމުރު ނެެރެނުދިން
27 އެޕްރީލް 2025 - 09:26
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމަން ދިން މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނިމިފައި ނުވާތީ، ތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހުއްޓުވައިދޭން ޖާހުގެ ފަރާތުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.
މައްސަލާގައި ޖާހުގެ ފަރާތުން އެދުނީ އެޗްޑީސީން ބިމާ ހަވާލުވުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ. ސިވިލް ކޯޓުން މި މައްސަލާގައި އިއްވި ހުކުމްގައި ކަނޑައެޅީ އެ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށެވެ. އެ ހުކުމްގައި ބުނީ ޖާހުގެ ފަރާތުން ހޯދަން އެދިފައިވާ އަމުރަކީ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ އިންސާފު ގާއިމްކުރަން ކޮންމެހެން ނެރެން ޖެހޭ ބާވަތުގެ އަމުރެއް ވެސް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ކޯޓުން ކަނޑައެޅީ މި މައްސަލާގައި ހިމެނޭ އެއްބަސްވުމާ ގުޅޭ މައުޟޫއީ ދައުވާއެއް ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
މި ހުކުމާ އެކު، އެޗްޑީސީން ވަނީ އެ ބިން ހަވާލުކުރަން ޖާހުއަށް އަންގައިފަ އެވެ.
"ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދިނުމަށްފަހު އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.
އެކަމަކު އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނިން ޖާހު އަށް ދިން "ގާނޫނީ ނޯޓިސް" ގެ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓްގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ، އެއްބަސްވުން ބާތިލްކޮށް، އެ ތަން ހަވާލުކުރަން އެންގީ އެވެ.
އެޗްޑީސީން އޮކްޓޯބަރު، 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އެޗްޑީސީ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، އެ މަސައްކަތް ވެސް ނިމިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން..
27 April 2025
އަދި ޖާހުމެން ހާސް ނުވާނެ. ކޯޓްގެ ގާޒީންގެ އަގު ހުންނާނެ. ދަށު ކޯޓުން ކަންކުރާގޮތުން ހައިކޯޓުން މިހާރު އޮފާރ ލިބޭނެ. ހައިކޯޓުން އޮފަރ ނެތީއާމު ސުޕްރީމް ކޯޓްގެ އޮފަރ ވެސް އޮންނާނެ. ސަދޫމް ޖަސްޓިސް ދައުލަތުގެ ހުރިހާ ހަރުފަތަކުން ލިބޭނީ. ނިކެމެތި މީހާ ނިކަމެތި ގޮތް. އާހިރު އެޗްޑީސީ ކުއްވެރިވެ ދައުލަތުން ބޮޑު ޒިންމާއެއް ވާންޖެހޭނީ...
ރަދީފްއޮފިޝަލް / ޖޭޖޭ އެއީ މޭންއެއް
27 April 2025
ޖާހް = ޖަހްދާން ޖައުފަރު އަދި ހިތްވަރުކޮށްލާ.ވިޔަފާރީގަ ދިމާވާނެ މިކަހަލަ ކަންތައްތައް.
މައްސަލަބަލާ
27 April 2025
ޢެޗްޑީސީން ބިމާ ހަވާލުވީމާ ތިމައްސަލަ އެހިސާބުން ނިމުނީ އެއްނޫން. ތީ ޕްރޮޖެކްޓެއް ލަސްވި މައްސަލައަކަށްވުރެ ބޮޑު މައްސަލައެއް. 2019 ގައި ނިންމަންޖެހޭ ޕްރޮޖެކްޓެއް 2025 އާހަމަ އަށް ދިގުދަންމާލެވީނީ އެޗްޑީސީގެ ތެރެއިން ކޮރަޕްޝަން ހިންގާގެން، ވޭތުވެދިޔަ 5 އަހަރު މަޝްރޫއުލަސްކޮށްގެން ޖާހްއަށް އެކިގޮތއގޮތުން އެ ބިމުން ވަނީ ނާޖާއިޒް ފައިދާ ނަގާފަ. ޢެހެންވީމާ، ޖާހް އަށް ނާޖާއިޒް ފައިދާ ނަގާދިން އެޗްޑީސީ އަދި ޖާހްގެ ވެރިންނަށް ފިޔަވަޅުއަޅަންޖެހޭނެ.
ފޫހި
27 April 2025
ޖާހު ކަލޭ އެބައުޅެންތަ؟ އަދި މަޑުކޮށްލާ އެޗްޑީސީ އިން އެތަން ނިންމާފަ ހަވާލުކުރީމަ ބަދަލު ހޯދަން ކޯޓަށް ދެޭ. އޭރުން ކަލޭމެންނަށް މިލިއަނުން ބަދަލު ލިބޭނެ. ކަލޭމެންނަށް ފައިސާ ދީފައި ނިކަމެތި ރައްޔިތުން އެތައް އަހަރެއްވަންދެން ދަރާ ވިކުނު މައްސަލާގަ ބަދަލެއް ނުލިބޭނެ. މިއޮތީވާ ފައްކާ އިންސާފެއް.