ފެމިލީ ކޯޓުގައި ބޭއްވި ކައިވެނީގެ މަޖިލިހަކަށް އާއިލާގެ ބަޔަކު ވަންނަނީ.
15 މެއި 2025 - 13:20
ވަރިވުމުގެ ކުރިން ދެމަފިރިންގެ މެދުގައި އަސާސީ މަޝްވަރާތައް ކުރުން ދިވެހި އާއިލާތަކުގެ ތެރޭގައި މަދު ކަމަށާއި ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ނަމަ ދެމަފިރިންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑިއާ ނޫން ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އިސް ގާޒީ ނެރުއްވި ހިތާބެއްގައި ވަނީ ދެމަފިރިއަކަށް ކޯޓުގައި ދިމާވި ކަމެއް ހިއްސާ ކުރައްވައިފަ އެވެ.
ގާޒީ ވިދާޅުވީ، ވަރީގެ މައްސަލައެއްގައި ކޯޓަށް ދެމަފިރިއަކު ހާޒިރުވި ކަމަށާއި އެކަމަކު ކުރިން ތާވަލުކުރި އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ ސަބަބުން އެ މީހުންގެ ޝަރީއަތް ފެށޭ ވަރުވީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.
އެކަމަކު، އިސް ގާޒީ ވިދާޅުވިގޮތުގައި، ޝަރީއަތުގެ މަޖިލީހުގައި އެ މީހުން އެދުނީ މައްސަލަ ކުރިއަށް ނުގެން ގޮސް ދައުވާ ފޯމު ބާތިލް ކޮށްދޭށެވެ. އެ ދެމަފިރިން ކިޔައިދިން ގޮތުގައި އެ މީހުންގެ މެދުގައި މައްސަލަ ޖެހި، ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ވެސް ހަގީގަތުގައި އެ މައްސަލާގައި ވާހަކަ ދައްކައިފައެއް ނުވެ އެވެ.
"ކޯޓުގައި ހޭދަވި ވަގުތުވީ އެ މީހުންނަށް އަގުހުރި ވަގުތުކޮޅެކެވެ. ކޯޓުގައި ތިބެ ދެމީހުން ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގަ އެވެ. ގަދަބަސް ބުނެ، އަނެކާ ދައްކާ ވާހަކަ ހުއްޓުވާކަށް ނޫޅެ އެވެ. އެކަަކު އަނެކަކު ކުށްވެރިނުކޮށް މައްސަލަތަކާ މެދު ފުންކޮށް ވިސްނާލުމުގައި ވަގުތުކޮޅެއް ހޭދަވުމުގެ ނަތީޖާއަކަށްވީ އަދިވެސް އުފާވެރި ދިރިއުޅުމެއް އެކުގައި އުޅެވިދާނެ ކަމަށް ދެމީހުންނަށް ގަބޫލުކުރެވުމެވެ،" އިސް ގާޒީގެ ހިތާބުގައި ވިދާޅުވި އެވެެ.
މާހިރު ވިދާޅުވީ ރޫޅިގެންދާ ކޮންމެ ކައިވެންޏެއްގެ ހާލަތަކީ އެއީ ކަމަށް ނުވިޔަސް ގިނަ މައްސަލަތަކުގައި ފާހަގަވާ ކަމަކީ ކޯޓާ ހިސާބަށް ދާއިރު ވެސް މުހިއްމު ކަން ކަމާ މެދު މަޝްވަރާ ކޮށްފައި ނުވާ ކަން ކަމަށެވެ. ވަރިވުމަށް ފަހު ދެން ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާ މެދު ވެސް ހިޔާލު ބަދަލު ނުކުރާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ކުއްޔަށް ހިފައިގެން އާއިލާ ދިރިއުޅެމުންދާ ތަނުން ނުކުންނާނީ ކާކުތޯ އާއި ދަރިން ތިބޭނީ ކާކުގެ ގާތުގައިތޯ އާއި ދަރިންގެ ހަރަދު ހަމަޖައްސާނީ ކިހިނެއްތޯ އާއި ދަރިންނާ ދުރަށްދާ މީހާ، ދަރިންނަށް ޒިޔާރާތްކޮށް އެ ކުދިންނާ އެކު ވަގުތު ހޭދަކުރާނެ ގޮތާ މެދު ނުވިސްނާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ މާހިރު: ދިގުމުއްދަތެއް ހޭދަވެފައިވާ ކައިވެނި ރޫޅުން މިހާރު އިތުރު ކަމަށް އޭނާ ވިދާޅުވި.
"ވަރިވުމުގެ ކުރިން މިފަދަ އަސާސީ ކަންކަމާ މެދު މަޝްވަރާކުރެވޭ ނަމަ، ކައިވެނި މަތީގައި ދެމިތިބެންޖެހޭ އެތައް ސަބަބެއް ފެންނާނެ އެވެ. ޒަވާޖީ ހަޔާތުގެ އުފާވެރިކަން ދަމަހައްޓަން އެދޭ ދެމަފިރިއަކު ނަމަ، އެ މީހުންގެ އުދާސްތައް ބޭރުކުރަންވީ ތަނަކީ ސޯޝަލް މީޑީއެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކު އަހަންވީ އެވެ،" މާހިރު ވިދާޅުވި އެވެ.
އޭނާ ވިިދާޅުވީ ކައިވެނި ދަމަހައްޓަން އެދޭ ނަމަ ކުދިންނާ ވާހަކަ ދައްކައި، އެ ކުދިންގެ ވާހަކަ އަހައި، އާއިލާއާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ.
ގާޒީ ވިދާޅުވީ ވަރީގެ މައްސަލަތަކުގައި މިފަހަކަށް އައިސް ފާހަގަވާ ކަމަކީ ދިގު މުއްދަތެއްވެފައިވާ ކައިވެނިތައް ރޫޅުން ގިނަވަމުންދާ ކަމަށެެވެ. ދަރިން ބެލުމުގެ ބުރަ ޒިންމާ އަދާކޮށް، ހިންދެމިލުމުގެ ނޭވާއެއްލައި، ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރަން ލިބޭ އުމުރުގައި ކައިވެނިތައް ރޫޅެން ދިމާވަނީ ކަނޑައެޅިގެން ވަކި ސަބަބަކާ ހުރެ ކަމަށް ދަންނަވަން އުނދަގޫ ކަމަށާއި އެކަމަކު އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޒަވާޖީ ހަޔާތުގެ ދިގު ދަތުރުގައި އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި އުމުރުގައި ހަނދާން ކުރަންޖެހޭ ކަމަކީ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގައި އަނަކާވީ ގުރުބާނީ އެވެ،" އިސް ގާޒީ ވިދާޅުވި އެވެ.
މާހިރު ވިދާޅުވި ގޮތުގައި އާއިލީ މައްސަލަތަކުގައި އަދުލުވެރިކަން ގާއިމުކުރުމުގެ އިތުރުން ކޯޓުން ބާރު އަޅަނީ އާއިލީ ދިރިއުޅުން އުފާވެރިކުރާށެވެ. އަދި މައްސަލަތަކެއްގެ ތެރޭގައި ހިތްދަތި ދިރިއުޅުމެއް ތަހައްމަލުކުރަން ކޯޓުން ބާރު ނާޅައި ކަމަށާއި އެކަމުން ސަލާމަތްވެވޭނެ މަގެއް ވެސް ކޯޓުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.
މާހިރު ވިދާޅުވީ ފެމިލީ ކޯޓަށް ހުށަހެޅޭ ޙަޟާނަތާއި ދަރިންނާ ބައްދަލުކުރުމުގެ މައްސަލަތަކާއި ހަރަދާ ގުޅޭ މައްސަލަތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަަލަތަކާއި އެ ނޫން ވެސް އާއިލީ މައްސަލަތައް އަވަސް މިނެއްގައި ބަލައި ފިޔަވަޅު އެޅި އަމުރުތައް ނެރެވެމުން ދިއުމަކީ ކޯޓުން އުފާކުރާ ކަމެއް ކަމަށެވެ.
މާހިރު ވިދާޅުވި ގޮތުގައި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާ އެއްބާވަތަކީ ދަރިންގެ ހަރަދާ ގުޅޭ މައްސަލަތަކެވެ. މިހާރު ކޯޓަށް އޮތް ބާރުތަކުގެ ތެރެއިން އަޅާ ފިޔަވަޅުތަކުން އެކަނި އެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށާއި ހަރަދު ދިނުމަށް އަންގައި ކޯޓުން ހުކުމް ކުރުމުން، އެ ހުކުމް ތަންފީޒުކުރަން އެތައް ފިޔަވަޅެއް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަވާޖީ ހަޔާތުގެ ދިގު ދަތުރުގައި އަނެކާގެ ކިބައިން ފެނުނު އުނި ސިފަތައް ހަނދާން އާކުރުމުގެ ބަދަލުގައި މި އުމުރުގައި ހަނދާންކުރަންޖެހޭ ކަމަކީ ރަނގަޅު ކަމެކެވެ. ދިރިއުޅުމުގައި އަނެކާވީ ގުރުބާނީ އެވެ: އިސް ގާޒީ
އޭގެ ތެރޭގައި އެ މީހުންގެ މުސާރައިން ކަނޑަން އަންގާ ކަމަށާއި ހަރަދު ދޭންޖެހޭ މީހާގެ ބޭންކު އެކައުންޓް ފްރީޒް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކުރުމާއި ވިއްކާނެ މުދަލެއް ހުރިތޯ ނުވަތަ އެ މީހަކަށް ފައިސާ ލިބޭ އެހެން މަގެއް ވެސް އޮތްތޯ ބަލާ ކަމަށް ކަމަށް މާހިރު ވިދާޅުވި އެވެ.
އަރުވާލުމާއި ގޭބަންދު ކުރުމާއި ޖަލަށް ލުމުގެ ބާރު ވެސް ކޯޓަށް އޮންނަ ކަމަށާއި އެކަމަކު އެއިން އެއްވެސް ފިޔަވަަޅަކީ ހަރަދު ލިބެންވާ ނިކަމެތި މައިމީހާ އަށް ކަށަވަރުކަމާ އެކު ހަރަދުގެ ފައިސާ ލިބޭ މަގެއް ނޫން ކަމަށާއި އެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ދަރިންގެ ހަރަދު ހޯދުމަށް ހުރި އިންތިޒާމުތައް ބަދަލު ކޮށްގެން ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިދު އަލީ
15 May 2025
ކީއްކުރާނީ
ފައުޒިއްޔަ
15 May 2025
ދެބަސް ވުމަ އަރާރުން ވުން ހުއްޓާލާ ، ޓީ ރޫމްތަކުގަޔާ ކެފޭ ތަކުގަ ކިޔުން ވެސް ހުއްޓާލާ. މައްސަލަ އެއް އުޅޭނަމަ މީހުނއ ކައިރީ ނުކިޔާ ރައްފުވާ ފަރާތާ ވާހަކަ ދައްކާލާ
އާއިލީ
15 May 2025
މިހާރު ދިވެހިން އާއިލީ މައްސަލައާ، ދެމަފިރިންގެ ވަރަށް ޕާސަނަލް ކަންކަމުގައިވެސް ޓިކުޓޮކުގައި ޒުވާބުކޮށް ހަދަނީ. ވަރަށް ހުތުރު ވިޔާނުދާ ގޮތް ކުޑަ ނާތަހުޒީބު ކަމެއް!
މަހާރާ
15 May 2025
ވަރަށް ރަނގަޅު ވާހަކައެއް. ފަހަކަށް އައިސް، ޓިކްޓޮކްގައި މީގެ އަމަލުތައް ދަނީ ފެންނަމުން. އަަދި މީގެ އިތުރަށް، ޢާއިލާ މީހުންގެ ވަރަށް ޒާތީ މަޢުލޫމާތު ލައިވް ތަކަށް އަރައި ޙިއްސާކޮށް، ގޭގެ ސިޓިންގް ރޫމް އާއި ފާޙާނާގެ ވިޑިއޯނަގާ މީހުންނަށް ދައްކާ އުޅޭ ''ޓިކްޓޮކް ސްޓާރުން'' އުޅޭކަމީ ހިތާމަހުރި ކަމެއް. މިކަމަށްވެސް ޙައްދެއް އޮންނަން އެބަޖެހޭ.
ފީތުމަ
15 May 2025
ފިރިން ގާތުން ގަދަބަސް ބުނެފަ ނޫނީ ފިރިމީހާޔަށް ނުބައިކަމުން ވަރިވެފަ ތިބޭ ދެވަންފުރާގެ އަންހެނުން އެމީހުންގެ ދިރިއުޅުމުގެ ފަޅުކަން ފިލުވަން ގުރޫޕު ހަދާގެން ގުރޫޕު ބޮޑުކުރަން ހަދާގޮތަކީ މީހުނާ އިނދެގެން އުޅޭ އަންހެނުން ބޮލަށް ވަދެގެން މޫދަށް ގެންގޮސް، ދަތުރު ގެންގޮސް، ހަދިޔާ ބަދިޔާ ގެންދީ ހަދާގެން އެމީހުން އޮޅުކުރަނީ. އޭރު ފިރިކަލޭގެ އުޅޭނީ ހޭބޯނާރާ އާމްދަނީ ހޯދަން މަސައްކަތުގަ. ދެން އެފަކީރު ގެޔަށް އަންނައިރު ގޭގަ ކާއެއްޗެއް ނުހުންނާނެ. ދެން....
ލަތީފާ
15 May 2025
މާލޭގަ ކެފޭ ރެސްޓޯރެންޓް މަދުތަ؟ ލިބޭ އެއްޗަކުން ފުދުންތެރި ދިރިއުޅުމެއް އުޅެ މަސައްކަތް އަދި އާއިލީ، އަދި ތިމާގެ ސިއްހަތުއަދި ދީނަށް ވަގުތު މެނޭޖްކޮށްބަލަ! ދެން ބުނޭ މާލޭގަ ކުލި ބޮޑީއޭ! އަތޮޅުތެރޭގަ ފުދުންތެރި އަދި ފަހަށް ފައިސާ ރައްކާކޮށްގެން އުޅެވެން އޮތް އިރު މާލޭ އައިސް 18 ގަޑިއިރު މަސައްކަތުގަ! ބޯހަލާކު!
ހީތިމު
15 May 2025
ރަނގަޅު ވާހަކައެއް. އަދި ތިހެން އުޅޭ ފިރިހެނުންގެ ވާހަކަ ވެސް ދަެްކަން ޖެހޭ. މުސްކުޅިވެ އަޖޫޖު ވީމާ ވެސް ޒުވާން އަންހެނުން ލިބޭޔޯ ހޭބޯނާރާ އުޅެނީ. އަނގައިން ކާމިޔާބު ވާނެ އެންމެން ވެސް
ޢަބްޑޫޅް +
15 May 2025
ޢުނހުނ. ސޯސިޔަލް މީޑިޔާ އަށް ގެނެނަން އެބަ ޖެހެޔޭ މިހާރުން މިހާރަށް. ޕޮސް.
ގެދޮރޭ
15 May 2025
އަސްލު ވަރަށް ރަނގަޅު ވާހަކަ އެއް އެ ވިދާޅުވީ. ގިނަ މީހުންނަށް ހީވަނީ އަނބިމީހާ އަށް ކޮށްދެންޖެހޭ ކަންތައްތައް ނުވަތަ ކޮށްދޭކަމެއް ކޮށްދޭން ޖެހޭ ގޮތް ފިރިމީހާއަށް އެނގޭނެކަމަށް އަދި ފިރިމީހާވެސް ދެކެނީ ހަމަ މި މޭރުމުން. ނަތީޖާއަކީ އުއްމީދު ކުރިގޮތް ނޫން އެހެންގޮތަކަށް ކަންކަން ދިމާވާފަހަރު ބޮޑު ހަމަނުޖެހުމެއް ހިނގުން. އެހެން ގޮސް ކައިވެނި ރޫޅޭ ގޮތް ވަނީ. އަދި ފެމިލީގެ ނުފޫޒުވެސް މިފަދަ ކަންކަމަށް ވަދޭ
މަބުނީ
15 May 2025
މާލޭގައި މީހުން ގަނަތެޅެނީ ތެޅޭހިތުން. ރަށުގޯތި ގެސްޓްހައުސްހަދާފަ ކުއްޔަށްދީފަ މާލެއައިސް ދަރިންކޮޅާއެކީ އެއްކޮޓަރީގަ ނިދަނީ. ރީތިހެދުންލައިގެން ލިޕްސްޓިކްޖައްސާފަ އަގުބޮޑުފޯނު ހިފައިގެން ރެސްޓޯރަންޓްތަކުން ކައިގެން ހަތަރުދަމު ސޯޝަލްމީޑިއާކުޑަކުރުމުގަ. ނަމުން ދަރިންނަށް ކިޔަވައިދެނީ. އާޚިރުގައި އާއިލާރޫޅި ދަރިން ފާސްނުވެ ތައުލީމެއް ތަރުބިއްޔަތެއްނުލިބި ދަރިންވެސްވަނީ ހަލާކު.
އެމްސް
15 May 2025
ސިޔާސީ ޕާޓީތަކަށްވެސް ތިމަގު ދައްކަމާ! ފިތުނަވެރިކަންވެސް އެެންމެބޮޑީ . . . !
ފެންމެލި
15 May 2025
އެންމެ ފެންވަރުދަށް އިދާރާ
ފުންމުލި
15 May 2025
ފެމިލީ ކޯޓާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަކީ ދެތަނެއް އެނގޭތޯ. އިދާރާއެކޭ ނުކިޔާނެ ކޯޓަކަށް. އެހެންވީމަ އަސްލު ކޮންތަނެއްގެ ފެންވަރު ދަށްވެގެންތޯ ތިއުޅެނީ؟
ފެދއް
15 May 2025
މަނިކުފާނު ދޭންވީނުން ފެމެލީކޯޓުގެ މުއައްޒަފުންނަށް ކިޔަވައިދީ ފެންވަރު މަތިކޮށްދޭން.