ދަރިންނަށް ބައްޕައިން ހަރަދު ނުކުރާތީ މަންމައިން ރޯ ރުއިމާއި ދަރިންނާ ބައްދަލުކުރަން ބައްޕައިން ކުރާ އާދޭހަކީ ކޯޓުން ފެންނަ ހިތްދަތި މަންޒަރެއް ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ.
އާއިލާއާބެހޭ ދުވަހުގެ މުނާސަބަތުގައި އިސްގާޒީ މާހިރު ނެރުއްވި ހިތާބުގައިވަނީ ދަރިންނަށް ބައްޕަ ކުރަންޖެހޭ ހަރަދު ނުދޭތީ އެ ކުދިންގެ މަންމައިން ކޯޓުގައި ރޮމުން ދާއިރު، ދަރިންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން އެދި ބައްޕައިން ކުރާ އާދޭހަކީ ކޯޓުން ފެންނަ ހިތްދަތި މަންޒަރެއް ކަމަށެވެ.
އިސްގާޒީ ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ މިފަދަ ކަންކަމަކީ މަންމަ ނުވަތަ ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ މީހުން ވިސްނާތީ އެވެ. އެކަމަކު ހަރަދު ލިބުމާއި މައިންބަފައިންނާ އެކު ވަގުތު ހޭދަކުރުމަކީ ކުދިންގެ ހައްގެއްކަން އެ ހިތާބުގައި އިސްގާޒީ ފާހަގަކުރައްވާފައިވެ އެވެ.
"އެ ހައްގުން އެ ކުދިން މަހްރޫމް ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ކައިވެނި ރޫޅުމަށްފަހު ޖެހޭ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ." އެ ހިތާބުގައިވެ އެވެ.
އާއިލާތައް ރޫޅެން ދިމާވާ މައިގަނޑު ސަބަބާ ބެހޭ ގޮތުން އެ ހިތާބުގައި ވިދާޅުވެފައިވަނީ ކައިވެނީ ހަފްލާތަކާ މެދު މަޝްވަރާ ކުރެވޭ ވަރަށް ވެސް ދިރިއުޅުމުގެ މުހިންމު ކަންކަމާ މެދު ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވޭ ކަމަށެވެ. އަދި މައްސަލައެއް ދިމާވުމުން އަވަހަށް ކައިވެނި ރޫޅާލަން ބަޔަކު ހިތްވަރުދޭ ކަމަށް އެ ހިތާބުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
އެ ހިތާބުގައި ގޮވާލާފައިވަނީ ހެޔޮ ގޮތުގައި ފައިސާ ހޯދައި އަދި އެކަކު އަނެކަކަށް ލޯބިވުމަށާއި ދަރިންނާ އެކު ވަގުތު ހޭދަ ކުރުމަށެވެ. އަދި އާއިލީ އުފާވެރި ވަގުތު ހަލާކުކުރާ އެއްޗަކަށް މޮބައިލް ފޯނު ނުހެދުމަށާއި އެކަކު އަނެކެއްގެ ވާހަކަތައް އަޑު އެހުމަށް ވެސް އެ ހިތާބުގައި އިސްގާޒީ ގޮވައިލެއްވި އެވެ.