ފުލުހުންގެ އިދާރާ: ކުދިންނަށް ބުލީކުރާ 22 ސްކޫލެއްގެ ކޮންފެޝަން ޕޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 ޖުލައި 2025 - 17:35
ސްކޫލު ކުދިންގެ މެދުގައި ހިންގާ ކޮންފެޝަން ޕޭޖުތަކެއްގައި ކުދިންނަށް ބުލީކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެފަދަ 2 ޕޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ކޮންފެޝަން ޕޭޖުތައް ހުއްޓުވަން ފުލުހުން ނުކުތްއިރު މިފަދަ ޕޭޖުތަކުގައި ދަނީ ކުދިންނާއި ޓީޗަރުންނަށް ނިސްބަތްކޮށް ވަރަށް ހަޑި ހުތުރު ބަހުން ޕޯސްޓުތައް ޖަހަމުންނެެވެ.
ފުލުހުން ބުނީ ސްކޫލު ކުދިންގެ މެދުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސައިބާ ބުލީގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފްތާގައި ވަނީ މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ފަށައިފަ އެވެ. އެ ހުރިހާ ޕޭޖެއް ހުއްޓުވި ކަމަށް މައުލޫމާތު އާއްމުކުރި އިރު ފުރަތަމަ ބުނެވުނީ އޮޅުމަކުން ކަމަށާއި މިހާތަނަށް ހުއްޓުވީ 2 ޕޭޖު ކަމަށް ފުލުހުން ބުންޏެވެ.
އަދި އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ސައިބާ ކްރައިމް ސެންޓަރުން ބަލަމުން އަންނަ ކަމަށް ބުންޏެެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އެފަދަ ޕޭޖުތައް އުފައްދައި އާންމުކޮށް ހިންގަނީ ވެސް ސްކޫލު ކުދިންނެެވެ.
އެ އިދާރާ އިން ބުނީ ޕޭޖުތައް ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާލިބޭ އެތައް މައުލޫމާތުތަކެއް އެ ޕޭޖުތަކުގައި ލިޔަމުންދާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ޕޭޖުތަކުގައި ވަނީ ފުލުހުން ޕޯސްޓެއް ޖަހައިފަ އެވެ. އޭގައި ވަނީ އެކަމުގައި ހަރަކާތްތެރިވަމުން އަންނަ ކުދިންގެ މައްސަލަ ބަަލައި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފުލުހުން ދެމިތިބޭނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.
ފުލުހުން ވަނީ މިހާރު ކުރިއަށްދާ ތަހުގީގަށް އެހީވުމުގެ ގޮތުން އެފަދަ ޕޭޖްތަކުގެ ޝިކާރައަކަށްވި ކުދިންގެ މައުލޫމާތު ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރާ ހިއްސާކުރަން ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
06 July 2025
އެކަން ކުރާ ކުދިންނަށް އެކަށީގެންވާ ފިޔަވަޅު އަޅައިގެންނޫނީ ނުހުއްޓުވޭނެ. މަސްކަނޑާ މީހަކުއަތުން ވަޅިއަތުލުމަކުން މަސްކެނޑުމެއް ނުހުއްޓުވޭނެ.
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
06 July 2025
ބުލީ ކުރާ ނަމަ ކުދިން ނުވަތަ މައިން ބަފައިން ގުޅާނެ ހޮޓްލައިން ނަންބަރެއް ހަދަން ފެނޭ!
ކޮރަލް
06 July 2025
ގާނޫނު ތައް ހުރި ގޮތުން ކުދީންގެ މައްސަލަ ތައް ބަލާ ފިޔަވަޅެއް ނޭޅޭނެ އެވެ.
ޖެހޭ އެބަ!
06 July 2025
އެކަށީގެންވާ އަދަބުދީގެން ޖީލުތައް ތަރުބިއްޔަތު ކުރުމުގެ އާދަޔަށް އެނބުރި ދާންޖެހޭ އެބަ! އަދަބު ދިނުމުގެ ބާރު ސްކޫލްތަކަށް ދޭންޖެހޭ އެބަ! ބެލެނިވެރިންވެސް މިކަމުގައި އިހުހެން ސްކޫލްތަކާ ބައިވެރިވާން ޖެހޭ އެބަ! ހުޅަނގުން ޕްރޮމޯޓްކުރާ ހައްގުތަކުން އުފެދެނީ ލަދެއް ބިރެއް ގޮތެއްފޮތެއް ނެތް އިންސާނުން. އިއްޔެވެސް ޚަބަރުގައި އޮތީ އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައިގެެން މެރި ވާހަކަ. މިތާ ބަޑި ނުގެންގުޅޭކަން ނަސީބު
ދެރަވަރު
06 July 2025
މައިންބަފައިންގެ އިހުމާލު ނޫން އެހެން އެއްޗެއް ނުފެނޭ. އަށާރަ ނުވަނީސް ކައިވެނިކޮށް ދަރިން ހޯދާފަހުން އަދި ހަގީގީ ދުނިޔެ ފެނިގެން ދަރިން ދޫކޮށް މަޖަލުގަ އުޅޭ މައިން ގިނަ ޒަމާނެއް މީ.