ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި ވ. ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ޝުޖާއު، މިއަދުގެ ބައި-އިލެކްޝަން ކާމިޔާބުކުރައްވައި އަލުން އެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންފި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝުޖާއު އިންތިހާބު ކާމިޔާބުކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައިގެންނެވެ. މި އިންތިހާބުގައި ވާދަކުރީ ވެސް އެ ދެ ޕާޓީގެ ކެންޑިޑޭޓުން އެކަންޏެވެ.
ވ. ތިނަދޫގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 185 އެވެ. ލިބިފައިވާ ވަގުތީ ނަތީޖާގައި ޝުޖާއުއަށް 87 ވޯޓު ލިބިވަޑައިގެން އިރު ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު އަމަން މުހައްމަދަށް ލިބިވަޑައިގަތީ 42 ވޯޓެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއާ އެކު، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝުޖާއުއަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއުއަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން، އިންތިހާބުގައި ދެވަނައަށް ދިޔަ ޕީއެންސީގެ ކެންޑިޑޭޓަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.
ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ހުސްވީ، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އެ ޕާޓީ އުވާލުމާ ގުޅިގެން ޝުޖާއު އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ. އެ މައްސަލައިގައި ލާމަރުކަޒީ ގާނޫނުގެ ދަށުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.
ނަޝީދު ވަނީ ވޯޓުލާން ގިނަ އަދަދެއްގެ މީހުން ނުކުމެ ކެމްޕޭން ކާމިޔާބުކޮށްދިން ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން، މިއަދު ބޭއްވި ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރެއްވި ކެންޑިޑޭޓް ރިޝްމާ އާދަމް ވަނީ ކާމިޔާބުކުރައްވައިފަ އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެއްގެ ގޮތުގައި ރިޝްމާ ހޯއްދެވި އެ ކާމިޔާބީއާ ގުޅިގެން ވެސް ނަޝީދު ވަނީ ޕީއެންސީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދެވި ރިޝްމާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށް ގެންދިޔަ މި ބައި-އިލެކްޝަންތަކުގައި ތިނަދޫ ކައުންސިލްގެ ރައީސާއި ވަށަފަރު ޑަބްލިއުޑީސީގެ ރައީސްގެ އިތުރުން، އައްޑޫ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމާއި ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރު ހޮވުމަށް ވެސް ވަނީ ވޯޓުލައިފަ އެވެ.
އައްޑޫ ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު މުނީރުއާ ވާދަކުރަައްވައި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ނަބާހާ އެވެ.
މާލެ ސަރަހައްދުގައި ފަސް ފޮއްޓާއި އަތޮޅުތެރޭގައި ފަސް ފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓު ފޮށި ބެހެއްޓި މި އިންތިހާބުތަކުގައި 3،776 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.