ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިދުމަތުން ރިޓަޔާކުރެއްވުމުން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ޝުޖާއުއަށް ހަނދާނީ ފިލާ އަރުވަނީ.-- ފޮޓޯ: ޕޮލިސް
07 މެއި 2025 - 23:13
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު މިއަދު ރިޓަޔާކުރައްވައިފި އެވެ.
ޝުޖާއު ރިޓަޔާކުރެއްވުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައިި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އިސްމާއީލް ނަވީން އާއި ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ޝުޖާއުގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ފުލުހުންގެ ހިދުމަތުގައި ޝުޖާއު ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެނަށް، އެ ރަސްމިއްޔާތުގައި އޭނާ ޝުކުރު އަދާކުރެއްވި ކަމަށެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިދުމަތުން ރިޓަޔާކުރެއްވުމުން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
އެ ރަސްމިއްޔާތުގައި ޝުޖާއުއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލަ އާއި ރިޓަޔަމަންޓް ކާޑު ވެސް އަރުވައިފަ އެވެ.
ޝަރަފުގެ ހަނދާނީ ފިލަ އަކީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ޕޮލިސް ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ފަރާތުން އަރުވާ ފިލައެކެވެ. އެ ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑަލްތައް އަދި ކޮމިޝަނަރުގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެކެވެ.
ރިޓަޔަމަންޓް ކާޑަކީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް އަރުވާ ކާޑެކެވެ. އެ ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައިދިނުމަށާއި ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު އޭނާ ހިދުމަތްކުރެއްވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިދުމަތުން ރިޓަޔާކުރެއްވުމުން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
ފުލުހުންގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑް ރޭންކަށް ޝުޖާއު އިސްކުރެއްވީ 2008 ވަނަ އަހަރު އެވެ. އެއަށް ފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި އޭނާ މަސައްކަތް ކުރެއްވިި އެވެ. ފުލުހުންގެ ލީޑާޝިޕާއި މެނޭޖްމަންޓްގެ މަގާމުތައް ވެސް އަދާކުރެއްވި އެވެ. އަދި ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޕްރޮފެޝަނަލް ފޯރަމްތަކުގައި ރާއްޖޭގެ ސަރުކާރާއި ފުލުހުން ތަމްސީލުކުރައްވާފައިވެ އެވެ.
ޑިސެމްބަރު 25، 2023 ގައި ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވި ޝުޖާއު އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހު 26 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވައިފަ އެވެ.
ޝުޖާއު މަގާމުން ވަކިވެވަޑައިގަތުމުން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ މިހާރު ވަނީ ހަވާލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
08 May 2025
ރިޓަޔަރ ކުރުމުގެ ކުރިން އެސެސްމެންޓްހެދެން ޖެހޭނެ! އެމީހެއްގެ ޕަރފޮމެންސާއި، އިންޓިގްރިޓީ އާއި، އަދިވެސް އެހެން ކަމެއްގައި މައްސަލައެއް ހުރިތޯ ބެލެން ޖެހޭނެ! އޭރުން ރައްޔިތުންވެސް ބަލައިގަންނާނީ! ރައްޔިތުންގެ ފައިސާއިން އުމުރަށް ޚަރަދުކުރަން ޖެހޭއިރު ތިމާއަކީ އެ ފައިސާ ހައްޤު ފަރާތެއްތޯވެސް ބެލޭނެ އިންތިޒާމެއް އޮންނަންވާނެ!
!!!!!
08 May 2025
ފަރުހާދު؟؟؟؟؟؟؟؟
ކޮރަލް
08 May 2025
ރިޓަރަޔަރ ކުރީމަ ޕެކޭޖް ގެ ގޮތުގަ ލިބޭ ފައިސާ ހާމަ ކޮށްލަ ބަލާށެވެ. ރިޓަޔަރމަންޓްގެ ގޮތުގަ މަހަކު ލިބޭ ފައިސާ ހާމަ ކޮށްލަ ބަލާށެވެ. ރިޓޔަރ ވެފަ ހުރި މީހުނަށް ވ ގިނަ އިން ސިޔާސީ މަގާމް ލިބެ އެވެ. ސިޔާސީ މަގާމް ގެ މުސާރަ އާ އެކު ރިޓަޔަރމަންޓް ގެ ފައިސާ ވެސް ލިބެ އެވެ. ޑަބަލް ކޮށް ލިބެ އެވެ. ރައްޔިތުން
222222
08 May 2025
*** މީ މަގޭ ޚިޔާލު **** އަޅުގަނޑަށް ފެންނަ ގޮތުން ކަމިޝަނަރ އޮފް ޕޮލިސް މަޤާމުގައި ހުންނަ މީހަކު އިސްތިއުފާ ދިނުމުން އޭނާ ދެން ބަދަލުވާންޖެހޭނީ އޭނާ ކުރިން ހުރި މަޤާމަށް. އޭގެ ފަހުން އޭނާ ރިޓަޔަރ ކުރަން ބޭނުމިއްޔާ ރިޓަޔަރކުރެވިދާނެ. މިހާރު ތިއޮންނަ ގޮތުން ކަމިޝަނަރ އޮފް ޕޮލިސް މަޤާމުގައި 2 ދުވަހު ހުރެފަ ފުލް ބެނިފިޓްސްއާއި އެކު ރިޓަޔަރކުރެވޭ. އެއީ އޮގަނައިޒޭޝަން އަދި ޤައުމަށްވެސް ފައިދާ ހުރި ގޮތެއް ނޫން.
ސައްޙާފް
08 May 2025
ރިޓަޔާރމަންޓް ބެނެފިޓްގެ އުސޫލު އާއްމުކޮށްދެއްވާ.
ނޫސަންގު
08 May 2025
ދެ ދުވަހު ކަމިޝަނަރު ކަން ކޮށްފައި ބޮޑެތި ޢިނާޔަތް ނަގައިގެން ރިޓަޔަރ ކުރަނީ. ދެން އިވޭނީ ކޮންމެވެސް ކުންފުންޏެއްގެ އެމްޑީކަން ނުވަތަ އެމްބެސެޑަރ ކަން ދޭތަން. އެންމެ މުއްސަނދި ގައުމުތަކުގެ މިފަދަ މަގާމްތަކުގައިވެސް ނުލިބޭ ޢިނާޔަތް މި މީހުންނަށް ދޭން ޖެހޭ. ހުރިހާ ބުރައެއް ޓެކްސް ދައްކާ މީހުންނަށް.
ޢަބްޑޫޅް +
08 May 2025
ޚޮއް…..އަހުރެން ހަމަ ކޮށި އެރީ.
ހ. ހުސައިން
08 May 2025
ފުލުހުންގެ ފަރާތުން އާންމުފަރުދުންނަށް ލިބޭ ރަނގަޅު ވަޒަންކޮށްލުމަށްފަހު މިދަފަ ކަންކަން ހަމަޖެއްސުން ރަނގަޅު. އާންމު ހިޔާލެއް ނެގީމާ ރައްޔިތުންގެ އިތުބާރު ހުރި މިންވަރެއް އިނގޭނީ. އަޅުގަނޑަށް ވަރަށް ސުމެއްގެ ހިދުމަތެއް ދޭތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ފެންނަނީ.
ކޮލަމާހުއްޓާ
08 May 2025
ޓެކްސްޕޭޔަރުންގެ ލާރިން މޮޅުނަމެއްކިޔާފަ ލާރިގަނޑެއް ލިބިގެންދާނެ. މީވާގައުމެއް.
ތުނޑު ހަސަނު
08 May 2025
ތިޔަނުގެ ތިޔަ މަގާމުން ރިޓަޔަރވާއިރު ލިބޭ ޢިނާޔަތްތަކުގެ ތަފްޞީލެއް ނޫސްވެރިން ހޯދާލާފައި މިފަދަ ޚަބަރުތަކުގައި ހިމަނާލަދީބަލަ. މިބޭފުޅުންނަކީ ގައުމަށްޓަކައި ދީނަށްޓަކައި ގުރުބާންވާ ބައެއްކަން އަހަރެމެންނަށްވެސް ގަބޫލުކުރަން ފަސޭހަވާނެ އޭރުން. މީހަކު ބުނިގޮތުގައި ކަމިޝަނަރ ކަން ލިބުނީމަ އެމަގާމުގައި ހުންނާނީ މޮޔައެކެވެ. އެހެނީ ވަކިވުމުން އެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަކާ ނުލާ ވަރަށް ގިނަ އަދި ބޮޑެތި އިނާޔަތްތަކެއް މުޅި އުމުރަށް ލިބޭތީއެވެ.