މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ކުރިއަށް ގެންދާ "ރައްކާ ކެމްޕެއިން"ގައި އެއްބާރުލުންދޭން ތިން ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ އެކު ސޮއިކުރީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އުރީދޫގެ އިތުރުން އެލައިޑް އިންޝުއަރެންސެވެ.

ފުލުހުން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން މި އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިންގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިް ނަވީން އާއި އެލައިޑް އިންޝުއަރެންސްގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު، އެއްބަސްވުމާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: ޕޮލިސް
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިް ނަވީން އާއި އެލައިޑް އިންޝުއަރެންސްގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު، އެއްބަސްވުމާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: ޕޮލިސް

އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އުރީދޫން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރު އޮފް މޯލްޑިވްސް ހުސައިން ނިޔާޒް އެވެ.

ނަވީން އާއި އުރީދޫގެ ކޮމާޝަލް އޮފިސަރު ނިޔާޒް، އެއްބަސްވުމުގައި ސޮއި ކުރައްވަނީ.--- ފޮޓޯ: ޕޮލިސް
ނަވީން އާއި އުރީދޫގެ ކޮމާޝަލް އޮފިސަރު ނިޔާޒް، އެއްބަސްވުމުގައި ސޮއި ކުރައްވަނީ.--- ފޮޓޯ: ޕޮލިސް

އަދި އެލައިޑް އިންޝުއަރަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު އެވެ.

އެ ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުގެ އިތުރުން އެ ތިން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.