ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖަށް ނުކުންނަން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތައް ހިންގަން، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް އެ ކައުންސިލްތަކުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ ބާރުތައް އަމިއްލައަށް ދޫކޮށްލައްވައިގެން ކަމަށާއި އެ ހިތާމަ މިއަދު އެ މެންބަރުން ކުރަމުންދާ ކަމަށެވެ. މިފަހަރު ބާރުތައް ހަނިކުރުމުގެ ދަތުރު ޖެހެނީ ކައުންސިލަރުންނަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑާލާއިރު ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާ އެކު އިހުތިޖާޖު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށެވެ. އެ މާއްދާއަށް އަކުރެއް އިތުރުކޮށް، ސަރުކާރުން ބޭނުންވެއްޖެ ނަމަ، ބިންތައް ކައުންސިލުން ވަކިކުރެވޭނެ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.
އިސްލާހުގައި ބުނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެ މަޝްރޫއުތައް ހިންގަން، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވާނެ ކަމަށް އިސްލާހުގައިވެ އެވެ. އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް އެ ހިސާބުން ވާނެ ކަމަށް ބިލުގައިވެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ދަނީ މި ހުށަހެޅުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.