އައިކޮމް ހިންގާ އިމާރާތުގެ ހާލަތު: އެ އޮފީހުގެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ މައްސަލަ ވަރަށް ބޮޑު
19 މެއި 2025 - 12:55
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހާލަތު ދަށްވުމުން މާދަމާ އިން ފެށިގެން އޮންލައިންކޮށް ހިދުމަތްދޭން އެ އޮފީހުން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ހާއްސަ އެންގުމެއްގައި ބުނީ، އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް މި ވަގުތު ނެތް ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައް ހިންގާނީ އޮންލައިންކޮށް ކަމަށް ބުންޏެވެ.
އޮފީހުގެ އެއްވެސް ކަމަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3010990 އަށް ގުޅައި ދިނުމަށް ވަނީ އެދިފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގ. ބިއްލޫރިޖެހިގޭގަ އެވެ.
އެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ، އޮފީސް އިމާރާތް ހުރީ މުވައްޒަފުންނަށް ސިއްހީ ގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ، ފާހަނާ އާއި ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން ރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ރިޕޯޓުގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ބިއްލޫރިޖެހިގެއަށް ބަދަލުކުރީ ވަރަށް ގިނަ މަރާމާތުތަކެއް ވެސް ކޮށްގެންނެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ނުވެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް ބުންޏެވެ.
ނަމަވެސް އެތައް ފަހަރަކު މަރާމާތުކޮށްގެން ވެސް ދެތިން މަސް ދުވަހުގެ ތެރޭގައި އަނެއްކާ ކުރީގެ ހާލަތަށް ބަދަލުވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ފާހަނާ އާއި ސައިކޮޓަރީގެ އިތުރުން ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމުގެ ތެރެއަށް ފެނުގެ އަސަރުކޮށް ހުޅަނގު ފަރާތު ފާރާއި ކާޕެޓް ހަލާކުވަމުން ދިއުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފަ އެވެ،" އަހަރީ ރިޕޯޓުގައި ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ދަށްވާން ފެށުމުން އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު، 2024 ގައި އެންމެ ފަހުން ހުއްދަ ދިނުމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް، ބިޑުގެ އަގު 7.6 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ނޮވެމްބަރު 19، 2024 ގައި އެ މިނިސްޓްރީ އަށް ފޮނުވި އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް ފަހު، އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުންޏަސް އިންފޮމޭޝަން ކޮމިޝަނަރުގެ އަހަރީ ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން މިދިޔަ މާޗު މަހު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
20 May 2025
އޮފީސްތަކާއި ގާނޫނުތައް މާގިނައީ. ރައްޔިތުންނަށް ކުރާ ފައިދާއަށް ވުރެ، މިތަންތަނަކީ ޕާޓީ މީހުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭން އުފައްދާފައިހުރި ތަންތަން. ގާނޫނުތައްވެސް ހަދަނީ ރާއްޖޭ ހާލަތަށް ނުބަލާ. ގިނައީ ކޮޕީ ޕޭސްޓް ގާނޫނުތައް. ގާނޫނުތައް އުފަންކޮށްގެން ހުޅަގުގެ ޖަމާއަތްތައް ރުއްސަން އުޅުމުގެ ބަދަލުގައި ރާއްޖޭގެ ހާލަތާއި ކަންކަމަށް ރިއާޔަތްކޮށްގެން ގާނޫނުތައް ހަދަންވީ
ަހަސަންރަހާ
20 May 2025
އައިކޮމް ފަދަ ތަންތަނަކީ އޮފީހެއް ހުންނަންޖެހޭ ތަންތަނެއް ނޫނޭ. ހޯމް މިސްޓްރީ ގައި ޑެސްކެއް ބެހެއްޓީމާ އައިކޮމް ހިންގޭނެޔޭ. ޚަރަދު ކުޑަކުރުމަށްޓަކާ މިފަދަ ތަންތަން އުވާލާށޭ!
2025
20 May 2025
ޢަބަދު އޭސީ ފޫބުޑުގަ ދުނިޔޭގެ ސާފުވަޔާ އަވިވެސް ބޭނުންވާނެ. ކަޑިކިބުރި...... ބޮއިހަލަކި
މުހައްމަދު..
20 May 2025
އިމާރާތްތައް ކުރަހާ ގިނަ އިންޖިނިއަރުންނަށް އިމާރާތް ހަދާ ނިމޭއިރުވެސް ގިނަފަހަރަށް އިމާރާތް ހުރިތަންވެސް ނުއެގޭ. އަދި ހުއްދަ ދޭ ފަރާތް ވެސް ނުބަލާ އިމާރާތް ކުރަނީ ހުއްދަ ދިން ކުރެހުމާއި އެއްގޮތަށްތޯ. އިމާރާތް ހަދާ ނިމޭއިރު ޖެހިގެން ހުންނަ އިމާރާތް ތަކަށް ހުންނަނީ ބޮޑެތި ގެއްލުން ލިބިފައި. އިމާރާތް ކުރަން ހުއްދަ ދެނީ ގޯތިގެ ރަޖިސްޓަރީ އާއި ހުއްދަ އޮންނަ އޮންނަ އިންޖިނޭރަކު ސޮއިކޮށްފައި އޮތްތޯ ބަލައިގެން. ކުރެހުން ރަގަޅުތޯ ބަލައިގެނެއް ނުން.
ސިފައިން
19 May 2025
ސެނަހިޔަ މިލިޓަރީ ހޮސިްޕިޓާގެ ހާލަތުވެސް ތިވަރު. ޑޮކްޓަރަށް ދައްކާ ކޮޓަރިތަކާ ވާރޑްތަކުގެ ފާރުތަކުގައާއި ހުސް ބްލެކް ފަންގަސް. މިތަނަކީ ސިއްހީ ޚިދުމަތެއްދޭން ހެޔޮވާވަރު ތަނެއް ނޫން. އެކަމަކު މިކަން ބަލާނެ މީހަކު ނެތް.
ހާލުފޮޅިފޮޅި
19 May 2025
ފެން ފޭބުމާ ނުސާފު ވައި އަދި ފޫޖެހުމަށްވެސް ހޭނެން ވާނެ، އެކަންކަމާއެކު އުޅެން ދަސްކުރަންވާނީ . .
ހއްޕު
19 May 2025
އަބަދު އޭސީ ޖައްސައިގެން ދުނިޔެއަށް ޖެހޭ ވަޔާއި އަވި އުޅޭތަނަށް ނުވައްދާ ބައްދުކޮށްގެން ތިބޭ އަދިވެސް. އިމާރާތް ވޯޓާ ޓައިޓެއްވެސް ނޫން އަދި. ލެޓްސް މޭކް އިޓް ވޯރސް ދޯ. ހޫނުވުމަކީ ރަނގަޅު ކަމެއް. ދުނިޔެއަށް ޖެހޭ ވައި އަދި އަވި ގައިގާ ޖެހުމަކީ ރަނގަޅުކަމެއް. ދާހިއްލުމަކީ ރަނގަޅުކަމެއް. އޭސީ ނިވާފަ އިމާރާތަށް ވައި ވަންނަ ގޮތަށް ބަހައްޓަބަލަ ދުވާލަކު ގަޑިޔަކަށް ވިޔަސް!
ޖައިސާމް
19 May 2025
އެއްވެސް މިނިސްޓްރީއެއް މިހާލަތުގަ އުޅެން ޖެހޭބާ؟
ރަދީފްއޮފިޝަލް / ފެން ލީކް
19 May 2025
ސަރުކާރުން ތަމެން ތިޔާ ބިއްލޫރިޖެހިގޭ ހުރިތަނުގަ ނިކަން ޒަމާނީ އޮފީސް ބިލްޑިންއެއް އަޅާބަލަ.ތިގޮތަށް ފެން ލީކްވުން އެއީ މާލޭގެ ވަރަަށް ގިނަ ރެޒިޑެންޝަލް އަދި ކޮމާޝަލް ތަންތަނަށް ދިމާވެފައިވާ ކަމެއް.އިމާރާތްކުރުމުގެ ފެންވަރުވެސް ވަރަށް ދަށް މާލޭގެ ގިނަ އިމާރާތްތަަކުގެ.
ރުޒްލާން
19 May 2025
ކޮރަޕްޝަނާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، އިސްރާފުކުރުމުން ހުއްޓުވިޔަ ނުދޭން ވެސް ނުދޭނެ އެހެން އިމާރާތެއް. އެކަމަކު ދަރިންނޭ ގޭގަ ތިބެގެން ވެސް މަސައްކަތް ކުރާތި. މިނޫން ދުވަހެއް އަދި ފެންނާނެ ތިޔައީ ގައުމީ މަސައްކަތެއް