އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުން: އެ އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ވަނީ ކުޑަކޮށްފައި.-- ފޮޓޯ: އެވްސެކޮމް
16 ޖުލައި 2025 - 11:56
ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ވަނީ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް އާންމުކޮށްފަ އެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރެވެ. އަދި ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނެ ގޮތަށް މަސައްކަތު ވަގުތު ހަމަޖެއްސިދާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.
އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު 8 ގަޑިއިރެވެ.
އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުން ގަވާއިދަށް ގެނައި އިސްލާހުގައި ދެން ބުނީ އޮފިސަރުންގެ އިތުރު ގަޑި ހިސާބުކުރާނީ ދުވާލަކު ހަ ގަޑިރިއަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށް ކަމަށެވެ.
މުވައްޒަފު މަސައްކަތު ގަޑިއަށް ހާޒިރުވެފައި ވަނީ މަސައްކަތު ގަޑީގެ ބޮޑުބައި ނުވަތަ ތިން ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވާ ފަހުން ކަމަށް ވެއްޖެ ނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތްކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
ގަޑިއަށް ހާޒިރު ނުވާ މުވައްޒަފުންނާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުންޏެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފް މޯލްޑިވްސް (އެވްސެކޮމް)ގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންނަކީ އެއާޕޯޓުގެ ޓާމިނަލްތަކަށް ވަންނަ މީހުންނާއި އެ މީހުންގެ ލަގެޖު ޗެކުކޮށް، ސެކިއުރިޓީގެ އެންމެހާ ކަންކަން ބަލަހައްޓާ މުވައްޒަފުންނެވެ.
މި މަހު 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ހިދުމަތް ދިނުމަށް އެވްސެކޮމް އިން ވަނީ 74 އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެ މަގާމުތަކަށް ހޮވުނު މީހުންގެ މާކް ޝީޓު ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަގީންޓާރ
16 July 2025
ތިބަދާލައި ގުޅިގެން އޯޓީ ހައްދު ފަހަނަ އަޅައިދާނެކަމަށް ފެނޭ! މަސައްކަތުގެ ގަޑިއަކީ 6 ގަޑި އިރު ނަމަވެސް، ޑިއުޓީ ކުރަން ޖެހޭ 8 ގަޑިއިރު، އެހެންކަމުން ކޮންމެ ދުވަހަކުވެސް 2 ގަޑިއިގެ އޯޓީ ދޭންޖެހޭނެ.
އަހުމަދުބޭ
16 July 2025
މިހާރުވެސް މިއުޅެނީ ގައުމު ފަހަތަށް ދާވަރުން، އަދިވެސް މަސައްކަތުގެ ވަގުތު ކުޑަކޮށް މަސައްކަތް ކުރާދުވަސް މަދުކުރާތަން މިފެންނަނީ، ކުރިއަށްގޮސްފައިވާ ގައުމުތަށް ކުރިއަރާފައިވަނީ ހަރުދަނާކަމާ، ވިސްނުންތެރި ކަމާއެކު ގިނަވަގުތު މަސައްކަތުގައި ދެމިތިބެގެން، އެމް އެން ޑީއެފް އަކީ އެންމެ ބޮޑު އެއްބަޖެޓް ދީފައިވާ މުއައްސަސާ ވީއިރު މަސައްކަތުގެ ވަގުތު ކުޑަކުރުން މިއީ ބަލައި ގަންނަން އުނދަގޫ ކަމެއް
ތުނޑުހަސަނު
16 July 2025
އެއްގޮތަކީ ވަޒީފާދޭންޖެހިފައިތިބި މީހުންގިނަވީމާ ޑިއުޓީ ވަގުތު މަދުކޮށްގެން އަދަދު ހަމަކޮށްލުމެވެ. އަނެއްކޮޅުން އޯޓީގެ ގޮތުގައި މަސައްކަތްކުރަންވެސް އިތުރު 1 ގަޑިއިރު ލިބޭނެތާއެވެ. ރަސްމީގަޑިން 3 ގަޑިއިރު ނަގާލީމާ އޯޓީ ނުލިބޭގޮތަށް އޮތްކަން ރަނގަޅެވެ. ދެރައީ ބައެއް ތަންތާނގައި މިފަދަ އުސޫލެއް ނޯންނާތީއެވެ. ރަސްމީގަޑީގެ ބޮޑުބައި ނަގާލާފައި އޯޓީހެދޭގޮތަށް އޮންނާތީއެވެ. ހަލާލެއް ހަރާމެއް ބެލުމެއްނެތް ޒަމާނެއްގައި މިފަދަ ބަދަލުތައް ގެންނަން ޖެހެއެވެ.
މިވަރެއްނެތް
16 July 2025
އެވިއޭޝަން ކޮމާންޑޭ ކިޔާފަ މޮޅެތި ނަންނަން ކިޔަސް ތިއީ ހަމަ ސެކިއުރިޓީ ގާޑުންގެ ގޮތުގައި އެއަރޕޯޓުގެ އެކިއެކި ތަންތަނުގައި ފޯރިމަރާ ބައެއް. ޑިއުޓީ ކުޑަކުރަންޖެހޭ ފަދަ އެއްވެސް ކަމެއް ނޫން ތިއީ. ސިކުނޑިއަކަށް ބާރުކުރާ ކަމެއްވެސް ނޫން ތިއީ. ތިއީ ހުސްގަޑި އިތުރުކޮށްފަ އެ ގަޑިތަކުގައި ޓެކްސީ ދުއްވަން ކުރާ ކަންތައްތައް. ޓެކްސްޕޭޔަރުން ގެ ފައިސާ އެބިއުޒުކުރުން ތިއީ. ކޮންމެ ބަޔަކު އެބަޔަކު އޮފީހަށް އަންނާނެ ގަނޑި ކަނޑައެޅުމަކީ މޮޔައިންކުރާ ކަންކަން
ިުހުން
16 July 2025
ގާޑެއް ވިޔަސް އަޅެއްވިޔަސް އެފަރާތެއްގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރާކަމުގައި ވަނީ ނަމަ އެއަށް އެނިމުނީ..
އައިލަމް
16 July 2025
ރަނގަޅު ބަދަލެެއް
ޑެބީ
16 July 2025
އެމްއެންޑީއެފްގެ ދަށުން އެވްސެކޮމް އަންނަނީ. އެހެންވީމަ އެމީހުން ސިވިލް ސާވަންޓުންނަށް ވޭތަ؟ ސިވިލް ސާވިސްގެ ބާރު ނުހިނގާ ބައެއްގެ މައްޗަށް ސިވިލް ސާވިސްއިން ގަވައިދު ހެދޭތަ؟
ގުޑި
16 July 2025
އެމްއެންޑީއެފް ދަށުގައި އޮތްކަން އަދި މި އެނގުނީ..ޑިފެންސް ގެ ދަށުގައި އޮންން ދެ ތަން ތީ..މާބޮޑަށްއެނގެނީ ތައަށް..ދެންވެސް ގަވާއިދޭ ނުކިޔަ..ހޮހޮހޮހޯ