ޚަބަރު / ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ގުޅޭ ބިލް މަޖިލިހަށް

މުހިންމު ތިން ކަމެއްގައި ރައްޔިތުންގެ ވޯޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ރައްޔިތުންނާ ގުޅޭ ކަންކަމުގައި ހިޔާލު ހޯދަން ވޯޓަށް އަހަން ބިލެއް ވަނީ ހުށަހަޅާފައި.

ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އެހުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުވައިފި އެވެ.

"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގެ ނަމުގައި ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ.

އެ ބިލް މަޖިލިހަށް ހުށަހެޅިއިރު، ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 އިގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމެކެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ ވޯޓަކަށް އަހަން ނިންމާފައިވާ އިއުލާން ކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެންނާނީ ރައްޔިތުންގެ ވޯޓަކަށް ގޮސް ރައްޔިތުންގެ ހިޔާލާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލްގައި، ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ.

ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް ރައީސް އަނބުރާ ބިލު މަޖިލީހަށް ފޮނުވާލައިފި ހާލަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ނިންމަން ޖެހެ އެވެ.

ގައުމީ މުހިއްމު މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދަން ފެންނަ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމަ މި ގާނޫނުގެ ދަށުން ހިޔާލު ހޯދަން ވޯޓަށް އެހިދާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އަދި އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެ މަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވައި ނެރުއްވާ ގަރާރަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް.

ބިލުގައި ބުނީ އާންމު ވޯޓެއް ނެގުމަށް މަޖިލީހަށް ފެންނަ ހާލަތްތަކާއި އެކަން ކުރަން މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅަން ޖެހެނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހާއި ރައީސް ގަރާރު ނެރުއްވާއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެ އެވެ.

އާންމު ވޯޓު ނެގުމަށް ނެރޭ ގަރާރާ އެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އެ މައްސަލާގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލުމާތު ކަރުދާހެއް ވެސް ނެރެން ޖެހެ އެވެ. އެ ކަރުދާސް އެކުލަވާލަން ޖެހެނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

ގަރާރުގައި ހިމަނަންޖެހޭ ކަންކަން:

- ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް.

- އެ މައްސަލާގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު.

- ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު.

ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސްގެ ގަރާރާ އެއްގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މައްސަލައަކާ މެދު ވޯޓެއް ނަގަން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދުމަށް އެދި އެ ފަރާތަކުން ހުށަހަޅާ ސުވާލުގެ ފުރިހަމަ އިބާރާތް ކޮމިޝަނުން އާންމުކުރަންޖެހެ އެވެ.

ބިލުގައި ބުނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށެވެ.

އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަަކަށް ވެސް ބައިވެރިވެވޭ މި ވޯޓު ކުރިއަށް ގެންދަން ޖެހެނީ ސިއްރު ވޯޓެއްގެ ގޮތުގަ އެވެ. ވޯޓު ނަގާތާ 14 ދުވަހުގެ ތެރޭގައި އޭގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެ އެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަކީ އެ މަނިކުފާނު ވަކާލަތު ކުރައްވާ ގޮތް ކަމަށެވެ.

އެ ނިޒާމުގައި ވޯޓުދޭ މީހުން ހަމައެކަނި އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލަ އެވެ.

ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބާއްވަން ޖެހެނީ މިހާ އާބާދީ މަދު ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވެ އެވެ. އެ ދެ އިންތިހާބާ ދެމެދު އޮންނަނީ އެންމެ 2-3 މަސް ކަމަށް ވާއިރު ވަކިވަކިން އިންތިހާބު ބޭއްވުމުން ބޮޑު ހަރަދެއް ހިނގާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

6 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞަލްމާ

07 July 2025

ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅޭ ބައެއް މީ

The name is already taken The name is available. Register?

ކޮސް

07 July 2025

ރައީސް އެދިވަޑައިގަންނަވާ ބިލެއް މިހާރު އޮތް "މުލިއާގޭ މަޖިލީހުން " ފާސްނުވާނެ ގޮތެއް އޮންނާނެތަ? ހޭބުއްދި ފލާފައިހުރި މީހަކުވެސް ޤަބޫލެއް ނުކުރާނެ އެނޫން ގޮތަކަށް. މިއުޅެނީ 2028 ގައި ވޯޓަކަށް ނުގޮސް ގައުމު ގަޑުބަޑުކޮށް މުއްދަތެއްނެތް ގޮތަކަށް ވެރިކަން ދަންމާލަން. މިފުރުޞަތެއްނުދޭނެ ރައްޔިތުންނެއް.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

07 July 2025

ތިޔައުޅެނީ އޭއްޗެކޭ މީޢްޗެކޭ ކިޔައިގެން ދައުރު ދިގުކުރަން! ލާހިކެއްނޫން!

The name is already taken The name is available. Register?

ނިޒާމްބެ

07 July 2025

ރައީސަކު ހޮވާގޮތް ކަނޑައަޅަން ތި އޮތްގޮތަކީ ވެރިކަމުގައި ހުންނަ މީހާއާއި އެމީހާގެ ޕާޓީ އަބަދުވެސް ބޭނުންވާނެގޮތެވެ. އަދި އިދިކޮޅުގައި ތިބިބަޔަކު އަބަދުވެސް ދެކޮޅުހަދާނެކަމެކެވެ. ސަބަބަކީ ޢާންމު އިންތިޚާބުތަކުގައި އަބަދުވެސް އެންމެގިނަ ވޯޓް ލިބެނީ ވެރިކަމުގައިތިބިބަޔަކަށްވާތީއެވެ. މި ބަދަލާއެކު ވޯޓުލާމީހުންގެ 15-20 ޕަސެންޓް ވޯޓް ލިބޭމީހަކަށްވެސް ރައީސްކަމަށް އާދެވިދާނެއެވެ.

The name is already taken The name is available. Register?

ބޮއު ހަލާކު

07 July 2025

ރައްޔިތުން އައްޔަނު ކުރި މެމްބަަރެއް ވަކި ކުރެވެންވާނީ ރައްޔިތުންނަށް ޕާޓީއަކަސް ނޫން. ރައްޔިތުންގެ ބާރު ކަނޑުވާލައިގެން ތިބި މަޖިލީހެއް. މީ. ހަަނދާކުރާތި އާކޮށްލަން. ހުރިހާ އެންމެންވެސް

The name is already taken The name is available. Register?

ކޮރު ސިކުނޑި

07 July 2025

އިލެކްޓްރޯނިކް ވޯޓިންގ އަށް ގޮސްގެން މި ގައުމުގެ އަމާންކަން ގެއްލުން ނޫންކަމެއް ނުވާނެ. އިލެކްޓްރޯނިކް ސިސްޓަމަކަށް ނުގޮސް ޕްރިފަރެންޝަލް ވޯޓިން ނަގަން ވަރަށް އުނދަގޫވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454