އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ހެދުމުގެ ފުރުސަތު ލިބުނު މީހަކާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ސްކޮލަޝިޕް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: އެމްއެމްއޭ
11 އޯގަސްޓް 2025 - 08:50
އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 މީހަކަށް އެމްއެމްއޭ އިން ސްކޮލާޝިޕް ދޫކޮށްފި އެވެ.
އެ ސްކޮލާޝިޕްތައް ރަސްމީކޮށް ހަވާލު ކޮށްދެއްވީ އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
މި ސްކޮލާޝިޕަށް ހޮވުނު މީހުންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
"މިއީ ވިޔަފާރިތަކާއި އިޖްތިމާއީ-އިގުތިސާދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ،" އެމްއެމްއޭ އިން ބުންޏެވެ.
މި ސްކޮލާޝިޕްތަކުގެ ތެރެއިން ފަސް ސްކޮލާޝިޕެއްގެ ހުރިހާ ހަރަދެއް ކުރާނީ އެމްއެމްއޭއިންނެވެ. ބާކީ 10 ސްކޮލަޝިޕްގެ އެއްބައި ދަރިވަރު އަތުން ހަރަދު ކުރަންޖެހެ އެވެ.
"އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒު ކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީއާ ފައިނޭންސްގެ ދާއިރާ އިން ދުނިޔޭގައި ފާހަގަކުރެވޭ އިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މިއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑާޝިޕް ހުނަރުތައް އިތުރު ކުރުމާއި އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމައުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެެ،" އެމްއެމްއޭ އިން ބުންޏެވެ.
އެ އިދާރާއިން ބުނިގޮތުގައި މި ސްކޮލާޝިޕްތަކަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުނު މަހުދީ
11 August 2025
އިސްލާމިކް ފައިނޭންސިންއަކީ "މިހާރު" ބޮޑު އޮޅުވާލުމެއް، މިހެންމިބުނަނީ އެއީ ހަމަކޮންވެންޝަނަލްއާއި އެއްގޮތްވާތީ، މިސާލަކަށް އަހަރެން އެޕާޓްމަންޓެއްގަތީ ބޭންކް މެދުވެރިކޮށް، އެތަން ބޭނުންކުރަން ނުލިބެނީސް އެތަނަށް އެބަޖެހޭ ކުލި ދައްކަން، މިއީ ހެއްވާކަމަކީ ! ގެއްލުމުގައި ބައިވެރިވަމޭ ކިޔާފަ އޭގެ އަނެއްކޮޅު. ފޮރުވިފައިވާ ބޮޑު އޮޅުވާލުމެއް