ސަރުކާރުގެ އޮފީހެއްގައި ސިވިލް ސާވަންޓުން މަސައްކަތުގައި.---ފޮޓޯ: މިހާރު
01 މެއި 2025 - 08:56
ސިވިލް ސާވިސްގެ ހުރިހާ ފަންތިތަކާއި ހުރިހާ ގިންތިތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެއާ އެކު، ދެފުށް ފެންނަ ހިދުމަތްތަކެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހް މިއަދު ސިވިލް ސާވަންޓުންނަށް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ ދިވެހި ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި އޭނާ ވިދާޅުވީ، މުސާރައިގެ ހަމަހަމަކަމާއި ކުރިއެރުން ލިބުމަކީ ސިވިލް ސާވަންޓުން ހިތްހަމަޖެހިގެން ތިބެ އުފެއްދުންތެރި މަސައްކަތެއް ކުރުމަށް އެޅޭ ބާރަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް ސިވިލް ސާވިސް އަށް ގާބިލް މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަަމަށް ނާސިހް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ވެސް މިއަދު ފާހަގަކުރާއިރު، ސީއެސްސީގެ ރައީސް އިލްތިމާސް ކުރެއްވީ، އާންމުންނަށް ހިދުމަތް ދިނުމުގައި ސިވިލް ސާވިސް ގާނޫނާއި ގަވާއިދާއި ސުލޫކީ މިންގަނޑުގައި ހިފަހައްޓައިގެން ތިބެ، އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށެވެ.
"...ސިވިލް ސާވިސްއަކީ ރައްޔިތުން ބަލައިގަންނަ އިތުބާރު ކުރެވޭ ހިދުމަތަކަށް ހެދުމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސް ކުރަމެވެ،" ނާސިހް ވިދާޅުވި އެވެ.
ދެން އޭނާ އެދިވަޑައިގަތީ ކޮންމެ އިދާރާއެއްގެ "ސާވިސް ޗާޓަރު" ގައި ބަޔާންކުރާ ހިދުމަތްތައް އެ މިންވަރަށް އަދި ބަޔާންކުރާ ފެންވަރަށް، ކަނޑައަޅާ މުއްދަތުގައި ދިނުމަށް ސަމާލުކަން ދިނުމަށެވެ.
ސީއެސްސީގެ ރައީސް ނާސިހް: ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވި.
"އަޅުގަނޑުމެންގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެދިނުމާ އެކު، ގުޅިގެން މަސައްކަތް ކުރުމުގެ ސަގާފަތެއް އަށަގަންނަވައި ފެންވަރު ރަނގަޅު، އަވަހަށް ލިބިގެންދާ ހިދުމަތްތަކެއް ފޯރުވޭނެ ފަދަ ހުނަރުވެރި މުވައްޒަފުންނަށް ވުމަށް އަތުކުރި އަޮޅާލައި އަޒުމްތައް ވަރުގަދަ ކުރަމާތޯ،" ސީއެސްސީގެ ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ދިވެހި މަސައްކަތްތެރިންގެ ބޮޑު ހިއްސާއެއް އޮންނަ ދިވެހި ސިވިލް ސާވިސްއަކީ ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދިނުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ މުއައްސަސާ އެވެ. އެހެންވެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ކަންކަން ކުރުމާއި ރައްޔިތުން ބަލައިގަންނަ ގޮތަށް ހިދުމަތް ދިނުމަށް ނާސިހް އެދިވަޑައިގަތެވެ. ހާއްސަކޮށް ސާފު ސީދާ އަދި ދެފުށް ފެންނަ ގޮތްތައް ހިޔާރުކޮށް، މައްސަލަތައް ހައްލު ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒަމާނަށް އަންނަމުން މިދާ ބަދަލުތަކަށާއި ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ހިދުމަތް ދިނުމުގެ ވައްޓަފާޅި އަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. ނަތީޖާއެއްގެ ގޮތުން، ހިދުމަތުގެ އާންމު މިންގަނޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑު މިއަދު މިވަނީ ބޮޑު ތަނުން އުފުލިފައި،" ނާސިހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
01 May 2025
ހުރިހާ ސިވިލްސަރވަންޓުންގެ މުސާރަ ބޮޑުވުމަކީ އުންމީދެކޭތޯ؟. ތިޔޮތީ ތިކަންވެސް އުންމީދަކުން ނިމިފަ. އެއީ ބޮޑުންގެ މުސާރަތަށް ބޮޑުކުރެވިއްޖެ. ދެން ތިބި ކުދިމީހުންގެ މުސާރަ ބޮޑުކުރަން ޖެހޭނީ ޖެހިޖެހީނުން.
ޑރ ވާންޗޯ
01 May 2025
ދެފުއްފެނި ދެފުއްތަތްލާ ދެފުއްކެހެރި ހިދުމަތަކަށް އެދިވަޑައިގެންނެވިޔަކަސް ނުވާނެ، ކަންހިނގަނީ އެގޮތައްތޯ ބަލާޔަގީންކުރަން ބޮޑުމަގާމުގަ ބޮޑުމުސާރައިގަ ތިހުންނެވީ!!!!.
ޢަކޭ
01 May 2025
ޙުރިހާ ސިވިލް ސާރވިސް މުވައްޒަފުންނޭ ނުކިޔާ، ސިވިލް ސާރވިސްގައި މަސައްކަތްކުރާ ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރ މިދިޔަ ދެ ސަރުކާރުގައިވެސް ވާނީ ބޮޑުކޮށްފަ. ޢެކަމަކު އިދާރީ މަސައްކަތް ކުރާ ސިވިލްގެ މުވައްޒަފުންނަށް މުސާރަގެ އެއްވެސް ކުރިއެރުމެއް ނުލިބޭތާ 16 ވަރަކަށް އަހަރު ވެއްޖެ.
ދުރުމި
02 May 2025
މޑޕ2008 ގައި ވެރިކަމަށް އަރައި އެންމެ ފުރަތަވެސް ސިވިލް ސާވަންޓުން ދުވަސް ދުއްވާލީ . ސިވިލްސާވިސްގައި މައުމޫނަށް ތާއީދު ކުރާ ގިނަބާޔަކު ތިބީމަ . ކޮންމެ ދެއަހަރުން ލިބެމުން އައި ވަޒީފާގެ އަދި މުސާރައިގެ ކުރިއެރުން ހުއްޓުވާލި .ކޮންމެ ދެމަހުން އެއްމަހު ދިން މެޑިކަލް އެލަވަންސް ހުއްޓުވާލި. ކިތަންމެ ގިނަ ދުވަހަކު ވަޒީފާގައި އުޅުނަސް ވަޒީފާގެ ކުރިއެރުން ދިނުން ހުއްޓުވާލި . އަދިވެސް މިކަންކަން ބަދަލު ނުކޮށް ސއސސ ބޮޑު މުސާރަ ނަގައިގެން ނިދާފަ
ބޮޑުމުސާރަ
01 May 2025
މުސާރަ ބޮޑުކުރުމަކީ ހަމައެކަނި އުންމީދެއްތާދޯ؟ މިއަހަރު ނިމޭއިރުވެސް ބޮޑު ވާނެބާ؟
ހުސނ
01 May 2025
ބޭކާރު ވާހަކަ ބޭކާރު ތަނެއް ސިވިލް ސާވަންޓުންނަށް ކޮށްދޭ އެއްވެސް ކަމެއް ނެތް..
ޑުބްލިކޭޓް
01 May 2025
މުސާރަ ބޮޑުކުރަންވީއެއްނޫން! ފުރަތަމަ ކުރަންވީކަމަކީ ސިވިލްސާވަންޓުން މިހާރުދެމުންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރަންވީ އަދި މަސަތްކަތުގެ ގަޑި އިތުރުކުރަންވީ.
ކަތްދައްތަ
01 May 2025
ނެވަރ އެޑްވޮކޭޓް ފޯ ސަމްތިން ދެޓް ޔޫ ޑޯންޓް ބިލީވް. ޖޭއެެސްސީގަ މަނިކުފާނު މަސައްކަތް ކުރާގޮތް. މަޖިލީހުން ނޯކޮންފިޑެންސް ނަގަން އޮށްވާ އެކަމުން ރެކިގަތް ގޮތް. މިކަންކަމުގަ ދެފަރާތް ކީއްކުރަންތޯ އެއްވެސް ފަރާތެއް ނުފެނުނު. ވީއެއްނުވީއެއް ނޭގި ރައްޔިތުން މިހެން ތިއްބާ ލޮދި ހިކައެއް ދެމިގަތްހެން މަނިކުފާނު ތިޔަ އިންނެވީ މަޤާމުގެ ދިފާއުގަ އިންޓެގްރިޓީ ވިއްކާލައްވައިގެން.
ކަކުނިބޯ
01 May 2025
ސިވިލްސަރަވަންޓުން ދެފުއްފެންނަ ގޮތަށް ހިދުމަތްދެވުނު ދުވަހަކުން މުސާރަބޮޑުވާނީ، ދެފުއްފެންނަގޮތަށް ހިދުމަތްދީފިނަމަ މަތީފަޑޮއެއްގެ ވަތޮއޮޑި ބޮލުރޮދި އޮޅޭނެ އަދި އެސާހިތަކު އެސިވިލްސަރވަންޓު ތަނަކުނުހުންނާނެ ސިވިލްސަރވިސް ކޮމިޝަނުން އޭނާ މުސާރަ ބޮޑުކޮށް ހޮދާބަލާއިރު ބޮޑުމުސާރާދޭންޖެހޭމީހާ ނުފެންނާނެ. ޥީމާ ސިވިލްސަރވަންޓުން ދެފުއްފެންނަގޮތަށް ތިބެ ހިދުމަތްދިނުން އެންމެރަނގަޅީ
އެމްސް
01 May 2025
މުސާރަ ބޮޑުވެފަ، ޑޮލަރު ރޭޓް މަތިވެފަ، ތަކެތީގެއަގު އުފުލިފަ، ކުލިި ބޮޑުވީމަ ޖެހެނީ ކޮންތާކުބާއެވެ؟
ބޮޑުބެގެ ބެއްޔާ
01 May 2025
ހެޔޮނުވާނެ، ސިވިލް ސަރވިސް ސިޔާސީ ނުކޮށްބަލަ. ތަންތަނަށް ލާފަ ތިބޭ ޕީއެސް އާ ސެކެޓްރީ ޖެނެރަލުންގެ ބާރު ކަނޑުވާލާ، މުޅި މުވައްސަސާ ސިޔާސީ ގޮތުން އައްޔަންކޮށްފަ ތިބޭ އޯލެވެލް ޔޫސެޓް މީހުންގެ އަތްދަށަށް ގެންގޮސްފި. ވައްދަންޖެހޭ މީހުންނާ ކަނޑަންޖެހޭ މީހުންވެސް މި އެނގެނީ އެއްކަލަ ސިޔާސީ މީހާއަށް. ކަމަކު ނުދޭ މިގޮތެއް.