ބްރޯޑްކޮމްގެ މެމްބަރުން.
05 ޖޫން 2025 - 14:18
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލާން އެ ކޮމިޝަނުން ހުޅުވާލައިފި އެވެ.
މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ޒީނިޔާ މަގާމުން ވަކިކުރީ އެވެ.
އެހެންވެ ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައި ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން މަގާމަށް ޝަރުތު ހަމަވާނީ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަކަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާއިން ދެ އަހަރުގެ ތަޖުރިބާ ހުރި މީހުންނެވެ. ނޫން ނަމަ މާސްޓާސް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާ އިން ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
- ހިންގުމުގެ ދާއިރާގައި ސީނިއާ މެނޭޖްމަންޓް އާއި އެގްޒެކްޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުން.
- ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާ އެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައި ވުން.
- މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހަކަށް ވުން.
- ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެ މީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކަށް ވުން.
- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގުމާއި ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުތައް އެނގޭ މީހެއްކަން އިންޓަވިއު ޕެނަލްގައި ސާބިތުކޮށްދިނުން.
އެ މަގާމުގެ މުސާރައިގެ ގޮތުގައި 20،500ރ. އާއި އެލަވަންސްގެ ގޮތުގައި 15،000ރ. ލިބެ އެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި 700ރ. އާއި މަގާމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އެހެން އެލަވަންސްތައް ވެސް ލިބޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
ފަސް އަހަރުގެ މުއްދަތަކަށް ބްރޯޑްކޮމް އަށް އެސްޖީއަކު ހޯދަމުން އަންނައިރު، އެ މަގާމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އެ ކޮމިޝަނުގެ ގާނޫނާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެތަން ބެލެހެއްޓުމާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކޮމިޝަނުގެ ޖަލްސާތަކުގެ އިދާރީ ކަންތައް ބެލެހެއްޓުމެވެ.
މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކަންކަން ރޭވުމާއި މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އިންސާފު ގާއިމުކުރުމަކީ ވެސް އެސްޖީގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ކޮމިޝަނުގެ ކައުންޓަރުންނާއި ވެބްސައިޓުން ވެސް ލިބޭނެ އެވެ. މަގާމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 23 ވާ ހޯމަ ދުވަހުގެ 1:00 ގެ ކުރިން ކަމަށް އިއުލާނުގައިވެ އެވެ.
އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމްކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރު
06 June 2025
މިމީހުންގެ ފަރާތުން މި ޤައުމަށް ވަނީ ކޮންފައިދާއެއްތޯ.މި މީހުންނާއިހުރެ ސަލާމަތް ނުވެގެން މި އުޅެނީ.
އަބްޑޫޅް +
05 June 2025
ޙޫމް. އަހުރެން މިހާރުވެސް އޮންނާނީ ސިޓީ ވައްޓާލާފައި.