ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނީޝިއާއަށް ވަޑައިގެން އެ ގައުމުގެ ވެރިންނަށް ދެއްވި ހަދިޔާތަކުގެ ތެރޭގައި ޚާލިސް ރަނުގެ ގަޑި އާއި އަލިމަހާއި ޖަވާހިރުން އަތްކަން އެޅި ކަނޑި އާއި އަނގޮޓި ފަދަ ތަކެތި ހިމެނޭކަން ހާމަކޮށްފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ) އިން އިއްޔެ ހާމަކުރި ލިސްޓުގައިވާ ގޮތުން ހަދިޔާގެ ގޮތުގައި ރަސްގެފާނު ވަނީ ޖަވާހިރުން އަތްކަންއެޅި އަރަބި ކަނޑި އާއި ރޮލެކްސް ގަޑި އާއި ރަނުގެ ބޯލް ޕޮއިންޓް ގަލަމާއި އަލިމަހުގެ އަނގޮޓި ބައްސަވައިފަ އެވެ.
މި ހަދިޔާތައް ލިބުނީ ކޮން ބަޔަކަށް ކަމެއް ކޭޕީކޭއަކުން ހާމައެއް ނުކުރެ އެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ސަރުކާރުގެ ރަސްމީ އިދާރާ ކަމަށްވާ ކޭޕީކޭއިން ބުނީ ރަސްގެފާނު ދެއްވި ހަދިޔާގެ ޖުމުލަ އަގު ފަސް ބިލިއަން އިންޑޮނީޝީއާ ރުޕިއާ (374،728 އެމެރިކާ ޑޮލަރު) އަށް އަރާ ކަމަށް މިހާތަނަށް ހެދި ހިސާބުތަކުން ދައްކާ ކަމަށެވެ.
ރަސްކަލުންނާއި ގައުމުތަކުގެ ވެރިންގެ ރަސްމީ ބައްދަލުކުރެއްވުންތަކުގައި ހަދިޔާ ބަދަލުކުރުމަކީ އާދަކާދައިގެ ގޮތުން ކޮށް އުޅޭ ކަމެކެވެ. ސައޫދީގެ ވެރިން އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާއިރު އަގުބޮޑު ހަދިޔާ ދެއްވާ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވުނު ނަމަވެސް އެ ތަކެތީގެ ތަފްސީލް ގައުމުތަކުން ހާމަކޮށްފައި ވަނީ މަދު ފަހަރަކު އެވެ.
ޖަކާޓާ ޕޯސްޓުން ކުރިން ބުނެފައިވާ ގޮތުގައި ރަސްގެފާނުގެ ދަތުރުފުޅުގެ ކުރިން ސައޫދީ ސަފީރު އުސާމާ މުހައްމަދު އަބްދުﷲ އަލް ޝުއައިބީ ވަނީ އިންޑޮނީޝިއާގެ ފުލުހުންގެ ވެރިޔާ ޓީޓޯ ކަރްނަވިއަން އަށް، ރަނުން ހަދާފައިވާ ކަނޑިއެއް ހަދިޔާ ކުރައްވައިފަ އެވެ. އެ ކަނޑީގެ މައުލޫމާތު ވެސް ކޭޕީކޭ އިން ވަނީ ހާމަކޮށްފަ އެވެ.
އިންޑޮނީޝިއާގެ ސަރުކާރުގެ ކޮންމެ މުވައްޒަފަކު ވެސް އެ މީހުންނަށް ލިބޭ ހަދިޔާ އާއި ފައިސާގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ކޭޕީކޭ އަށް އަންގަންޖެހެ އެވެ.
ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް އިންޑޮނީޝިއާގެ ފޮރިން މިނިސްޓްރީއަށް ވެސް ރަން ކަނޑިއެއް ހަދިޔާކޮށްފައިވެ އެވެ. އޭގެ މައުލޫމާތު ވެސް ވަނީ ހާމަކޮށްފަ އެވެ. - ސްޓްރެއިޓް ޓައިމްސް