ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ މުވައްޒަފުންގެ މުސާރަ އުނިކޮށް، ޕަބްލިކް ސާވިސް ރޭންކު ދަށްކުރި ކަމަށް ބުނެ ހުރި ކަންބޮޑުވުންތަކާ އެކު އެތަނުގެ މުވައްޒަފުންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޑާސާގެ މުވައްޒަފުންގެ ފަރާތުން މިދިޔަ އާދިއްތަ ދުވަހު ރައީސަށް ހުށަހެޅި ޕެޓިޝަންގައި ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު އެކަކުން ފެށިގެން ގެނައި ބަދަލުތަކާ ގުޅިގެން، އެ ތަނުގެ މުވައްޒަފުންގެ މުސާރަ އުނިކޮށް، ޕަބްލިކް ސާވިސް ރޭންކު ދަށްކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައަށް އަދުލުވެރި ހައްލެއް ހޯދައިދޭން އެ ޕެޓިޝަންގައި އެދިފައިވެ އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ހިންގާ ޑާސާއަކީ ރާއްޖޭގެ ވައިގެދަތުރުފަތުރުގެ ސެކިއުރިޓީއާ ގުޅުން ހުރި ހުރިހާ ކަމެއް ރެގިއުލޭޓްކޮށް، އުސޫލުތައް ކަނޑައަޅާ ފަރާތެވެ. އަދި އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި އެ ދާއިރާގެ ސެކިއުރިޓީއާ ގުޅުން ހުރި އެހެން ހުރިހާ ކަމެއް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަނީ ޑާސާ އިންނެވެ.

ޑާސާގެ ޕެޓިޝަންގައި ބުނީ އެ ތަނުގެ މުވައްޒަފުންގެ މުސާރަ އަށް ބަދަލު ގެނެސްފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީގެ އޮނިގަނޑުން ބަލާއިރު، ޑާސާގެ އެސިސްޓެންޓް ކޮލިޓީ ކޮންޓްރޯލް އޮފިސަރު މަގާމަކީ ޕަބްލިކް ސާވިސް ރޭންކް 6 (ސާޖަންޓް ފެންވަރު)ގެ މަގާމެއް ކަމަށް ވިޔަސް މުސާރަ ހާމަނައިޒް މަސައްކަތަށް ފަހު، އެވެސްކޮމްގައި ތިބި އެއް އޮނިގަނޑެއްގައި މަސައްކަތްކުރާ މުވައްޒަފުންނާ އަޅާބަލާއިރު، ޑާސާގެ އެ ރޭންކުގައި ތިބި މުވައްޒަފުންގެ ޕަބްލިކް ސާވިސް ރޭންކު، ޕަބްލިކް ސާވިސް ރޭންކު 5 (ކޯޕްރަލް ފެންވަރު) އަށް މިހާރު ދަށްކޮށް، މުސާރަ އުނިކޮށްފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުންޏެވެ.

އެ ޕެޓިޝަންގައި ބުނި ގޮތުގައި، ޑާސާ އާއި އެވްސެކޮމް އަށް މިހާތަނަށް މުސާރަ ލިބެމުން އައީ އެއް އޮނިގަނޑެއްގެ ދަށުންނެވެ. ނަމަވެސް، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތާ ގުޅިގެން ޑާސާގެ މުވައްޒަފުންގެ މުސާރަތަކާއި ރޭންކުތައް އަދި އެއާ ގުޅުންހުރި މަގާމުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ޑާސާގެ މުވައްޒަފުންގެ މުސާރަތައް ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ބަދަލުކުރީ، ވައިގެދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އެހެނިހެން މުއައްސަސާތަކަށް ވުރެ ދަށްކޮށް ކަމަށާއި އޭގެ ސަބަބުން ޑާސާއަށް ފަންނީ ގާބިލްކަން ހުރި މުވައްޒަފުން ހޯދުމާއި ދެމެހެއްޓުމަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އެ ޕެޓިޝަންގައި ބުންޏެވެ.

އެ ޕެޓިޝަންގައި ބުނީ ރާއްޖެއިން އަމަލުކުރާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ސްޓޭންޑާޑުތަކުގައިވާ ގޮތުން ޑާސާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަކީ ވައިގެދަތުރުފަތުރުގެ ސިނާއަތުގައި ލިބޭ މުސާރައާ އެއްވަރު ނުވަތަ އެއަށް ވުރެ މަތީ އެއްޗަކަށް ވާންޖެހޭތީ، މި ގެނެވުނު ބަދަލު އައިކާއޯގެ މިންގަނޑާ ވެސް ހިލާފުވާ ކަމަށެވެ.

ޑާސާގެ މުވައްޒަފުންގެ ޕެޓިޝަންގައި ބުނީ އެ މައްސަލައަށް ހައްލެއް ލިބޭނީ ޑާސާގެ ހިންގުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށަށް ބަދަލުކޮށްގެން ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީއަކީ ރަނގަޅު ގާނޫނަކާއި ރަނގަޅު ސްޓްރަކްޗާއެއްގެ ތެރޭގައި އޮވެ ހިނގަމުން އަންނަ އަދި ސިވިލް އޭވިއޭޝަން ދާއިރާގެ ނިސްބަތުން އެދެވިގެންވާ މުސާރައެއް ދޭ އޮތޯރިޓީއަކަށް ވާއިރު، އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓް ކުރުމުގެ ފަންކްޝަން ވެސް (މުވައްޒަފުން ހިމެނޭ ގޮތަށް) އެ އޮތޯރިޓީގެ ދަށަށް ބަދަލުކުރުމަކީ އެކަށީގެންވާ ހައްލެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ރާއްޖޭގެ 20 އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ރެގިއުލޭޓަރީ މަސައްކަތް އަދާކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އެވްސެކް އޮނިގަނޑުގައި 42 މުވައްޒަފުންގެ ސްޓްރަކްޗާއިން މުޅި ޑާސާގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެންމެ 8 ޓެކްނިކަލް މުވައްޒަފުން ކަމަށް އެ ޕެޓިޝަންގައި ބުންޏެވެ.