ޚަބަރު / އެމްއެމްއޭ

އެމްއެމްއޭ އިން މާލީ ހޭލުންތެރިކަން އިތުރުކޮށްދޭ ފެސްޓިވަލެއް

މާލީ ދާއިރާ އިން ޒުވާނުން ހޭލުންތެރިކުރުމަށް އެމްއެމްއޭ އިން ބާއްވާ ފެސްޓިވަލް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ތައާރަފު ކޮށްދެއްވަނީ.---ފޮޓޯ: އެމްއެމްއޭ

11 އޯގަސްޓް 2025 - 09:43

3 comments

މާލީ ދާއިރާއި އަދި އިސްލާމީ ފައިނޭންސަށް މީހުންގެ ހޭލުންތެރިކަން އިތުރު ކުރަން މަރުކަޒީ ބޭންކު އެމްއެމްއޭއިން "ތަމްވީލް ފިންލިޓް ފެސްޓް 2025" ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް އިއްޔެ ތައާރަފުކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ، މިއީ ފައިސާއާ ގުޅޭ ކަންކަން ޒިންމާދާރު ގޮތެއްގައި ކުރުމަށާއި އަދި އިސްލާމިކް ފައިނޭންސާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.

މި ފެސްޓިވަލްގެ މަގުސަދަކީ ދަރިވަރުންނާއި ޒުވާނުންނާއި އަދި މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމައެއް ބިނާކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"ތަމްވީލް ފިންލިޓް ފެސްޓް 2025" އިފްތިތާހު ކޮށްދެއްވީ އިއްޔެ ބޭއްވި ހަފުލާއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

މި ފެސްޓިވަލްގައި މައިގަނޑު ހަ ހަރަކާތެއް ހިމެނެ އެވެ. އެއީ:

● ފިންލިޓް ޗެލެންޖު

● އިކޮންކުއެސްޓް ބަހުސް މުބާރާތް

● އިމްޕެކްޓް ޕިޗް ޗެލެންޖު

● ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް

● ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް

● ކުރު ވީޑިއޯ ހެދުމުގެ މުބާރާތް

"މި ހަރަކާތްތަކުގައި އުފެއްދުންތެރިކަމާއި އައު އިޖާދީ ވިސްނުމާއި އައު ގޮތްތައް ހޯދުމަށް މަގުފަހި ކުރުމުގެ އިތުރުން ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށް ވުރެ ބޮޑަށް އިޖުތިމާއީ އަދި އިގުތިސާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ދެކުމަށް ބައިވެރީންނަށް އުނގަންނައިދެވޭނެ އެވެ،" މަރުކަޒީ ބޭންކުން ބުންޏެވެ.

ފައިނޭންޝަލް ލިޓްރަސީގެ މައިގަނޑު ބައިވެރިންގެ ގޮތުގައި ޒުވާނުން

އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖަކީ ލީގެއްގެ އުސޫލުން ކުރިއަށް ގެންދާ ކުއިޒް މުބާރާތެކެވެ. މި މުބާރާތް އަމާޒު ކޮށްފައި ވަނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ

ފައިސާ ރައްކާކުރުމާއި ބަޖެޓް ހެދުމާއި ހަލާލު އިންވެސްޓް ކުރުމާއި ރިސްކް ހިއްސާ ކުރުމާއި އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މައުލޫމާތު ވެސް މި މުބާރާތުގައި ޓެސްޓު ކުރެ އެވެ.

"މި ޗެލެންޖުގެ މަގުސަދަކީ ބައިވެރިންނަށް އަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމާ އެކު، ޝައުގުވެރިކަމާ އެކު، ދަސްކުރުމުގެ މާއައުލެއް ގާއިމުކުރުމެވެ،" އެމްއެމްއޭ އިން ބުންޏެވެ.

މާލީ ދާއިރާ އިން ޒުވާނުން ހޭލުންތެރިކުރުމަށް އެމްއެމްއޭ އިން ބާއްވާ ފެސްޓިވަލް ތައާރަފު ކުރުމުގެ ހަފުލާގައި ގަވަރުނަރު މުނައްވަރު އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްއެމްއޭ

އެ އިދާރާ އިން ބުނިގޮތުގައި، އިކޮންކުއެސްޓް ބަހުސް މުބާރާތުގައި އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް މުހިންމު އިގުތިސާދީ މައްސަލަތަކާ ބެހޭގޮތުން އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ބަހުސް ކުރުމުގެ ފުރުސުތު ލިބޭނެ އެވެ.

އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ވަށައިޖެހޭ މުޖުތަމައުއެއް ބިނާކުރުމާއި ދުނިޔޭގެ އިގުތިސާދީ ކުރިއެރުންތަކާ ހަމައަށް، ޒުވާން ބަހުސްވެރިންނަށް ގައުމީ އަދި ބައިނަލްއަގުވާމީ ދުނިޔޭގެ ގޮންޖެހުންތަކަށް އައު ހައްލުތައް ހުށަހެޅުމުގެ ފުރުސަތު ލިބި، އެ މީހުންގެ މަދަނީ ހޭލުންތެރިކަމާއި ވިސްނުން ވަރުގަދަ ވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އިސްލާމީ ފައިނޭންސިންގައި އައު ގޮތްތައް ހޯދުމަށް ހިތްވަރުދިނުން

ފެސްޓިވަލްގެ މައިގަނޑު އެއް ހަރަކާތަކީ "އިމްޕެކްޓް ޕިޗް ޗެލެންޖު" އެވެ.

އެ ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ އެމްއެމްއޭ އިން ބުނިގޮތުގައި، ރާއްޖޭގައި ފައިނޭންޝަލް ލިޓްރަސީ ކުރިއެރުވުމަށް ޝަރީއާއާ އެއްގޮތްވާ އައު ހައްލުތައް ހޯދުމަށެވެ.

އުމުރުން 18 އަހަރުން މަތީގެ ބައިވެރިންނަށް ހުޅުވާލާފައިވާ މި ޗެލެންޖު އަމާޒު ކޮށްފައި ވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ ފައިނޭންޝަލް ލިޓްރަސީ ޓޫލްތައް ތައްޔާރު ކުރުމާއި ހިދުމަތް ނުލިބޭ މުޖުތަމައުތަކަށް އެކުލެވޭ މާލީ ހައްލުތައް އުފެއްދުމާއި އަދި ފިންޓެކްގެ ޒަރީއާ އިން އިސްލާމީ ފައިނޭންސްގައި އައު ގޮތްތައް ހޯދުމެވެ.

މާލީ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ މި ފެސްޓިވަލަށް ޝޯޓް ލިސްޓްކުރާ ބައިވެރިން މި އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ބާއްވާ ބޫޓްކޭމްޕުގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ބޫޓްކޭމްޕު ކާމިޔާބުކުރާ މީހަކަށް 30,000ރ. އާ ހަމައަށް ފައިސާގެ އިނާމާއި ވިޔަފާރި ފަންޑިންް އާއި ކަމާ ގުޅޭ ފަރާތްތަކާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތު ވެސް ލިބެ އެވެ.

އުފެއްދުންތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދިނުން

މި ފެސްޓިވަލްގައި އުފެއްދުންތެރި އަދި ބިނާކުރަނިވި ހިޔާލުތައް ފާޅުކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

ފިއުޗާ ފައިނޭންސް މަޒުމޫނު މުބާރާތުގައި ބައިވެރިވާ ސްކޫލް ކުދިންގެ ވިސްނުމުގައި މާލީ ދާއިރާއާ ދެތޭރޭ ގެންގުޅޭ ތަސައްވަރު ހާމަކުރުމަށް ފުރުސަތު ލިބޭނެ އެވެ. "ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް" ގައި ޒުވާން ކުރެހުންތެރިންނަށް ހަމަހަމަ މާލީ ނިޒާމެއްގެ މުސްތަގުބަލެއް ކުރެހުމުގެ ޒަރީއާ އިން ދައްކުވައިދިނުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"ޑިޖިޓަލް ދާއިރާގެ ހުނަރުތައް ދެއްކުމަށްޓަކައި ފެސްޓިވަލްގެ ވީޑިއޯ ޗެލެންޖްގައި ބައިވެރިވުމަށް ވެސް އެމްއެމްއޭގެ ފިންލިޓް ފެސްޓިވަލް އިން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މުބާރާތުގެ ބައިވެރިން 15 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ވީޑިއޯތައް ހަދައިގެން ފައިނޭންޝަލް ލިޓްރަސީ އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.

މާލީގޮތުން ހޭލުންތެރި ގައުމެއް ބިނާކުރުން

އެމްއެމްއޭ އިން ބުނިގޮތުގައި، ތަމްވީލް ފިންލިޓް ފެސްޓްއަކީ އަދުގެ މާލީ މާހައުލެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދިވެހިންނަށް، ހާއްސަކޮށް ޒުވާނުންނަށް ދިނުމަށް އެ އިދާރާ އިް ކުރާ މަސައްކަތުގެ ތަސައްވުރެކެވެ. މި ފެސްޓިވަލްގެ ބޭނުމަކީ މާލީގޮތުން ޒިންމާދާރު، އަގު ހުރި ސިފަތަކެއް ލިބިފައިވާ އައު ޖީލެއް ބިނާކުރުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ، މި ފެސްޓިވަލާ ބެހޭ ފަހުގެ މައުލޫމާތުތައް މިކަމަށް ހާއްސަ ވެބްސައިޓުންނާއި އަދި އެމްއެމްއޭގެ ސޯޝަލް މީޑިއާ ހޭންޑަލްސްތަކުން ފޯރުކޮށްދޭނެ ކަމަށެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅަބޭ6

11 August 2025

ފުރަތަމަ ސަރުކާރުގެ ސިޔާސީ ވެރިން ފައިނޭންސް ދަސްކުރަންވީ.. 1+1=5 މީތި ރަނގަޅު ނޫންކަން އެމީހުން ދަސްކޮށްފަ އަހަރެމެނަށް ދަސްކޮށްދީ..

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

11 August 2025

ބަލަ ކަލޭމެން ކުރަން ޖެހޭ ކަމަކީ މިރާއްޖޭގައި ތަކެތި އަގުހެޔޮކުރުމަށް ޑޮލަރުގެ އަގު ކުޑަކުރުން. ޢެކަން ނުކޮށް މީހުން ގެ ފޯކަސް ގެއްލުވާލަން ކޮން ބޭކާރު މަސައްކަތެއް! ޙަމަ އަހާކީ!!!

The name is already taken The name is available. Register?

ޖީޒާ އާދަމް

11 August 2025

އިސްލާމިކް އެއީ މާކެޓްކުރުމަށް ބޭނުންކުރާ ޓޫލެއް. ސްކޭމަރުން ވަރަށްގިނަ އުކުޅުތައް ބޭނުންކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454