ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތައް ހިންގަން، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް އެ ކައުންސިލްތަކުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. 

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށެވެ. 

އެ މާއްދާއަށް އަކުރެއް އިތުރުކޮށް، ސަރުކާރުން ބޭނުންވެއްޖެ ނަމަ، ބިންތައް ކައުންސިލުން ވަކި ކުރެވޭނެ ގޮތް ވަނީ ބަޔާންކޮށްފަ އެވެ. 

އިސްލާހުގައި ބުނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ތަންތަން ކައުންސިލްގެ އިހްތިސޯސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. 

އެ މަޝްރޫއުތައް ހިންގަން ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވާނެ ކަމަށް އިސްލާހުގައިވެ އެވެ. 

އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ވެގެންދާނެ ކަމަށް ބިލުގައިވެ އެވެ. 

އޭގެއިތުރުން ވެސް ބައެއް އިސްލާހުތައް ހުށަހަޅާފައިވާއިރު، ބިލުގައި ބުނެފައިވަނީ ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތްތަކުގައި އެ މަޝްރޫއުތައް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. 

ކައުންސިލްގެ މެންބަރުންގެ ސުލޫކީ މިންގަނޑަށް ވެސް އިސްލާހެއް ގެންނަން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ކައުންސިލް ނިސްބަވްތާ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ބަޔާންކުރެ އެވެ. 

ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅިއިރު، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދީ ހިފެހެއްޓުން ފަދަ ކަންކަން ބައެއް ކައުންސިލްތަކުން ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ސަބަބުން ރަށްރަށުގެ ކުރިއެރުމަށް ހިންގަން ބޭނުންވާ ބައެއް މަޝްރޫއުތައް ލަސްވުމާއި ހުއްޓުން ފަދަ ކަންކަން ކުރިމަތިވެފައި ހުރި ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.