ރައީސް ޑރ. މުހައްމަދު މުއިއްޒު: ވަކާލަތު ކުރަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ވިދާޅުވި
21 އެޕްރީލް 2025 - 09:01
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަކީ ވަކާލަތު ކުރައްވާ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ވަޓްސްއެޕް ގުރޫޕުގައި ލިޔުއްވި މެސޖެއްގަ އެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ. އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ހަފުތާގައި މުލީއާގޭގައި ޕީއެންސީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސްގެ އެ އެދިވަޑައިގެންނެވުމާ އެކު، ސިޔާސީ އަދި ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ ނިޒާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ތާއިދު ކުރައްވައިފަ އެވެ. ނަމަވެސް، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ނިޒާމާ ދެކޮޅު ކަން ހާމަކުރައްވައިފަ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހެ އެވެ.
ސްރީ ލަންކާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރާ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ތާއިދު ކުރާ ކެންޑިޑޭޓުން ނުވަތަ އިހުތިޔާރު ކުރާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓުލާ ނިޒާމެކެވެ. މި ނިޒާމުގައި ވޯޓުދޭ މީހުން ހަމައެކަނި އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލަ އެވެ.
ނިޒާމުގައި ވޯޓުދޭ ބައެއް ގޮތްތައް:
- ވޯޓުދޭ މީހުން ކެންޑިޑޭޓުން ތަރުތީބުކުރުން - ވޯޓު ކަރުދާހުގައި، ވޯޓުދޭ މީހުން އެންމެ ބޮޑަށް އިސްކަންދޭ ކެންޑިޑޭޓު (1) އިން ފެށިގެން އެންމެ ކުޑަކޮށް އިސްކަންދޭ ކެންޑިޑޭޓާ ހަމައަށް ނަންބަރު ޖެހުން - ވޯޓު ގުނުން - އެއްވެސް ކެންޑިޑޭޓަކަށް ސީދާ އަޣުލަބިއްޔަތު (50%+1) ނުލިބޭ ނަމަ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު އިންތިހާބުގެ ވާދައިން ވަކިކުރުން
- ވޯޓުތައް އަލުން ބެހުން - ވަކިކުރި ކެންޑިޑޭޓަށް ލިބުނު ވޯޓުތައް، ވޯޓު ދިން މީހުން ދެވަނަ އަށް އިސްކަންދީފައިވާ ކެންޑިޑޭޓުންނަށް ބަހާލުން
- އަޣުލަބިއްޔަތު ލިބެންދެން ތަކުރާރުކުރުން - މި ޕްރޮސެސް ކުރިއަށް ގެންދާނީ އެއް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބި، ކާމިޔާބުކުރި ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާން ކުރެވެންދެން.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 April 2025
ޤާނޫނުއަސާސީ ގެ 71 އަދި 72 ގެ އެންމެހާ ނުގުތާތަކުގައި ތަކުރާރުކޮށް "އިދާރީ ދާއިރާ ތަކުންނާއި" އަދި "އިދާރީ ދާއިރާ ތަކަށް" ލިއުމުގެ އިތުރުން ކޮންމެ "އިދާރީ ދާއިރާ އަކުން" ލިޔެފައިވަނީ އެއްވެސް ޙާލެއްގައި "އަކުން" ގެ ބަދަލުގައި ލިއުނު މީހުނަށް "އަކަށް" ލިޔަންނޭގި އަދި ދިވެހިބަސް ލިއުމުގައި އަކުން އާއި "އަކަށް" ލިއުމުން މިފަދަ ބަސްތަކުގެމާނަ މުޅިން ބަދަލުވެގެންދާކަންވެސް ނޭގި ތިބެގެނެއްނޫން އިގޭތޯ. އެހެންވީމާ، ފުރަތަމަ މިކަން އިސްލާޙް ކުރައްވާ
އޮނަރަބްލް އަފީފު ދީދީ
21 April 2025
އިންތިޙާބުތައް ކާމިޔާބުކުރަން ފައިސާއާއި ނުފޫޒުގެ އިތުރުން ޕާޓީތަކުންވެސް "ރައްޔިތުންގެ މަސްލަޙަތަށްވުރެން ބޮޑަށް ޕާޓީގެ މަސްލަޙަތު އިސްކޮށް ކަންކަން ކުރަމުންދާއިރު" ޤއ ގެ ޖަފުވަލު 2 ގައިވާ އިދާރީ 21 ދައިރާގެ ރައްޔިތުނަށް ޤއ ގެ 71 އަދި 72 ވަނަ މާއްދާއިން ދީފައިވާޙައްޤުތަކަށް ބެލުމެއްނެތި މަޖިލިސް އިންތިޙާބު ބާއްވާނަމަ ރާއްޖޭގެ ކުދިއާބާދީތަކުގެ ތެރޭގައިހިމެނޭ ވ. ޢަތޮޅާއި ފ. އަތޮޅު ފަދަ ދާއިރާތަކުގެ ރައްޔިތުންގެ ޙައްޤުތަކުން އެމީހުން މަޙްރޫމް ވާނެ.
ނިމާލް ހަސަން
21 April 2025
ހަރަދާއި ވަގުތު ކުޑަވެ ކޮރަޕްޝަނަށް ހުޅުވިފަ ހުންނަ ދޮރު މީގެން ބަންދުވާނެ. މިކަން ތައަރަފް ކުރަން މަ ތާއިދު
ހަސަން ނިހާމް
21 April 2025
ހަރަދު ކުޑަވާނެ. މާ އިންސާފްވެރިވެސް ވާނެ.
އާދިމް ރިޒާ
21 April 2025
މީ މިހާރު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކަން ކުރާ ގޮތް. މިކަންކަން ބަދަލްކޮށް ޒަމާނަށް މިގައުމުވެސް ފެތެން ޖެހޭ. މިކަން އަވަސްކޮށްދެއްވާ
އައުޒަމް
21 April 2025
ހަރަދުވެސް ކުޑަވާނެ މީގެ ސަބަބުން. ހަމަ ޔަގީނުންވެސް އެއްބުރުން ނިމެންޔާ ހަރަދު ދެގުނަ ކުޑަވާނެ.
ރިމާހް މުހައްމަދު
21 April 2025
މި ސިސްޓަމް ކުޑަކޮށް ދިރާސާކޮށްލިން. ވަރަށް ޕޮސިޓިވް މި ސިސްޓަމް. މާ އެފިޝިއެންޓް
ނިހާލް ސަލީމް
21 April 2025
މަވެސް. މި ސިސްޓަމް މާ ރަނގަޅު
އޮނަރަބްލް އަފީފު ދީދީ
21 April 2025
ޤައުމާއި ރައްޔިތުނަށް ހެޔޮއެދިގެން "ދައުލަތުގެ ޙަރަދު ކުޑަކުރުމަށްޓަކާ" ކަމެއްކުރާން މަސައްކަތްކުރާންވާނީ ދައުލަތުގެ ޤާނޫނުއަސާސީން ރައްޔިތުނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަށް ހުރަސް ނޭޅޭ ގޮތަކަށްކަމަށް ދެކެން. އަދި ދައުލަތުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމުގައި ހުންނަވައިގެން "އަމިއްލަފުޅު މަސްލަޙަތުވެސް އޭގައި ހިމެނޭ، ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ ވާހަކަ" ދައްކަވާން ވާނީ ރައްޔިތުންގެ ޙައްޤަށް އުނިކަން ނުލިބޭ ފަދަ ގޮތަކަށް އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
21 April 2025
ޕްރިފެރެންޝަލް ވޯޓިން ނިޒާމްގެ ވާހަކަ ނުދައްކަވާ މިޤާނޫނުއަސާސީން "ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުނަށް ހަމަހަމައުސޫލުން ދީފައިވާ އިންތިޙާބްތަކުގައި ވާދަކުރުމަށާއި އިންތިޙާބުގައި އެމީހާއެދޭގޮތަށް ވޯޓްދިނުމަށް އޮތްޙައްޤު" އެމީހުންނަށް އެގޮތަށްލިބޭތޯ ބައްލަވާ. މިކަންބެލުމައްޓަކާ ޤއ ގައި ބުނާ ލާމަރުކަޒީ ވާހަކަތަކާއި ރައްޔިތުންގެ ބާރުގެ ވާހަކަތަކުގެމައްޗަށް ފިކުރުހިންގަމުން ޤާނޫނުއަސާސީގެ 71 އަދި 72 ގެ ނުކުތާތައް ފަރުވާތެރިކަމާއިއެކު ބައްލަވާ ލައްވާ.