09 ޖުލައި 2025 - 15:10
ހިޖާމާ ޖެހުމުން ބަރުދަން ލުއިވާނެ ކަމަށް "ފަޒީސް ހިޖާމާ" އިން ބުނުމުން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ހިޖާމާގެ ހިދުމަތް ދޭ ފަޒީލާ އުސްމާންގެ "ފަޒީސް ހިޖާމާ ކްލިނިކް" ގެ ފޭސްބުކް ޕޭޖުން މިއަދު ކުރި ޕޯސްޓުގައި ބުނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށެވެ. އެހެންވެ، ބަރުދަން ލުއިކުރަން ޑައިޓް ކުރުމާއި ކަސްރަތުކޮށް އަދި ދުވަން ދާކަށް ނުޖެހޭނެ ކަމަށް އެ ޕޯސްޓްގައި ބުންޏެވެ.
"ހިޖާމާ ޖަހާނީ މަހަކު އެއް ފަހަރު. ﷲގެ ރަހުމަތްފުޅާއެކު އެތައް ސިއްހީ ފައިދާއެއް ލިބޭ." ފަޒީލާ ބުންޏެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޒީސް ހިޖާމާ ކްލިނިކަށް ހުއްދަ ދީފައިވީ ނަމަވެސް، ބަރުދަން ލުއިކުރުމާ ގުޅޭގޮތުން ކުރި ޕޯސްޓާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާތައް ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހިޖާމާ ޖަހައިދިނުމަށް އެތަނުން ކުރިން ނަގަނީ 1،000ރ. އެވެ. އެކަމަކު، މިހާރު އެ އަގު ވަނީ 500ރ. އަށް ދަށްކޮށްފަ އެވެ.
އެ ޕޯސްޓްގައި ބުނީ ބަރުދަން ލުއިކުރަން ހިޖާމާ ޖަހައިގެން އެންމެ ކިލޯއެއް ވެސް ލުއި ނުވެއްޖެނަމަ، އެ މީހަކު ހޭދަކުރި އަގުގެ އިތުރަށް 1،000ރ. ލިބޭނެ ކަމަށެވެ.
އޭގެ ފަހުން ވެސް އެތަނުން ކުރި ޕޯސްޓުގައި ބުނީ ހިޖާމާއަކީ ފަރުވާތަކުގެ ތެރެއިން އެންމެ ހެޔޮ ފަރުވާ ކަމަށް ހަދީސުން ސާބިތުވާ ކަމަށެވެ.
ހިޖާމާގެ އެންމެ ސެޝަނަކުން ވެސް ބަރުދަން ލުއިވާ ކަމަށް ގަބޫލު ނުކުރާނަމަ އެއީ އީމާންކަން ބަލިކަށިވުން ކަމަށް ވެސް އޭނާގެ އެ ޕޯސްޓުގައި ބުންޏެވެ.
"ހިޖާމާއިން އަސްލު ވެސް ބަރުދަން އެންމެ ސެޝަނަކުން اللهގެ ރަހުމަތުން ލުއި ކުރާ ކަމަށް އެ ހިސާބަށް ބުރަ މަސައްކަތުން މީހަކު ކާމިޔާބު ކުރީމާ ސިކުނޑިން އެ ވަރު ތިބޭފުޅުން ގަބޫލު ނުކުރަންޏާ އެއީ ތިބޭފުޅުންގެ އީމާންކަން ބަލިކަށިވެފައިވުން،" ފަޒީލާ ބުންޏެވެ.
"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އޮޅުވާލުމެއް މަކަރު ހެދުމެއް ނެތި ދޭ ހިދުމަތެކޭ މިއީ."
ފަޒީލާ ބުނީ ހިޖާމާއިން ބަރުދަން ލުއިކުރުމަށް މީހުން ގަބޫލުކުރާ ފެންވަރަށް ސޯޝަލް މީޑިއާގައި ހެކި ހިއްސާކުރެވޭނީ އެ މިންވަރަށް ކަމަށެވެ.
މީހުންގެ ޒާތީ މައުލޫމާތުތަކާއެކު އެ ފަރުވާގެ ފަހުގެ ސްލިޕް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރެވޭނެ ކަމަށާއި އެކަމަކު ކްލިނިކަށް ދިއުމުން އެ މައުލޫމާތުތައް ބެލޭނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ހެލްތުގެ އޮފިޝަލު ވިދާޅުވީ ބަލި މީހުންގެ މައުލޫމާތުތައް އެހެން މީހުންނާ ހިއްސާ ކުރުމަކީ ސިއްހީ ހިދުމަތްދިނުމާ ބެހޭ ގާނޫނުގެ ދަށުން ކުށެއް ކަމަށެވެ.
"އެ މައްސަލަތައް ބަލަމުން މިދަނީ." ހެލްތުގެ އޮފިޝަލް ވިދާޅުވި އެވެ.
ހިޖާމާ ޕްރޮމޯޓް ކުރުމަށް ފަޒީލާ ދައްކާ ވާހަކަތަކަށް އާއްމުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ. އަދި ހުއްދަ ނުނަގައި އެ ހިދުމަތް ދެމުން ދިއުމުން ފުލުހުން މެދުވެރިކޮށް އެ ކްލިނިކް މިދިޔަ އަހަރު ބަންދު ކުރި އެވެ. އެކަމަކު ފަހުން އެތަން ހުޅުވީ ހުއްދަ ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ام يونس
11 July 2025
ގައިގަ ހުރި ހުރިހާ ލެއެއް ބޭރު ކޮށްލީމަ ކިތައްކިލޯ ލުއިވާނެ ؟
އަކޫ1
10 July 2025
ފަޒީލާ ރަނގަނޅުމެ، އެކަމަކު މީހުން ކައިރި ނާހާ މީހުންގެ ފޮޓޯ ސޮޝަލްމީޑިއާއަށް ލައި ، ވަރަށް ދެރަކަމެއް
ފަޒޫ ހަޖޫމާ
10 July 2025
މަޖުބޫރު ކަމެއްނެތި އަމިއްލަ އިއްތިޔާރުގަ އަތުގަހުރި ފައިސާ މިކަހަލަ ގަޅި ކަންކަމަށް ހަރަދުކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެން ވާ ހައްގެއް، ހެލްތް މިނިސްޓަރީ އާ ކޮން ބެހޭ ކަމެއް؟
ޒައިކ23
10 July 2025
ހޫން ކަޕޭއަތުގަ ހުރި ފައިސާ ބެހިޔަސް މިނިސްޓްރީން އަޅައެއް ނުލާނެ.. އެކަމަކު ސިއްހަތާ ގުޅުންހުރިވާހަކައެއް އޮޅުވާލަންޏާ މިނިސްޓްރީން އޭގެތެރެއަށް ވަންނާނެ އެއި ބެހޭކަމެއް ޤާނޫނީ ޒިންމާއެއް.. މަޖާކުރަންވެސް ބޮލު ރޮދި ކެނޑިފަ ތިބޭ މީހުން ދައްކާ ޒާތުގެ ވާހަކަ ނުދައްކާ..
ބުރަތޭރީ
10 July 2025
ޞިއްޙީ މަޢުލޫމާތަކީ އިޝްތިހާރަކަށްވެސް، ހަގީގަތާ ޚިލާފަށް ފެތުރުން ރަނގަޅުކަމެއްނޫން. އޭގެ ސަބަބުން ނުބައި މެސެޖްތަކެއް މުޖުތަމަޢަށްދެވި، ދުޅަހެޔޮ ޞިއްހަތެއްގެ ނަމުގައި ޞިއްޙީ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ. ޞިއްޙަތާގުޅޭ މިފަދަ ނުރަނގަޅު މެސެޖްތަށް ހުއްޓުވުމަކީ ނުހަނު ބޭނުންތެރިކަމެއް.
ހުސޭނޫ
10 July 2025
ނަސީބެއްނު މަރުބަލިން ސަލާމަތްވާނޭ ނުބުނިކަން. މީހަކު އަޅެ އަޖައިބެއް ނުވާނެތަ! ދައުލަތެއް މިއުޅެނީ މީނާއާހެދި ސަލާމަތް ނުވެގެން. ސަރުކާރުން މިކަން ހުއްޓުވަން ވެއްޖެއެންނު؟
އައްބެ
10 July 2025
ހިޖާމާއަށް މަލާމާތްނުކުރޭ. އެއީ މިއުންމަތުގެ މައްޗަށްވާ ފަރުވާއެއްކަމަށް ޖިބްރީލްގެފާނު އަންގަވާފައިވޭ. މިހެންވީމައި އަހަރެންނަށް އެއްވެސް ހާލެއްގައި އެކަމުން ފައިދާ ނުކުރާނެއެކޭ ބުނާކަށް ނުކެރޭނެ. މީގައި މައްސަލަޖެހޭނީ އެޚިދުމަތްދޭފަރާތުގެ ގޮތުން. ކަމުގެ އިލްމުނެތް ބަޔަކު ވިޔަފާރިއަކަށް މިކަންކުރާނަމަ އޭއިން ފައިދާނުކޮށްދާނެ.
ފަޒީ އިސް ބެސްޓް
10 July 2025
މާކެޓް އިވެންޓެއް!
ލުބްލާ2025
10 July 2025
ގަމާރުން އުޅޭ ގައުމެއް ވިއްޔާ. ކޮންމެ ރަށެއްގަ ހިޖާމާ ކްލިނިކެއް އަޅާފަ މީގެ ރޯނުއެދުރަކު ލީމަ ވީނު؟ ދައުލަތަށް ވެސް ހަރަދު ކުޑަވާނެ. އޭރުން ޅެމުންނާ ހިޖާމާއިން ފަރުވާލިބި އެންމެން ތިބޭނީ ގަދަކޮށް.
މޫސާަސް
10 July 2025
ހެލްތު މިނިސްޓްރީގާ ތިޔަތިބީ .. ތިބި ބައެއްތަ. ފޭސްބުކުގަޔާ އެހެން މީޑިޔާ ތަކުގާ ތިކަހަލަ ކިތަންމެ އެއްޗެއް އެބަހުރި. މީހަކާ ޖައްސާލިޔަސް ތީ ދެން ފުކެއް ބޮޑުވަރު. ހޫ. މަމިބުނަނީ މޫދައް އެރުނީމާ ހިކޭނެ. ދެން މިމައްސަލަ ބަލާބަލަ.
500ރ
10 July 2025
ކަލޯ މޫދަށް އެރޭ ކޮންމެ ފަހަރަކު 500ރ ދޭންޖެހޭތަ؟.
ކޮލްދޮޞަ
10 July 2025
ނިކަމެއްޗަކަށް ކުރިއެރުމެއް ލިބިދާނެތީ މި ސަރުކާރު ވަރަށް ހާސްވޭ. ކުދިވިޔަފާރިތައް ހަލާކޮށް މަހުޖަނުންގެ އަދި މަޖްލިސް ސްޓޭޓް މިނިސްޓަރެއްގެ ޖީބައް އެއްޗެއް ނުވަންނަ ގޮތަކަށް އެއްކަމެއްވެސް ކުރިޔަކާ ނުދޭ.