އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު، އެ ޕާޓީ ދެން އޮންނާނީ އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޒިންމާދާރުވުމަށް ކަމަށް، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖޭގެ އާ ރައީސްގެ މަގާމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވީ 126،842 ވޯޓާ އެކު އެވެ. އެއީ 53 ޕަސެންޓެވެ. ރިޔާސީ ދެ ވަނަ ދައުރެއް ލިބިވަޑައިނުގެން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 46 ޕަސެންޓެވެ. އެއީ 108،500 ވޯޓެވެ.
މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ޒިންމާދާރުކަމާ އެކު ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުމަށެވެ.
ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރަން ވެސް ދެމިތިބޭނެ ކަމަށް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވައި، ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި ފުރަތަމަ ނާކާމިޔާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.
މުއިއްޒަށް މަރުހަބާ ވިދާޅުވެ، "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި އެ މަނިކުފާނު ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާ އަށް ޝުކުރު ދަންނަވައިފަ އެވެ. އެއާއެކު، އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މެމްބަރުން އަދި އެ މަނިކުފާނަށް ވޯޓުދެއްވި އެންމެންނަށް ޝުކުރު އަދާކުރެއްވި އެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 15،474 ވޯޓުގެ ފަރަގެވެ.