އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު
20 އެޕްރީލް 2025 - 18:02
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ، ޕްރިފެރެންޝަލް ވޯޓިން އަކަށް ދިއުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކޮޅު ހައްދަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެކަމަކު، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.
"ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި. ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތް ކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށް ވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހެ އެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 April 2025
ޤާނޫނުއަސާސީ ގެ 71 އަދި 72 ގެ އެންމެހާ ނުގުތާތަކުގައި ތަކުރާރުކޮށް "އިދާރީ ދާއިރާ ތަކުންނާއި" އަދި "އިދާރީ ދާއިރާ ތަކަށް" ލިއުމުގެ އިތުރުން ކޮންމެ "އިދާރީ ދާއިރާ އަކުން" ލިޔެފައިވަނީ އެއްވެސް ޙާލެއްގައި "އަކުން" ގެ ބަދަލުގައި ލިއުނު މީހުނަށް "އަކަށް" ލިޔަންނޭގި އަދި ދިވެހިބަސް ލިއުމުގައި އަކުން އާއި "އަކަށް" ލިއުމުން މިފަދަ ބަސްތަކުގެމާނަ މުޅިން ބަދަލުވެގެންދާކަންވެސް ނޭގި ތިބެގެނެއްނޫން އިގޭތޯ. އެހެންވީމާ، ފުރަތަމަ މިކަން އިސްލާޙް ކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
21 April 2025
އިންތިޙާބުތައް ކާމިޔާބުކުރަން ފައިސާއާއި ނުފޫޒުގެ އިތުރުން ޕާޓީތަކުންވެސް "ރައްޔިތުންގެ މަސްލަޙަތަށްވުރެން ބޮޑަށް ޕާޓީގެ މަސްލަޙަތު އިސްކޮށް ކަންކަން ކުރަމުންދާއިރު" ޤއ ގެ ޖަފުވަލު 2 ގައިވާ އިދާރީ 21 ދައިރާގެ ރައްޔިތުނަށް ޤއ ގެ 71 އަދި 72 ވަނަ މާއްދާއިން ދީފައިވާޙައްޤުތަކަށް ބެލުމެއްނެތި މަޖިލިސް އިންތިޙާބު ބާއްވާނަމަ ރާއްޖޭގެ ކުދިއާބާދީތަކުގެ ތެރޭގައިހިމެނޭ ވ. ޢަތޮޅާއި ފ. އަތޮޅު ފަދަ ދާއިރާތަކުގެ ރައްޔިތުންގެ ޙައްޤުތަކުން އެމީހުން މަޙްރޫމް ވާނެ.
ކޮސް
21 April 2025
އެއްބުރަކީ މައްސަލައެއްނޫން. އެކަމަކު މުއިއްޒުގެ ނިޔަތަކީ ކޮބައިކަން އެނގޭ އެކަކުވެސް ( ރައީސް ނަޝީދު ނުލާ ) ތިކަމަކަށް އާނބަހެއް ނުބުނާނެ. ނަޝީދުވެސް ފަހުވަޤުތު އެކަމަށް އޯކޭއެއްނުވާނެ.
އަލީ
21 April 2025
މަށަށް ވެރިކަމަށް އެރުމުގެ ކުޑަވެސް ޗާންސެއް އޮތީ ދެވަނަ ބުރު އޮވެގެން.
މޑޕ ބޯއި
21 April 2025
ފައްޔާޒް ތީކާކު؟
ފައިޔާ
21 April 2025
"އެއްބުރުން ރައީސަކު ހޮވަން ފައްޔާޒް ދެކޮޅު،" އަހަރުމެން ވެސް ކަލޭ މ.ޑ.ޕ ގެ ޗެއާޕާރސަން ކަމުގަ ހުންނަން ދެކޮޅު އެކަމް ހަމަތިހުރީތާ ދެއުޅިއެއް ނެތްވާހަކަ ދައްކަން ތިމާވަރު މީހެއް ނެތްކަމައްހެދިގެން.
ގާސިމް
21 April 2025
އޭ ކޮންމެހެން ކަމަކަށް ދެކޮޅުހަދާލަންޖެހޭނެނުން ، އެހެންވެ ހަމަ ހަދާލީ އެއް.
ނާދިރު
21 April 2025
ކުރު، ފަސޭހަ އަދި ޚަރަދު ކުޑަ ގޮތް ދިވެހީންނަކަށް ކަމަކު ނުދާނެ. ހުކުރު ޚުތުބާ ކިޔައި އުޅުއްވާ ޤާރީއަކު ޖަލްސާގައި ޤުރްއާން ކިޔަވައި ވިދާޅުވީމައި، "އިސްވެ ކިޔެވިދިޔަ އާޔަތްތަކުގެ މާނަ " ދިވެހިނބަހުން، ކަރުދާސްގަނޑެއް ބަލައިގެން ކިޔަން އިސްޓޭޖަށް އަރަން ޖެހެނީ އަދި ވަކި މީގަކަށް!
މުލޭ
21 April 2025
ފައްޔާޒަކީ ކާކުތަ. ބުރޯ އަކީ ސިޔާސީ ބުރަދަނެއް ހުރި މީހެއް ނޫން. ރައްޔިތުންގެ ތާއީދު ލިބިނީމަ މިކަން ވާނެ. މިވަގުތު ވަރަށް މުހިންމުކަމެއް އިންތިޚާބުތަކުގެ ޚަރަދު ކުޑަކުރުމަކީ ވެސް. މިގައުމުގައި މިއޮތް ހިންގުމުގެ ނިޒާމަކީ މިގައުމަށް އެކަށޭނަ ނިޒާމެއް ނޫން. މިހާ މިނިވަން މުއައްސަސާތައް ގިނަ ގައުމެއް މަދުވާނެ. ހިންގުމުގެ ޚަރަދު ބޮޑުވަނީ ނިޒާމު އެކުލަވާލާފައި އޮތް ގޮތުން.
ތަފާތެއްނެތް
21 April 2025
ޕްރިފެރެންޝަލް ވޯޓެކޭ، ދެ ބުރަށް ވޯޓުލުމެކޭ ތަފާތެއް ހުރި ކަމަށް ނުފެނޭ. އެެއްކަމެއް ދެގޮތަކަށް ކުރެވެނީ. ޕީވީ ވޯޓް ގައި ރައްޔިތުންގެ ޗޮއިސް ތަރުތީބު ވެފައި އޮތުމުން އެއް ބުރުން ނިންމާ ލެވެނީ. މިހާރު އޮންނަ ގޮތުން ވެސް ފުރަތަމަ ފަހަރު ތާއިދު ނުލިބޭ ކެނިޑޭޓަށް އަށް ދެވަނަ ބުރުގައި ރައްޔިތުން ވޯޓް އެދެނީ ސެކަންޑު ޗޮއިސް ގޮތުގައި. ރައްޔިތުންގެ ފުރަތަމަ ޗޮއިސް އަށް ވަނީ ފުރަތަމަ ވޯޓް ލި ކެނިޑޭޓު. ޕީވީ ގައި އެއްބުރުން އެކަން ތަރުތީބު ވެފައި އޮންނަނީ.
އަހުމަދެ
21 April 2025
ތަފާތަކީ ޕްރިފަރެންޝަލް ވޯޓިންގ ގައި ދެވަނަ ޗޮއިސްއެއް ގޮތުގައި އެމީހަކު ބޭނުން ކޮންމެ މީހަކު ކަނޑައެޅޭނެ. އެކަަމަކު ދެވަނަ ބުރަކަށް ދިޔައީމާ، ޗޮއިސް މިއޮންނަނީ ބާކީ އޮންނަ 2 ކެނޑިޑޭޓުންގެ މެދުގައި.