މާލޭ ވިޔަފާރިބަނދަރު. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
28 ޑިސެމްބަރ 2025 - 16:03
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ވެސް ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކޮށް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ނަމަށް މިއަދު ބަދަލުކޮށްފި އެވެ.
އެމްޕީއެލްގެ ދަށުން ހިންގަނީ ރާއްޖޭގެ މައި ޕޯޓު، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ ޕޯޓާއި ހދ. ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ހިތަދޫ ޕޯޓެވެ. މިހާތަނަށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައީ ސީދާ އެމްޕީއެލުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ކަނޑު ބަނދަރުތައް ވެސް ހަވާލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ގާއިމްކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ ހާއްސަ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން، ވަކި ހާއްސަ ތަމްރީނުތަކެއް ދީފައިވާ އޮފިސަރުންނާ އެކު ހިންގަމުން އަައި އޭވިއޭޝަން ސެކިިއުރިޓީ ކޮމާންޑުގެ ދަށަށް ކަނޑު ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މި ހަވާލުކުރީ އެމްޕީއެލްގެ ބައެއް ބަނދަރުތަކުގައި ސެކިއުރިޓީ ބްރީޗް ވުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ.
ރާއްޖެއަށް ގަވައިދާ ހިލާފަށް. އެތެރެކުރި ސިނގިރެޓް ކޮންޓެއިނާއެއް ކަސްޓަމްސްއިން އަތުލައިގަނެ، ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު ހާދިސާ އަކީ އެގޮތުން ހިނގި އެންމެ ބޮޑު ހާދިސާ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންތައް ސިފައިން ބަލަހައްޓާތާ އަހަރުތަކެއް ފަހުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ވަކި ފައުޖެއް އުފެއްދީ 2013 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ރިޔާސީ ގަރާރަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަޑިތަކުރު
29 December 2025
ދައުލަތުން އެންމެބޮޑު ހޭދަކުރާ އެއްތަނަށް އެތައް ސަތޭކަ މީހުން ކޮންމެ ވެރިކަމަކާއެކު އިތުރުކުރަމުން ގެންދާއިރު ކާރިސާއެއް ނުހިނގާހިނދެއްގައި ވެސް ކުރާނެކަމެއް އޮންނަން ވާނެތާއެވެ. ޒަމާނީ ހަތިޔާރު ހޯދަން ފައިސާ އިސްރާފް ނުކޮށް ދެންވެސް ސެކިއުރިޓީ ބަލަހައްޓަންޖެހޭ ތަނެއް ހުރިއްޔާ ހަވާލުކުރަންވީއެވެ.
ސަލިމާ
29 December 2025
ބަލަ ކަމާންޑްތަކާ ޑިފެންސްތަކާ ސެކިއުރިޓީތަކެއް ނޫނޭ މައްސަލައަކީ… އިހުލާސްތެރިކަމާއި…ތެދުވެރިކަމާއި…ޒިންމާދާރުކަން… ނެތީމާ ވާނީ ތިހެން.
އިސްމާލި
29 December 2025
ރަނގަޅު ނިންމުމެއް. ކޮންމެ ރިޔާސީ ދައުރަކަށް އެނބުރޭ ވަހުތާނެއް ހެން މި ތަންތަނުގެ ސެކިއުރިޓީ ބަދަލުވުން ހުއްޓުވޭނެ. އަދި ނުކިޔަވާ ތިބި ސިޔާސީ ގުޅުން އޮތް ގޭންގުތަކުގެ މީހުންނަށް މިތަންތަނުގެ ސެކިއުރިޓީ ދިނުން ވަރަށް ނުރައްކާ.
ރަނގަޅު ބަދަލްތަކެއް ސިޔާސީ ނުކޮށް ގެންނަން ޖެހޭ
29 December 2025
ތި ތަންތަނުގަ އެންމެ ބޮޑަށް ކުރަންވީ ކަމަކީ، ޒިންމާދާރު ނޫން ވެރިން އަދި ޒިންމާދާރު ނޫން މުވައްޒަފުން ވަކިކުރުން، އެކަން ނުކޮށް ތިތަންތަން ރަނގަޅެއް ނުވާނެ، އަދި ސިޔާސީ ކަންތަށް އޮތީ ގޮސް ބޮއްސުންލާފަ. އެންމެ ފީކަޅާ މީހުންވެސް މަގާމްތަކަށް ހިފާ ހިފުން އެބަ ޖެހޭ ހުއްޓުވެން.
އާދަނާ
28 December 2025
"އެމްޕީއެލްގެ ބައެއް ބަނދަރުތަކުގައި ސެކިއުރިޓީ ބްރީޗް ވުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ" ދެން އެއާޕޯޓުން ސިނގިރޭޓު ނެރެން ނޫޅޭނީތޯ! ކިތައްކަންތަށް ހިނގާފިތޯ! މީ މެރިޓައިމްއާ އޭވިއޭޝަން އެއްކޮށްލުން ކަހަލަ ކަމެއްނު!
ސައިބޯނި
28 December 2025
މިލިޓަރީ ވެރިކަމެއްގެ ފެށުން ދެން ޕުޓިން ހެދި ގޮތަށް ރައީސް ބަދަލު ނުވާގޮތަށް ޤާނުން ބަދަލު ކުރުން އެއްމެ އެދެވިގެން ވަނީ،، ރައީސް މައުމޫންގެ ވެރިކަން އަލުން ފެންނަން އުޅޭހެން ހާދަ އެބަ ހީވެޔޭ
ސާފު
28 December 2025
މިލިޓަރީ ވެރިކަމެއް ގެނެސްގެންވިޔަސް ގައުމުގެ އަޚުލާޤު ހަމަޔަކަށް އަޅުވަންޖެހޭ. މިގައުމުގެ ވެރިކަމަށް ރައްޔިތުން އިންތިޚާބުކުރަނީ އެއްވެސް އޮއްޓަރެއް ނުުހުންނަ މީހުންނާއި ބޭރު ގައުމުތަކުގެ އެޖެންޓުން.
ދޮންއާދަނު
28 December 2025
ޑިފެންސު ހިންގަނީ އޭއައި ބޭނުން ކޮށްގެން ހިއުމަން އިންވޯލްވްމެނަޓެއް ނެތިބާ.
ވެރިން
28 December 2025
ކޮއްމެ ބަޔަކު ސިކިއްރިޓީ ބެލެހެއްޓިޔަސް މިނައްވުރެން މީހާ ދަހިވެތިވެ ދުނިޔެއައް ހެލުނީމަކާ ދެން ކުރާނެ ކަމެއް ނޯއްނާނެ.
ސެކިއުރިޓީ
28 December 2025
މަރުހަބާ. މިއީ އެމް.ޕީ.އެލް އިން 2010 އަކުން ފެށިގެން މިކަން މިގޮތަށް ހަމަޖައްސައި ދިނުމަށް، ސަރުކާރުގައި އެދެމުން އަންނަކަމެއް. ޑރ. މުއިއްޒު މިކަން ނިންމަވައި ދެއްވީ.
ޖަމީލުބެ
28 December 2025
ރަނގަޅު ނިންމުމެއް ކަމަށް ފެންނަނީ